Roadha Mihaaru
"ބުރައްމަސްތުރާ" ގެ ފަހު މަންޒަރުތައް ނަގަނީ

"ބުރައްމަސްތުރާ" ގެ ފަހު މަންޒަރުތައް ނަގަނީ

17 ފެބުރުއަރީ 2021

ކަރަން ޖޯހަރްގެ ދަރުމާ އިން މީގެ ތިން އަހަރު ކުރިން ޝޫޓިން ފަށައި އަދި ވެސް ކޮޅެއްގައި ނުޖެހި އޮތް އުންމީދީ ބޮޑު ފިލްމު "ބުރައްމަސްތުރާ" ގެ ޝޫޓިންގައި ނުނިމި ހުރި މަންޒަރުތައް ނަގަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރްގެ ދަރުމާ އިން މީގެ ތިން އަހަރު ކުރިން ޝޫޓިން ފަށައި އަދި ވެސް ކޮޅެއްގައި ނުޖެހި އޮތް އުންމީދީ ބޮޑު ފިލްމު "ބުރައްމަސްތުރާ" ގެ ޝޫޓިންގައި ނުނިމި ހުރި މަންޒަރުތައް ނަގަން ފަށައިފި އެވެ.

ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވި 2013 ގެ "ޔެ ޖަވާނީ ހެ ދިވާނީ" ގެނެސްދިން އަޔާން މުކަރްޖީ ލިޔެ، ޑައިރެކްޓްކުރާ އެކްޝަން ފެންޓަސީ ފިލްމުގެ ޝޫޓިން މި ވަގުތު ކުރިއަށް ދަނީ މުމްބާއީގަ އެވެ.

މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ވަނީ "ބުރައްމަސްތުރާ" ގެ ސެޓުން ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކުގައި ޑައިރެކްޓަރާ އެކު ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ އިތުރުން ކާސްޓްގައި ހިމެނޭ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ތަރި ނާގުރްޖުނާ ވެސް ފެނިގެންދެ އެވެ.

އަމީތާބް ބައްޗަނާއި ޑިމްޕަލް ކަޕާޑިއާގެ އިތުރުން މޯނީ ރޯއި ވެސް ކާސްޓުން ފެންނާނެ "ބުރައްމަސްތުރާ" ގެ ވަރަށް ބޮޑު ބައި 2018 ގައި ވަނީ ބަލްގޭރިއާ އާއި ލަންޑަނާއި ނިއު ޔޯކް އަދި ސްކޮޓްލެންޑްގައި ނަގައިފަ އެވެ.

މި ފިލްމަކީ އެންމެ ފުރަތަމަ އޮގަސްޓް 15، 2018 އަށް ތާވަލުކުރި ފިލްމެކެވެ. އޭގެ ފަހުން އެކި ފަހަރު މަތިން މަސައްކަތް ލަސްވަމުން ގޮސް ފިލްމުގެ ޓީމުން އެ ރިލީޒްކުރާނެ ކަމަށް ބުނެ އެންމެ ފަހުން އިއުލާންކުރި ތާރީހަކީ މިދިޔަ އަހަރުގެ ޑިސެމްބަރު 4 އެވެ.

ނަމަވެސް ކޮވިޑް-19 އާ ހެދި މިދިޔަ އަހަރު މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫއެރުމުން ފިލްމު ނުގެނެސްދެވުނު އިރު، "ބުރައްމަސްތުރާ" ރިލީޒްކުރާނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. މި ފިލްމަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރަންބީރާއި އާލިއާ އެކީގައި ކުޅޭ ފުރަތަމަ ފިލްމެވެ.

ގާތްގަނޑަށް 300 ކްރޯޑް ރުޕީސް (14.3 މިލިއަން ޑޮލަރު) އިން ހަދާ "ބުރައްމަސްތުރާ" އަކީ ކަރަންގެ ދަރުމާ އިން މިހާތަނަށް ހަދާ އެންމެ ބޮޑު ބަޖެޓް ފިލްމެވެ. އަދި މި ފިލްމަކީ އަޔާން ގެނެސްދޭން ނިންމާފައިވާ ޓްރިލޮޖީއެއްގެ ފުރަތަމަ ބައެވެ.

"ބުރައްމަސްތުރާ" މި އަހަރު ރިލީޒްކުރާނެ ކަމަށް އުންމީދުކުރެވޭ އިރު، ކަރަންގެ ދަރުމާ އިން މިހާތަނަށް މި އަހަރަށް ތާރީހު އިއުލާންކުރި ހަމައެކަނި ފިލްމަކީ ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ އާއި އަނަންޔާ ޕާންޑޭއާ އެކު ގެނެސްދޭ "ލައިގާ" އެވެ. އެ ފިލްމު ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު 9 އަށެވެ.