Roadha Mihaaru
"ބުރައްމަސްތުރާ" އާ އެކު އަޔާން ޕްރޮޑިއުސަރަކަށް

"ބުރައްމަސްތުރާ" އާ އެކު އަޔާން ޕްރޮޑިއުސަރަކަށް

31 މެއި 2021

ރިލީޒްކުރާނެ އިރެއް އަދިވެސް ނޭނގޭ ފިލްމު "ބުރައްމަސްތުރާ" ގެ ޑައިރެކްޓަރު އަޔާން މުކަރްޖީ އެ ފިލްމާ އެކު ޕްރޮޑިއުސަރެއްގެ ތޮފި ވެސް އަޅައިފި އެވެ

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިލީޒްކުރާނެ އިރެއް އަދިވެސް ނޭނގޭ ފިލްމު "ބުރައްމަސްތުރާ" ގެ ޑައިރެކްޓަރު އަޔާން މުކަރްޖީ އެ ފިލްމާ އެކު ޕްރޮޑިއުސަރެއްގެ ތޮފި ވެސް އަޅައިފި އެވެ

ރަންބީރް ކަޕޫރާއި އާލިއާ ބަޓް ލީޑް ރޯލު ކުޅޭ "ބުރައްމަސްތުރާ" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ފޮކްސް ސްޓާ ސްޓޫޑިއޯ އިން ގުޅިގެން ހަދަން ފެށި ފިލްމެކެވެ. ނަމަވެސް މިހާރު މީގެ ޕްރޮޑަކްޝަން ހައުސްގެ ތެރެއަށް ވަނީ އަޔާން، 37، ގެ ކުންފުނި ސްޓާލައިޓް ޕިކްޗާޒް އިތުރުވެފަ އެވެ.

އެހެންވެ "ބުރައްމަސްތުރާ" އަކީ 2013 ގެ "ޔެ ޖަވާނީ ހޭ ދީވާނީ" އާއި 2011 ގެ "ވޭކަޕް ސިދު" ގެނެސްދިން ހުނަރުވެރި ޑައިރެކްޓަރަށް ޕްރޮޑިއުސަރެއްގެ ކްރެޑިޓް ލިބޭ ފުރަތަމަ ފިލްމެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަޔާން އަކީ ސްޓާލައިޓް ޕިކްޗާޒްގެ މެނެޖިން ޑިރެކްޓަރެވެ. އަދި އެ ކުންފުނީގެ ބޯޑް މެންބަރުންގެ ތެރޭގައި އޭނާގެ ބައްޕަ އަދު ކުރީގެ އެކްޓަރު ދޭބް މުކަޖްރީ އާއި ކަޒިން ދައްތަ ސްރީތީ މުކަރްޖީގެ އިތުރުން މަޝްހޫރު ޕީވީއާރް ސިނަމާގެ ހިންގާ ބިޖްލީ އާއިލާގެ މެމްބަރެއް ކަމަށްވާ ނިހާރިކާ ބިޖްލީ އެވެ.

ސްޓާލައިޓް ޕިކްޗާޒް ރަސްމީކޮށް ރަޖިސްޓްރީކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 1 ގަ އެވެ.

އަޔާން "ބުރައްމަސްތުރާ" އާ އެކު ޕްރޮޑިއުސަރަކަށް ބަދަލުވި އިރު 2018 ގެ ޖެނުއަރީގައި ޝޫޓިން ފެށި ފެންޓަސީ އެކްޝަން އެޑްވެންޗާ ފިލްމުގެ ޝޫޓިން އަދިވެސް އޮތީ ނިންމައިނުލެވި އެވެ. މަސައްކަތް ފެށި އިރު މި ފިލްމުގެ ބަޖެޓަކީ 150 ކްރޯޑް ރުޕީސް (20.72 މިލިއަން ޑޮލަރު) އެވެ. އެކަމަކު ރޭވި ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން ބަޖެޓް މިހާރު 300 ކްރޯޑަށް އަރާފައިވެ އެވެ.

ފިލްމު ރިލީޒްކުރާނެ ކަމަށް އެންމެ ފަހުން ރަސްމީކޮށް އިއުލާންކުރި ތާރީހަކީ މިދިޔަ އަހަރުގެ ޑިސެމްބަރު 4 އެވެ. ނަމަވެސް ކޮވިޑް-19އާ ހެދި އެކަން ނުވެ މި އަހަރު ފިލްމު ރިލީޒްކުރާނެ ކަމަށް ކުރިން ބެލެވުނަސް މި އަހަރު ވެސް އެ ފުރުސަތު ކުޑަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބައެއް މީޑިއާތަކުން ބުނީ އަންނަ އަހަރުގެ ހޫނު މޫސުމަށް މިހާރު ފިލްމު ފަސްކޮށްފައިވާ ކަމަށެވެ. އެކަމަކު އެކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ. ބައެއް ނޫސްތަކުން މިދިޔަ ހަފުތާގައި ބުނީ ފިލްމުގެ ޕްރޮމޯޝަނަށް މިހާރު ތައްޔާރުވަމުން އަންނާތީ ފިލްމުގެ 10 ޓީޒާއަކާއި 13 މޯޝަން ޕޯސްޓަރެއް މިހާރު ފައިނަލްކޮށްފައިވާ ކަމަށެވެ.

"ބުރައްމަސްތުރާ" އަކީ އަޔާން ގެނެސްދޭން ނިންމާފައިވާ ޓްރިލޮޖީއެއްގެ ފުރަތަމަ ބައެވެ. މީގެ ކާސްޓްގައި އަމީތާބް ބައްޗަނާއި ޑިމްޕަލް ކަޕާޑިއާ އާއި ނާގުރުޖުނާގެ އިތުރުން މޯނީ ރޯއި ވެސް ހިމެނެ އެވެ.