Roadha Mihaaru
"ބުރައްމަސްތުރާ" އިން އާލިއާ ނަގާ ފީ ކުޑަކޮށްފި

"ބުރައްމަސްތުރާ" އިން ރަންބީރާއި އާލިއާ ނަގާ ފީ ކުޑަކޮށްފި

05 މެއި 2020

މި އަހަރުގެ ޑިސެމްބަރު މަހަށް ތާވަލުކޮށްފައިވާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ބުރައްމަސްތުރާ" އިން އެ ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް ނަގާ ފީ އަމިއްލަ އަށް ބޭނުންވެގެން ކުޑަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ޑިސެމްބަރު މަހަށް ތާވަލުކޮށްފައިވާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ބުރައްމަސްތުރާ" އިން އެ ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް ނަގާ ފީ އަމިއްލަ އަށް ބޭނުންވެގެން ކުޑަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ޝޫޓިން ފެށި މި ފެންޓަސި އެޑްވެންޗާ ފިލްމަކީ މަސައްކަތްތައް ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ފިލްމެކެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަޔާން މުކަރްޖީ ޑައިރެކްޓްކުރާ ފިލްމުގެ ލީޑް ދެ ތަރިން، ފިލްމީ ދާއިރާގެ ހާލަތު މިހާރު އޮތްގޮތުންނާއި "ބުރައްމަސްތުރާ" ގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ހުރުމާ އެކު، އެ މީހުން ފިލްމު ނަގާ ފީން ބައެއް އުނިކޮށްފައިވާ އިރު، އަޔާން ވެސް އޭނާ އަށް ފިލްމުން ނަގާ އާމްދަނީން ބައެއް ވަނީ ކުޑަކޮށްފަ އެވެ.

ނަމަވެސް އެ މީހުންގެ އަގުން ކުޑަކުރީ ކިހާ ވަރެއް ކަމެއް ހާމައެއްނުކުރެ އެވެ. "ބުރައްމަސްތުރާ" އަކީ 150 ކްރޯޑް ރުޕީސް (20 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން މަސައްކަތް ފެށި ފިލްމެކެވެ.

ހަންގާމާ އިން ބުނިގޮތުގައި "ބުރައްމަސްތުރާ" ގެ ޝޫޓިންގެ ތެރޭގައި އަދި 40 ވަރަކަށް ދުވަހުގެ މަސައްކަތް ބާކީ އެބަހުއްޓެވެ. މިއާ އެކު މިއީ ވަރަށް ގިނަ އަދަދަކަށް ވީއެކްސް ހިމެނޭ ފިލްމަކަށްވާތީ އެކަމަށް ވެސް ބޮޑު ހަދަރެއްދާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އެ މަސައްކަތް ކުރިއަށް ދަނީ ފިލްމުގެ ހާއްސަ ފެނިލުމަކުން ފެންނާނެ ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓްގަ އެވެ.

ހަންގާމާ އިން ބުނީ ބަޖެޓް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްގެން "ބުރައްމަަސްތުރާ" ގެ ކުރިއަށް ހުރި މަސައްކަތްތައް ނިންމަން އަމާޒު ހިފާފައިވާ އިރު، ފިލްމުގެ ލީޑް ދެ ތަރިންނާއި ޑައިރެކްޓަރުގެ ފީން ބައެއް ކުޑަކުރި ނަމަވެސް، ފިލްމު ދައްކައިގެން ލިބޭ ފައިދާއިން އެ މީހުންނަށް ބައިއަޅާނެ އެވެ.

"ބުރައްމަސްތުރާ" އަކީ ދަރުމާ އިން ހަދާ ޓްރިލޮޖީއެކެވެ. މީގެ ފުރަތަމަ ބައި މި އަހަރުގެ ޑިސެމްބަރު 4 ތާވަލުކޮށްފައި ވިޔަސް މި އަހަރު ފިލްމު ސިނަމާތަކަށް އައުމުގެ ފުރުސަތު ކުޑަކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ދަރުމާ އިން އަދި އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

ކޮރޯނާވައިރަހާ އެކު މި އަހަރުގެ ބޮލީވުޑް ކަލަންޑަރު ވަނީ ހަރާބުވެފަ އެވެ.

"ބުރައްމަސްތުރާ" އަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރަންބީރާއި އާލިއާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަނާއި ޑިމްޕަލް ކަޕާޑިއާ އާއި ނާގުރްޖުނާ އަކިނޭނީގެ އިތުރުން މޯނީ ރޯއި ހިމެނެ އެވެ.