Roadha Mihaaru
ރަންބީރްގެ މައިންބަފައިންގެ ރޯލަށް ދީޕިކާގެ ދެމަފިރިން

"ބުރައްމަސްތުރާ" ގައި ރަންބީރް ކަޕޫރްގެ މައިންބަފައިންގެ ރޯލަށް ދީޕިކާ ޕަދްކޯންގެ ދެމަފިރިން

22 ފެބުރުއަރީ 2020

މީގެ ދުވަސްތަކެއް ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަހަރު ރިލީޒްކުރާ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ފެންޓަސީ ޓްރިލޮޖީ "ބުރައްމަސްތުރާ" ގެ ދެވަނަ ބައި ވަނީ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯނަށް ހުށަހަޅައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދުވަސްތަކެއް ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަހަރު ރިލީޒްކުރާ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ފެންޓަސީ ޓްރިލޮޖީ "ބުރައްމަސްތުރާ" ގެ ދެވަނަ ބައި ވަނީ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯނަށް ހުށަހަޅައިފަ އެވެ.

މި ފިލްމާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން މި އަހަރުގެ ޑިސެމްބަރު މަހުގެ 4 ގައި ރިލީޒްކުރާ ފިލްމުގެ ފުރަތަމަ ބައިގެ ހާއްސަ ފެނިލުމަކުން ވެސް ޒުވާން ދެމަފިރިން ފެންނާނެ އެވެ. އެ މީހުން ފެންނާނީ ރަންބީރުގެ ކެރެކްޓާ ޝިވާގެ މައިންބަފައިންގެ ރޯލުންނެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުރަތަމަ ބައިގައި ދައްކުވައިދޭ ގޮތުން ވަރަށް ޅަ އުމުރުގައި ރަންބީރުގެ މައިންބަފައިން ވަކިވެގެންދާ އިރު، ރަންވީރާއި ދީޕިކާ އެ މީހުންގެ އަސްލު އުމުރުގައި ފިލްމުން ދައްކުވައި ދޭނެ އެވެ. ނަމަވެސް އެ ދެ މީހުންގެ ކެރެކްޓާތަކުގެ މައިގަނޑު ވާހަކަ ކިޔައިދޭނީ ފިލްމުގެ ދެވަނަ ބައިގަ އެވެ.

މި ސަބަބާ ހުރެ "ބުރައްމަސްތުރާ" ގެ ދެވަނަ ބަޔާއި ތިން ބައިން ރަންބީރާއި އާލިއާ ފެނުމުގެ ފުރުސަތު ކުޑަ އެވެ. ނޫސްތަކުން ބުނާ ގޮތުގައި "ބުރައްމަސްތުރާ" ގެ ވާހަކަ ޑައިރެކްޓަރު އަޔާން ކުމަރްޖީ ފައްކާކޮށްފައި ވަނީ ކޮންމެ ބަޔަކުން ވެސް މުޅިން ތަފާތު ކާސްޓެއް ދައްކުވައިދޭ ގޮތަށެވެ.

ރަންވީރާއި ދީޕިކާއާ ގުޅުވައިގެން ފިލްމުގެ ދެވަނަ ބައިގެ ވާހަކަ މީޑިއާތަކުން ދައްކަމުން ދިޔަޔަސް އަޔާނާއި ޕްރޮޑިއުސަރު ކަރަން ޖޯހަރު އަދި މިހާތަނަށް އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. އެ މީހުންގެ ފޯކަސް މިހާރު ހުރީ ފުރަތަމަ ބައި ސިނަމާތަކަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތަށެވެ.

ރަންބީރުގެ މައިންބަފައިންގެ ގޮތުގައި ރަންވީރާއި ދީޕިކާ ފެނުމަކީ ބެލުންތެރިންނަށް ވަރަށް އާދަޔާހިފާލު ކަމަކަށް ވާނެ އެވެ. ސަބަބަކީ ދީޕިކާ އަކީ ރަންބީރްގެ ކުރީގެ ލޯބިވެރިއާ އަށްވުމެވެ.

ޖުމްލަ 150 ކްރޯޑް ރުޕީސް (21 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ގެނެސްދޭ "ބުރައްމަސްތުރާ" އަކީ ކަރަންގެ ފިލްމު ކުންފުނި ދަރުމާ އިން މިހާތަނަށް ގެނެސްދޭ އެންމެ ތަފާތު ފިލްމަށް ވާނެ އެވެ. އަދި މިއީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ވެސް މެ އެވެ.

"ބުރައްމަސްތުރާ" ގެ ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަނާއި ޑިމްޕަލް ކަޕާޑިއާ އާއި މޯނީ ރޯއި ނާގުރްޖުނާ އަކިނޭނީގެ އިތުރުން ޕްރަތީކް ބައްބަރް ހިމެނެ އެވެ. އަދި ފިލްމުގެ ހާއްސަ ފެނިލުމަކުން ޝާހްރުކް ޚާން ވެސް ފެންނާނެ އެވެ.