Roadha Mihaaru
"ބުރައްމަސްތުރާ" ގެ ޑިޖިޓަލް ޕްރިމިއާއާ ކަރަން ދެކޮޅު

"ބުރައްމަސްތުރާ" ގެ ޑިޖިޓަލް ޕްރިމިއާއާ ކަރަން ޖޯހަރް ދެކޮޅު

24 ނޮވެމްބަރ 2020

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަޝަނުން ހަދަން ފެށި ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑަށް ދިގުލައިގެން ގޮސްފައިވާ ފިލްމު "ބުރައްމަސްތުރާ" ގެ ޑިޖިޓަލްކޮށް ޕްރިމިއާކުރަން ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ހުށަހެޅުމުން ކަރަން އެކަން ގަބޫލުނުކޮށް ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަޝަނުން ހަދަން ފެށި ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑަށް ދިގުލައިގެން ގޮސްފައިވާ ފިލްމު "ބުރައްމަސްތުރާ" ގެ ޑިޖިޓަލްކޮށް ޕްރިމިއާކުރަން ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ހުށަހެޅުމުން ކަރަން އެކަން ގަބޫލުނުކޮށް ދޫކޮށްލައިފި އެވެ.

އަޔާން މުކަރްޖީ ޑައިރެކްޓްކުރާ މި ފިލްމަކީ އެކްޝަން ފެންޓަސީއެކެވެ. "ބުރައްމަސްތުރާ" އަކީ އަޔާން ޓްރިލޮޖީއެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ ފިލްމުގެ ފުރަތަމަ ބައެވެ. މި ފިލްމު އެންމެ ފުރަތަމަ ސިނަމާތަކަށް ގެންނާނެ ކަމަށް އިއުލާންކުރީ އޮގަސްޓް 15، 2018 ގަ އެވެ. ނަމަވެސް ފިލްމުގެ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި ވަނިކޮށް، އެންމެ ފަހުން ފިލްމު ރިލީޒްކުރާނެ އާ ތާރީހަކަށް ނިންމާފައި އޮތީ އަންނަ މަހުގެ 4 އެވެ.

އެކަމަކު އަދިވެސް "ބުރައްމަސްތުރާ" ގެ ޝޫޓްކުރަން ޖެހޭ މަންޒަރުތަކެއް ހުރުމާއި ވީއެފްއެކްސްގެ ބޮޑެތި މަސައްކަތްތައް ވެސް ނުނިމި ހުރުމުން މި ފިލްމު މި އަހަރު ރިލީޒްވުމުގެ އެއްވެސް އުންމީދެއް ނެތެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ފިލްމު ވަރަށް ބޮޑަށް ދިގުލައިގެންދާތީ އޭގެ ޕްރޮޑަކްޝަން ހައުސްއެއްގެ ގޮތުގައި ހިއްސާވާ ފޮކްސް ސްޓާ ސްޓޫޑިއޯ އަށް ވެސް ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ވަނީ ޑިޖިޓަލް ޕްރިމިއާ ހުށަހަޅައިފަ އެވެ. ނަމަވެސް ކަރަން ހުރީ އެކަމާ ރުހޭ ގޮތަކަށް ނޫނެވެ.

މީޑިއާތަކުން ބުނީ "ބުރައްމަސްތުރާ" އަކީ ބޮޑު ބަޖެޓަކުން ހަދާ ވަރަށް އުންމީދީ ބޮޑު ފިލްމަކަށްވެފައި، މީގައި ވަރަށް އާދަޔާހިލާފު ވީއެފްއެކްސް ވެސް ހުންނާނެތީ މިއީ ބޮޑު ސްކްރީނުގައި ބެލުންތެރިން ތަޖުރިބާކުރަން ޖެހޭ ޒާތުގެ ފިލްމެކެވެ. އެހެންވެ ޑިޖިޓަލްކޮށް ފިލްމު ގެނެސްދޭކަށް ކަރަން ބޭނުމެއް ނޫނެ އެވެ.

"ބުރައްމަސްތުރާ" ވާނުވާގައި އޮތް އިރު، ދާދި ފަހުން ފޮކްސް ސްޓާ އިން ވަނީ ފިލްމުގެ ޑްރާފްޓް ކަޓެއް ދައްކައިލި އިރު، އެ ދިގުކަމުން ފިލްމުން ގާތްގަނޑަކަށް 25-30 މިނިޓް އުނިކުރަން ވެސް އެދިފަ އެވެ. އެކަމަކު އަޔާން ހުރީ އެކަމާ ރުހޭ ގޮތަކަށް ނޫނެވެ.

އަޔާން އަކީ "ޔެ ޖަވާނީ ހެ ދީވާނީ" އާއި "ވޭކް އަޕް ސިދު" ގެނެސްދިން ޑައިރެކްޓަރެވެ.

"ބުރައްމަސްތުރާ" ގެ މައި ކާސްޓްގައި ހިމެނެނީ ރަންބީރް ކަޕޫރާއި އާލިއާ ބަޓާއި އަމީތާބް ބައްޗަނާއި ޑިމްޕަލް ކަޕާޑިއާ އާއި ނާގުރްޖުނާ އަކިނޭނީ އާއި މޯނީ ރޯއި އެވެ. މީގެ ހާއްސަ ފެނިލުކަމުން ޝާހްރުކް ޚާން ވެސް ފެންނާނެ އެވެ.