Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

14 ޑިސެމްބަރ 2020

ކުރިން މި އަހަރު ރިލީޒްކުރަން ނިންމާފައި ފަހުން އަންނަ އަހަރަށް ފަސްކުރި އަޖޭ ދޭވްގަންގެ ކުޅިވަރު ފިލްމު "މައިދާން" ރިލީޒްކުރަން އާ ތާރީހެއް އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން މި އަހަރު ރިލީޒްކުރަން ނިންމާފައި ފަހުން އަންނަ އަހަރަށް ފަސްކުރި އަޖޭ ދޭވްގަންގެ ކުޅިވަރު ފިލްމު "މައިދާން" ރިލީޒްކުރަން އާ ތާރީހެއް އިއުލާންކޮށްފި އެވެ.

އެންމެ ފުރަތަމަ މި މަހުގެ 11 ގައި ގެނެސްދޭ ގޮތަށް ނިންމުމަށް ފަހު ކޮވިޑް-19އާ ހެދި އަންނަ އަހަރުގެ އޮގަސްޓް 14 އަށް ފަސްކުރި ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 15 ގަ އެވެ. އާ ތާރީހާ އެކު "މައިދާން" ގެ އާ ޕޯސްޓަރެއް ވެސް ވަނީ ދައްކާލައިފަ އެވެ.

މި ފިލްމަކީ ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކޮށް، އަމިތު ޝަރުމާ ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ އަކީ 2018 ގެ "ބަދާއީ ހޯ" ގެނެސްދިން ޑައިރެކްޓަރެވެ.

"މައިދާން" އަކީ އިންޑިއާގެ ޒަމާނީ ފުޓްބޯޅައިގެ ބައްޕަ ސައިދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގެ ޝޫޓިންގެ 65 ޕަސަންޓް ނިމިފައިވާ އިރު ބާކީ ހުރި މަންޒަރުތައް ނެގުމުގެ މަސައްކަތް އަންނަ އަންނަ މަހުގެ ތެރޭގައި ފަށާނެ އެވެ.

އަޖޭ މި ވަގުތު އަންނަނީ އޭނާ ކުޅެ، ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" ގެ މަސައްކަތްކުރަމުންނެވެ.

ރާހުލްގެ "ސަޔޯނީ" 18 ގައި

ދާދި ފަހުން ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯދި އެކްޓަރު ރާހުލް ރޯއިގެ އާ ފިލްމު "ސަޔޯނީ" ރިލީޒްކުރާ ތާރީހާ އެކު ފިލްމު ޕޯސްޓަރު ދައްކާލއިފި އެވެ.

މި މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ރާހުލް އަށް ސްޓްރޯކެއް ޖެހުނު އިރު ޝޫޓްކުރަމުން ދިޔަ ފިލްމު "އެލްއޭސީ: ލިވް ދަ ބެޓްލް" ގެ ޑައިރެކްޓަރު ނިތިން ކުމާރު ގުޕްތާ ހަދާފައިވާ ފިލްމެކެވެ. ރާހުލް ނުބައިބައި ރޯލެއް ކުޅެފައިވާ "ސަޔޯނީ" ގެ ލީޑް ކާސްޓުންނަކީ ތަންމޭ ސިންގް އާއި މުސްކާން ސޭތީ އެވެ.

"އާޝިީގީ" ކުޅެގެން މަޝްހޫރުވި ރާހުލް ވަނީ ނިތިން ޑައިރެކްޓްކުރާ "ސްޓްރޯކް" ކިޔާ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ.

ޝްރަދާ އާއި ރަންބީރްގެ ޝޫޓިން ޖެނުއަރީގައި

ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރް އެކީގައި ކުޅެން ސޮއިކޮށްފައިވާ ފުރަތަމަ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ 2018 ގައި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެނެސްދިން ލަވް ރަންޖަން ހަދާ މި ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން އަންނަ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ފަށާނީ ލަވްގެ އުފަން ސިޓީ ގަޒީއާބާދުގައި ކަމަށެވެ. އެގޮތުން އެ ސިޓީގައި ހުންނަ ލަވްގެ ގޭގެ ކައިރީގައި ވަރަށް ބިޔަ ރީތި ސެޓެއް ފިލްމު ޝޫޓްކުރަން ހަދާފައިވާ ކަމަށް ބުންޏެވެ.

ނަން އަދި އިއުލާން ނުކުރާ ފިލްމުގެ މަންޒަރުތަކެއް ނިއު ދިއްލީގެ އިތުރުން އިންޑިއާ އިން ބޭރުގައި ވެސް ނަގާނެ އެވެ.

މި ފިލްމުގެ ކާސްޓްގައި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.

އަބީޝެކަށް އާ ޑައިރެކްޓަރެއްގެ ފިލްމެއް

މުޅިން އަލަށް ޑައިރެކްޝަނަށް ނުކުންނަ އެކްޓަރު ތުޝާރު ޖަލޯޓާގެ ފިލްމަކަށް އަބީޝެކް ބައްޗަން ސޮއިކޮށްފި އެވެ.

މިއީ ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާ ފިލްމެކެވެ. ދާދި ފަހުން މީޑިއާތަކުން ބުނިގޮތުގައި އަބީޝެކް ވަނީ ދިނޭޝް ޕްރޮޑިއުސްކުރާ "ދާސްވީ" ކިޔާ ފިލްމަކަށް ސޮއިކޮށްފަ އެވެ. އަދި އޭގެ ބަތަލާއިންނަކީ ޔާމީ ގޯތަމާއި ނިމްރަތު ކޯރެވެ. ނަމަވެސް ތުޝާރު އަބީޝެކާ ހަދާ ފިލްމަކީ "ދާސްވީ" ކަމެއް އަދި ކަށަވަރެއް ނޫނެވެ.

ތުޝާރު ވަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކު "ޕަދުމާވަތު" އާއި "ރާމް-ލީލާ" ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

މި ފިލްމާ ބެހޭ ގޮތުން އަބީޝެކް ބުނީ މިއީ ލައިޓް-ހާޓެޑް ފިލްމެއް ކަމަށާއި މިއީ އަންނަ އަހަރު އޭނާ މަސައްކަތްކުރާނެ ޕްރޮޖެކްޓަތަކުގެ ތެރެއިން އެކަތި ކަމަށެވެ.

އަބީޝެކް މި ވަގުތު އަންނަނީ ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ "ބޮބް ބިސްވާސް" ގެ މަސައްކަތް ކުރަމުންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަޖޭ ޕްރޮޑިއުސްކޮށްފައިވާ "ދަ ބިގް ބުލް" ވެސް ހިމެނެ އެވެ.