Roadha Mihaaru
ކޮވިޑްގެ އެންމެ އަލާމާތެއް ހުއްޓަސް މިހާރު ޓެސްޓުކުރާނެ

ކޮވިޑްގެ އެންމެ އަލާމާތެއް ހުއްޓަސް މިހާރު ޓެސްޓުކުރާނެ

10 ޖެނުއަރީ 2021

ކޮވިޑް-19 ގެ ޖެހުމުން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރެއިން އެންމެ އަލާމާތެއް ފެނުނަސް އެ މީހަކު ބައްޔަށް ޓެސްޓުކުރަންޖެހޭ ގޮތަށް ކޮވިޑް-19 ގެ ޑިފިނިޝަން ބަދަލުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ ޖެހުމުން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރެއިން އެންމެ އަލާމާތެއް ފެނުނަސް އެ މީހަކު ބައްޔަށް ޓެސްޓުކުރަންޖެހޭ ގޮތަށް ކޮވިޑް-19 ގެ ޑިފިނިޝަން ބަދަލުކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ރިވައިޒްކުރި ކޮވިޑް-19 ގެ ކޭސް ޑެފިނިޝަން ރާއްޖޭގައި މި ބަދަލުކުރީ ކޮވިޑްގެ އާ ވޭރިއަންޓް ތަކާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް އެ ބަލީގެ ޑެފިނިޝަން ބަދަލުކޮށްފައިވާތީ އެވެ. އާ ކްރައިޓީރިއާ އެޗްޕީއޭ އިން އިއްޔެ ވަނީ އާއްމުކޮށްފަ އެވެ.

އާ ޑެފިނިޝަންގައި ވާ ގޮތުން ކޮވިޑަށް ޝައްކުރެވޭ އަލާމާތެއް ކަމަށް ބަލާ ކަންތައްތަކުގެ ތެރެއިން އެންމެ ކަމެއް ފެނުމާ އެކު އެޕިޑެމިއޮލޮޖިކަލް ގޮތުން ބަލާ ކަންތައްތައްތަކުގެ ތެރެއިން އެންމެ ކަމެއް ހުއްޓަސް އެއީ ބައްޔަށް ޝައްކުކުރެވޭ މީހެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭނެ އެވެ.

ކްލިނިކަލް ކްރައިޓީރިއާ

މީގެ ތެރެއިން އެންމެ އަލާމާތެއް ހުއްޓަސް އެ މީހަކީ ކްލިނިކަލް ކްރައިޓީރިއާ އިންް ކޮވިޑަށް ޝައްކުކުރެވޭ މީހެއްގެ ގޮތުގައި މިހާރު ބަލާނެ އެވެ.

- ކެއްސުން

- ހުން އައުން

- ނޭވާކުރުވުން

- ވަސް ނުދުުވުން ނުވަތަ ރަހަނުލުން

މީގެ އިިތުރުން ބޮލުގައި ރިއްސުން ނުވަތަ ކަރުގައި ރިއްސުމާ އެކުގައި ނޭފަތުން ފެން އައުން ނުވަތަ ވަރުބަލިވުމާ އެކު ހުން އައުން ފަދަ ދެ ކަމެއް އެކުގައި ވުމަކީ ވެސް ކްލިނިކަލް ގޮތުން ކޮވިޑަށް ޝައްކުކުރެވޭ މީހެއް ކަމަށް ބަލަން ޖެހޭ ހާލަތެކެވެ.

އެޕިޑެމިއޮލޮޖިކަލް ކްރައިޓީރިއާ

- ބަލި ފެތުރުމުގެ ނުރައްކާ އޮތް ތަނަކަށް މިދިޔަ 14 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައި ވުން

- އެފަދަ ސަރަހައްދަކުން އަންނަ މީހަކާ ބައްދަލުވެފައި ވުން

- ސިއްހީ ހިދުމަތްދޭ ތަނަަކަށް ޒިޔާރަތްކޮށްފައިވުން ނުވަތަ އެފަދަ ތަނެއްގައި މަސައްކަތް ކޮށްފައިވުން

ކޮވިޑަށް ޝައްކުރެވޭ މީހަކަށް ވުމުގެ އިތުރުން "ޕްރޮބަބްލް ކޭސް" އަކަށް ނުވަތަ ކޮވިޑް ޖެހިފައިވާ މީހެއް ކަމަށް ބެލެވިދާނެ ގޮތްތައް ވެސް އާ ޑެފިނިޝަންގައި ހިމެނެ އެވެ. އޭގެ ފުރަތަމަ ކަމަކީ ކްލިނިކަލް ކްރައިޓީރިއާ އަށް ފެތުމާ އެކު ކޮވިޑްކަން ކަށަވަރުވާ ކޭސްއަކާ ގުޅިފައި ވުމެވެ. ދެ ވަަނަ ކަމަކީ މޭގެ އެކްސްރޭ ނުވަތަ ސްކޭނަކުން ކޮވިޑާ ވައްތަރު ކަންތައްތަކެއް ފެންނަން ހުރުމެވެ. ކޮވިޑްގެ ކޮންފޯމްޑް ނުވަތަ ޕްރޮބަބްލް ކޭސްއެއްގެ ކޮންޓެކްޓަކަށް ވާ މީހަކު ސަބަބެއް ނޭނގި މަރުވުމުން ވެސް ބަލާނީ ޕްރޮބަބްލް ކޭސްްއެއް ކަމަށެވެ.

ހުރިހާ އެންމެން ވެސް ޓެސްޓްކުރަން ޖެހޭ

އާ ޑެފިނިޝަން އާއްމުކުރަން އެޗްޕީއޭ އިން ރޭ ނެރުނު ބަޔާނުގައި، ސިއްހީ ހިދުމަތްދޭ ތަންތަނަށާއި އަތޮޅުތެރޭގެ ޓާސްކްފޯސްތަކަށް އިރުޝާދު ދީފައި އޮތީ ކޮވިޑަށް ޝައްކުރެވޭ ނުވަތަ ޕްރޮބަބްލް ކޭސްްއެއްގެ ގޮތުގައި ބެލެވޭ އެއްވެސްް މީހަކު އެ ބައްޔަށް ޓެސްޓް ނުކޮށް ދޫ ނުކުރުމަށެވެ. އެގޮތުން އެފަދަ ބަލި މީހަކު ފެނުމާ އެކު ވަގުތުން ސާމްޕަލް ނަގަން ވެސް އެޗްޕީއޭގެ އިރުޝާދުގައިވެ އެވެ.

"ކޮވިޑް-19 އަށް ޝައްކުރެވޭ ނުވަތަ ޕްރޮބަބްލް ހުރިހާ ކޭސްއެއްގައި ވެސް ޕީސީއާރް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަން މިހާރު ވަނީ ކަނޑައަޅައިފަ އެވެ. ކްލިނިކަލް އަދި އެޕިޑެމިއޮލޮޖިކަލް ކްރައިޓީރިއާއަށް ފެތޭ މީހުންނަށްް ސިއްހީ ހިދުމަތްދޭ ތަންތަނުން ފަރުވާކުރުމަށް ފަހު ޓެސްޓްނުކޮށް ދޫކޮށްލާކަން އެޗްޕީއޭ އަށް ވަނީ ފާހަގަކުރެވިފައެވެ. މިހެން ވުމުން ނޭނގި ބަލި ފެތުރެން މެދުވެރިވެ އެވެ،" އެޗްޕީއޭގެ ބަޔާނުގައިވެ ބުނެފައިވެ އެވެ.

މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަކީ އަލާމާތްތައް ފެނުނު ނަމަވެސް އެހެން ބައެއް ކަންތައްތައް ފުރިހަމަ ނުވާ ނަމަ ޓެސްޓް ނުކުރުމެވެ. އަދި ކޮންޓެކްޓަކަށް ވެއްޖެ ނަމަ 14 ދުވަސް ވަންދެން އައިސޮލޭޓް ކުރުމަށް ފަހު ޓެސްޓްކުރުމެވެ.

ކޮވިޑަށް މީހުން ޓެސްޓް ކުރަން އަވަސްކުރުމުގައި މިގޮތަށް އަމަލުކުރަން، ރިސޯޓްތަކާއި ގެސްޓްހައުސް ތަކުގެ މެނޭޖްމަންޓްތަކަށް މިހާރު ވަނީ އިރުޝާދު ދީފަ އެވެ. ނަމަވެސް ކޮވިޑަށް ޓެސްޓްކުރުމުގައި އެންޓިޖެން ޓެސްޓް ނުވަތަ އެންޓިބޮޑީ ޓެސްޓް ހަދަން އެޗްޕީއޭ އިން ރިކޮމެންޑެއް ނުކުރެ އެވެ. އެކަމަށް ވަކި ގައިޑްލައިނެއް ވަނީ ހަދައިފަ އެވެ.