Roadha Mihaaru
އެމެރިކާގެ ލޯނުތައް ދެއްކުން ރާއްޖެ އަށް ފަސްކޮށްދީފި

އެމެރިކާގެ ލޯނުތައް އަނބުރާ ދެއްކުން ރާއްޖެ އަށް ފަސްކޮށްދީފި

31 ޑިސެމްބަރ 2020

ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު "ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް" އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު "ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް" އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

ސްރީ ލަންކާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެ އިން ލަންލާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގެވެ. އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލައިނާ ޓެޕްލިޓްޒް އެވެ.

އެމެރިކާގެ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ 100،000 ޑޮލަރުގެ ޑެޓް ރިލީފް އެއްބަސްވުމެއް ކަމަށެވެ.

އެމެރިކާގެ އެމްބެސެޑަރު ކުރެއްވި ޓްވީޓު--

މި އެއްބަސްވުމުގެ ނަތީޖާއަކީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވި އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް އިތުރު އެހީއަކަށް ވުން ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ. މީގެ ސަބަބުން ދަރަނި މެނޭޖު ކުރުމުގައި އިތުރު ލުއިތަކެއް ލިބޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ދަރަނި އަދާކުރުން ފަސްކުރުމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ބައެއް ގައުމުތަކާއެކު ސޮއިކުރައްވައިފަ އެވެ. މީގެ ތެރޭގައި އެމެރިކާ ވެސް ހިމެނެ އެވެ.

"ޖީ20 ޑެޓް ސަސްޕެންޝަން އިނިޝިއޭޓިވް" ގެ ދަށުން ޗައިނާ އާއި ޖަޕާނުން ވެސް ވަނީ ރާއްޖޭގެ ލޯނުތައް ފަސްކޮށްދޭން ނިންމައިފަ އެވެ.