Roadha Mihaaru
ފަހު ވަގުތު މޮޅުވެ ޔުނައިޓެޑް ދެ ވަނަ އަށް

ފަހު ވަގުތު މޮޅުވެ ޔުނައިޓެޑް ދެ ވަނަ އަށް

30 ޑިސެމްބަރ 2020

ލަންޑަން (ޑިސެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު މާކަސް ރެޝްފޯޑް ވައްދާލި ގޯލުން 1-0 އިން ވުލްވްސް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ލީގުގެ ދެ ވަނަ އަށް އަރައިފި އެވެ.

ލަންޑަން (ޑިސެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު މާކަސް ރެޝްފޯޑް ވައްދާލި ގޯލުން 1-0 އިން ވުލްވްސް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ލީގުގެ ދެ ވަނަ އަށް އަރައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް 15 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ދެ ވަނަ އަށް ޖެހިލީ 15 މެޗުން 30 ޕޮއިންޓް ހަަމަކޮށްގެންނެވެ. ލީގުގައި މިރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން ލިވަޕޫލް މޮޅުވެއްޖެނަމަ އިތުރަށް އެއް މެޗު ކުޅެގެން އެ ޓީމުގެ ލީޑު ފަސް ޕޮއިންޓަށް ފުޅާކުރެވޭނެ އެވެ.

ޔުނައިޓެޑް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ވުލްވްސްގެ ރަމޮސް ސައީސް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭގެ ތެރެއިން އެއް ބޯޅަ ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅައެއް ވުލްވްސް ކީޕަރު ރުއީ ޕެޓްރީޝިއޯ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގައި ޔުނައިޓެޑްގެ އެޑިންސަން ކަވާނީ ޖެހި ގޯލެއް އޮފްސައިޑް ކަމަށް ނިންމިއިރު، ވުލްވްސްގެ ފުލްބެކް އައިޓް-ނޫރީ ޖެހި ބޯޅައެއް ޔުނައިޓެޑް ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓް ތެރޭގައި ރެޝްފޯޑް ޔުނައިޓެޑް މޮޅުކޮށްދިނީ އޭރިއާ ތެރެއިން ކާމިޔާބުކުރި ގޯލަކުންނެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ސައީސް ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮހެވެ.

ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެ ޕޮއިންޓަށް ފަރަގުކުޑަކުރި ނަމަވެސް ޔުނައިޓެޑަކީ ލީގަށް ވާދަކުރާ ޓީމެއް ކަމަށް ދައްކާ ވާހަކަތަކަށް މި ވަގުތު މާ ބޮޑު ސަމާލުކަމެއް ނުދޭނެކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ބުނެފަ އެވެ.

"ފަނަރަ މެޗަށް ފަހު ތަށި ހޯދާ ޓީމުގެ ވާހަކައެއް ނުދެއްކޭނެ. ފުރަތަމަ 10 މެޗުން އެންމެ ކުރީގައި އޮތް ޓީމަކީ ވެސް އެކަން ކުރެވޭނެ ޓީމެއް ނޫން. މީގައި ބޭނުންވަނީ 30 ވަނަ މެޗާ ހަމައަށް ރަނގަޅު ފޯމެއްގައި އޮންނަން. އޭރުން ތަށި ހޯދުމުގެ ރޭހުގެ ވާހަކައިގައި އަހަރެމެންނަށް ވާހަކަ ދެއްކިދާނެ،" ސޯލްޝެއާ ބުންޏެވެ.

އާސެނަލްގެ ލަކަޒޭޓް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ލަކަޒޭޓް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

އާސެނަލް ރޭ ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި ބްރައިޓަން އަތުން 1-0 އިން މޮޅުވެފަ އެވެ. މެޗުގެ ހަމައެކަނި ގޯލު އާސެނަލަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓް އެވެ. އޭނާ މި ލަނޑު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިޔާ ބުކާޔޯ ސަކާ ދިން ބޯޅައަކުންނެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 އިން ބާންލީ މޮޅުވިއިރު، ސައުތެމްޓަން އާއި ވެސްޓް ހޭމް ޔުނައިޓެޑް މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މާސެލޯ ބިއެލްސާގެ ލީޑްސް ޔުނައިޓެޑް ވަނީ 5-0 އިން ވެސްޓް ބްރޮމް ބަލިކޮށްފަ އެވެ.