Roadha Mihaaru
އިންޑިއާ އާއި ތިނަދުއާ ދެމެދު ކާގޯ ދަތުރުތައް ފަށައިފި

އިންޑިއާ އާއި ތިނަދުއާ ދެމެދު ކާގޯ ދަތުރުތައް ފަށައިފި

22 ޑިސެމްބަރ 2020

އިންޑިއާގެ ޓުޓިކޮރިން އާއި ގދ. ތިނަދުއާ ދެމެދު މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ކާގޯ ދަތުރުތައް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް ގދ. ތިނަދޫއިން އިދުހާމް ނައީމް

އިންޑިއާގެ ޓުޓިކޮރިން އާއި ގދ. ތިނަދުއާ ދެމެދު މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ކާގޯ ދަތުރުތައް މިއަދު ފަށައިފި އެވެ.

މި ދަތުރުތައް ފެށުމުގެ ގޮތުން އެމްއެސްއެސްގެ "އެމްވީ ބޮންތި 2" ވަނީ މިއަދު ތިނަދު އަށް ބަނދަރުކޮށްފަ އެވެ. އެ ބޯޓު ތިނަދު އަށް ބަދަރު ކުރީ 400 ޓަނުގެ ކާގޯއާ އެކު އެވެ.

އެމްއެސްއެސްގެ ދަތުރުތައް ތިނަދު އަށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މިއީ ދެކުނުގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ފެށުން ކަމަށެވެ. އަދި މީގެ ސަބަބުން ހުވަދު އަތޮޅުގެ ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި މުދާ ލިބި، އަތްފޯރާފަށުގައި ރައްޔިތުންނަށް މުދާ ފޮރުކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މި ނިޒާމު ކައިރި ގައުމުތަކަށް ގުޅާލެވި، އެކަށީގެންވާ އަވަސް ހިދުމަތްތަކެއް، އެކަށީގެންވާ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން. ހަގީގަތަކީ ކަނެކްޓިވިޓީ އިތުރުވުމުން ތަކެތީގެ އަގު ހެޔޮވެގެންދާނެކަން،" ނަހުލާ ވިދާޅުވި އެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ ފުރަތަމަ ދަތުރުގައި 400 ތަނުގެ މުދާ ގެނައި ނަމަވެސް ކުރިއަށް އޮތްތާނގައި ބޯޓު ފުރެންދެން މުދާ ގެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން ދެކުނުގެ ވިޔަފާރިވެރިންނަށް މުދާ ގެނައުމުގައި ލުއި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވިގޮތުގައި ހުވަދު އަތޮޅަށް ފެށި ކާގޯ ހިދުމަތާ އެކު އެ ދާއިރާއިން ވަޒީފާގެ ފުރުސަތު ވެސް އެ އަތޮޅުގެ ރައްޔިތުންނަށް ހުޅުވާލާނެ އެވެ.

"މި ދަތުރުތަކާއެކު އަޅުގަނޑުމެން އުއްމީދު ކުރަނީ މި ރީޖަންގައި ސީ ފެއަރާސް އާއި އެކަމަށް ޝައުގުވެރިކަން ހުރި މީހުން އަޅުގަނޑުމެންގެ ބޯޓުފަހަރުގައި މަސައްކަތް ކުރާނެ ކަމަށް. މި ދަތުރުތަކަކީ ހުވަދު އަތޮޅުގެ ޒުވާން ވިޔަފާރިވެރިންނަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް،" ސައީދު ވިދާޅުވި އެވެ.

ތިނަދުއާ ޓުޓިކޮރިންއާ ދެމެދު ދަތުރުތައް ފެށުމަށް ބޭނުން ކުރި އެމްވީ ބޮންތި 2-- ފޮޓޯ: އެމްއެސްއެސް

ތިނަދުއާ ޓުޓިކޮރިންއާ ދެމެދު ދަތުރުތައް ފެށުމަށް ބޭނުން ކުރި އެމްވީ ބޮންތި 2-- ފޮޓޯ: އެމްއެސްއެސް

މި ހިދުމަތާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މިއީ ހުވަދު އަތޮޅުގެ ގިނަ ބައެއްގެ އުއްމީދުގެ ފެށުމެއް ކަމަށެވެ. އަދި އެމްއެސްއެސްއިން މި ހިދުމަތް ދިނުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ގިނަ ފައިދާތަކެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސްޓޭޓް ޝިޕިން އިން އެ ބުނާ ތާރީހަކަށް މުދާ ގެނެސްދޭނެ. އެހެންކަމުން ވިޔަފާރިވެރިން މުދާ އައުން ލަސްވެގެން ކަންބޮޑުވާން ނުޖެހޭނެ. މިއާއެކު މުދާ ގެންނަން ވިޔަފާރިވެރިން ކުރާ ހަރަދު ވެސް ވަރަށް ބޮޑަށް ކުޑަ ވެގެންދާނެ،" އަމްރު ވިދާޅުވި އެވެ.

"ހުވަދު އަތޮޅަކީ ކުރީ ޒަމާނުއްސުރެ ރާއްޖޭގެ ވިޔަފާރި ހަބެއް. ނަމަވެސް ދިމާވި ހިތާމަވެރި ކަންތައްތަކާއެކު އެކަން ހުއްޓިފައި އޮތީ. އަޅުގަނޑުމެން ބޭނުން ވަނީ ކުރިއެކޭ އެއްްގޮތަށް މި އަތޮޅަކީ ވިޔަފާރީގެ ހަބަކަށް ހަދަން."

ތިނަދު އަށް ކާގޯ ދަތުރުތައް ފެށުމާއެކު އެ ރަށުގައި ސަރަހައްދި ވިޔަފާރި ބަނދަރެއް ހެދުމުގެ މަސައްކަތް ވެސް މިއަދު ވަނީ ހަވާލުކޮށްފަ އެވެ. އެމްއެސްއެސްގެ ދެވަނަ ކާގޯ ބޯޓު އެ ރަށަށް އަންނަ ތާރީހުގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށް މަސައްކަތާ ހަވާލުވި އެމްޓީސީސީން ވަނީ ބުނެފަ އެވެ.

އެމްއެސްއެސް އިން ވަނީ ޓުޓިކޮރިންއާ އައްޑުއާ ދެމެދު މި މަހުގެ 10ވަނަ ދުވަހު ދަތުރުތައް ފަށައިފަ އެވެ. މީގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ވެސް ވަނީ ކާގޯ ފެރީގެ ހިދުމަތް ފަށައިފަ އެވެ.