Roadha Mihaaru
ޝިޕިން ލައިންގެ ފުރަތަމަ ބޯޓު ގެނެސްފި

ޝިޕިން ލައިންގެ ފުރަތަމަ ބޯޓު ގެނެސްފި

05 އެޕްރީލް 2020

އެސްޓިއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އުފެއްދި ޝިޕިން ލައިނާ، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު މިއަދު މާލޭގައި ބަނދަރުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓިއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އުފެއްދި ޝިޕިން ލައިނާ، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު މިއަދު މާލޭގައި ބަނދަރުކޮށްފި އެވެ.

އެމްވީ އައިބީރިއަން އެކްސްޕްރެސްގެ ނަމުން ނަން ދީފައިވާ މި ބޯޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގައި ބަނދަރު ކޮށްފައިވަނީ މިއަދު 1:15 ހާއިރު އެވެ. މި ބޯޓު ރާއްޖެ ބަނދަރު ކޮށްފައި ވަނީ ރާއްޖެ އަށް މި ވަގުތަށް ބޭނުންވާ ކާޑުގެ ބާވަތަތްތަކާއި ބޭހުގެ ބާވަތްތަކުގެ ޝިޕްމަންޓުތަކާ އެކުގަ އެވެ.

މި ބޯޓަކީ އެއްފަހަރާ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެކެވެ. މި ބޯޓާ އެކު ރާއްޖެ އަށް ގެންނަ މުދާ އަގުހެޔޮވެ ރާއްޖޭގެ އިގްތިސާދު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެސްޓީއޯއިންނާއި އެމްޕީއެލުން ގަބޫލު ކުރެ އެވެ.

އެމްއެސްއެސްގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔައި އެސްޓީއޯއިން ކުރި ޓްވީޓު

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު (ކޮށީގެ ސައީދު) ވިދާޅުވީ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ރާއްޖޭގެ ޝިޕިން ލައިން މެދުކެނޑިފައި އޮތުމަށްފަހު އަލުން ޝިޕިން ލައިނެއް އުފެއްދުމަކީ ތަރައްގީގެ ރޮނގުން އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. އަދި މީގެ ސަބަބުން ބޭރު ގައުމުތަކަށް ބަރޯސާވުން ކުޑަކޮށް ރައްޔިތުންނަށް ބޭނުންވާ މުދާ އަގުހެޔޮކޮށް ފޯރު ކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެސްއެސްގެ ފުރަތަމަ ބޯޓަށ ްމަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ޝިޕިން ލައިނާގެ އެމްޑީ ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް/މިހާރު

އެމްއެސްއެސްގެ ފުރަތަމަ ބޯޓަށ ްމަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ޝިޕިން ލައިނާގެ އެމްޑީ ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް/މިހާރު

"މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ބޭނުންވާނެ އެންމެހާ ތަކެތި އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް، ހުރަހެއް ނެތި އެސްޓީއޯ މެދުވެރިވެގެން އުފެއްދުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. މިކަމުގެ ފައިދާ ސަރުކާރަށް ވެސް އަދި އަމިއްލަ ވިޔަފާރިވެރިންނަށް ވެސް ކުރާނެ،" އަބްދުﷲ ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން މި ކުންފުނީގެ ސަބަބުން ކުރިން ކެޕްޓަނުންނާއި ސީމަނުންގެ ގޮތުގައި މަސައްކަތް ކުރި މީހުންނަށް ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށާއި އާ މީހުން ތަމްރީން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެސްއެސް އަކީ އެސްޓީއޯގެ 99.99 ހިއްސާ އާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ 0.01 ޕަސެންޓުގެ ހިއްސާއާ އެކު މިދިޔަ މާޗު މަހު އުފެއްދި ކުންފުންޏެކެވެ. މި ކުންފުންޏަކީ ރާއްޖޭގައި ކުރިން އޮތް ޝިޕިން ލައިން އަލުން ދިރުވައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އުފެއްދި ކުންފުންޏެކެވެ.

އެމްއެސްއެސްގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްޕީއެލްގެ އެމްޑީ (ވ) އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ (މ) އާއި އެމްއެސްއެސްގެ އެމްޑީ (ކ) އާ ހަނދާނީ ފިލާ ހަވާލު ކުރަނީ -- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް / މިހާރު

އެމްއެސްއެސްގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްޕީއެލްގެ އެމްޑީ (ވ) އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ (މ) އާއި އެމްއެސްއެސްގެ އެމްޑީ (ކ) އާ ހަނދާނީ ފިލާ ހަވާލު ކުރަނީ -- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް / މިހާރު

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ރާއްޖޭގައި ކުރިން އޮތް ޝިޕިން ލައިން ނެތިގެން ދިޔައީ ޒަމާނީ ޓެކްނޮލޮޖީއާ ފައި ހަމަނުކުރެވުމުން ކަމަށެވެ. ނަމަވެސް އެމްއެސްއެސްގެ ހިދުމަތްތައް ޒަމާނާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝިޕިންގެ ރަން ދުވަސްވަރެއް ރާއްޖެ ވަނީ ދެކެފައި. ނަމަވެސް އެ ޝިޕިން ލައިން އިނދަޖެހި ގޮސްފައި ވަނީ. އެހެންކަމުން މިކަމުން އިބުރަތް ހާސިލްކޮށް ޓެކްނޮލޮޖީގެ އެންމެ ފަހުގެ އީޖާދުތައް އަޅުގަނޑުމެން އެކަށައަޅަން ޖެހޭ،" އަމްރު ވިދާޅުވި އެވެ.

އެމްއެސްއެސްގެ ފުރަތަމަ ބޯޓު ބަނދަރު ކޮށްފައިވާއިރު މި އަހަރުގެ ތެރޭގައި އިތުރު ބޯޓުތައް ވެސް ރާއްޖެ އަށް ގެނައުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ބޯޓުތައް އޮޕަރޭޓު ކުރަމުންދާނީ އެމްޕީއެލް އާއި އެމްއެސްއެސް އަދި އެސްޓީއޯ ގުޅިގެންނެވެ.