Roadha Mihaaru
ދާންވީ ބޯޓުދަތުރުކުރަން، އެތައް ބައިވަރު މަންފާއެއް

ދާންވީ ބޯޓުދަތުރުކުރަން، އެތައް ބައިވަރު މަންފާއެއް

04 ޑިސެމްބަރ 2021

ބޯޓު ދަތުރު ކުރުމަކީ ދިވެހިންގެ ތެރެއިން ގިނަބަޔަކު އަދާކުރަމުން އައި ވަޒީފާއެކެވެ. ނަމަވެސް މި ދާއިރާއިން ދިވެހިން ހޯދުން މިހާރު ވަނީ ވަރަށް ދަތި ވެފަ އެވެ. ދާއިރާގައި ތިބީ ކުރީއްސުރެ މި މަސައްކަތް ކުރަމުން އަންނަ މަދު ބައެކެވެ. މި ދާއިރާއިން ދިވެހިން ނުލިބުމަކީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޯޓު ދަތުރު ކުރުމަކީ ދިވެހިންގެ ތެރެއިން ގިނަބަޔަކު އަދާކުރަމުން އައި ވަޒީފާއެކެވެ. ނަމަވެސް މި ދާއިރާއިން ދިވެހިން ހޯދުން މިހާރު ވަނީ ވަރަށް ދަތި ވެފަ އެވެ. ދާއިރާގައި ތިބީ ކުރީއްސުރެ މި މަސައްކަތް ކުރަމުން އަންނަ މަދު ބައެކެވެ. މި ދާއިރާއިން ދިވެހިން ނުލިބުމަކީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.

ޝިޕިން ދާއިރާއަށް ދިވެހިން ޝައުގުވެރިކަން ނެތުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެކަށީގެންވާ ވަރަށް އެ ދާއިރާގައި ހުރި ފައިދާތަކުގެ މައުލޫމާތު އެނގިފައި ނެތުމެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ކުރިއަށްދާން ބޭނުންވަނީ ޓޫރިޒަމް ދާއިރާއިންނެވެ. އެއީ އެ ދާއިރާގައި ގިނަ ފައިދާތަކަކާއި ފުރުސަތުތަކެއް އޮތްކަން އެނގޭތީ އެވެ. ޓޫރިޒަމް ދާއިރާއެކޭ އެއްގޮތަށް ޝިޕިން ދާއިރާއަކީ ވެސް ގިނަ ފުރުސަތުތަކާއި ފައިދާތަކެއް ހުރި ދާއިރާއެކެވެ.

މިއީ ރާއްޖޭގައި އެންމެ މުސާރަ ބޮޑު އެއް ދާއިރާ އެވެ. މި ދާއިރާއިން ތަމްރީންވެގެން އެންމެ ދަށް ވަޒީފާއަށް ނުކުންނަ މީހަކަށް ވެސް މަހަކު މަދުވެގެން 2500 ޑޮލަރު (38،550ރ.) ލިބޭނެ އެވެ. މިއީ ގިނަ ވަޒީފާތަކުގައި އެތައް ދުވަހުގެ ތަޖުރިބާ ހުރެގެން ވެސް ނުލިބޭވަރުގެ މުސާރައެކެވެ. އެހެން ދާއިރާތަކާ އެއްގޮތަށް މީހާގެ މަގާމަށް އަންނަ ބަދަލާއެކު ޝިޕިން ލައިނުތަކުގައި މަސައްކަތް ކުރާ މީހުންގެ މުސާރައަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ އަމިއްލަ ފުރަތަމަ ބޯޓު "ގަލޭނާ"ގެ ކެޕްޓަން، ނޫސްވެރިންނަށް ބޯޓު ދައްކާލަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ އަމިއްލަ ފުރަތަމަ ބޯޓު "ގަލޭނާ"ގެ ކެޕްޓަން، ނޫސްވެރިންނަށް ބޯޓު ދައްކާލަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މި ދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ފަށައިގަންނަ ކޯސްތައް މިހާރު ވެސް ގައުމީ ޔުނިވާސިޓީގެ ސެންޓަފޯ މެރިޓައިމް ސްޓަޑީސް އިން ހެދޭނެ އެވެ. އެއަށްފަހު ބޯޓުތަކުގައި ތަމްރީން ހާސިލުކޮށް އިތުރަށް ކިޔެވުމާއި ވަޒީފާގެ ރޮނގުް ކުރިއެރުން ލިބިގެންދާނެ އެވެ.

ރާއްޖޭގެ އަމިއްލަ ޝިޕިން ކުންފުންޏެއްގެ އޮޕަރޭޝަން ފަށައި އަމިއްލަ ބޯޓެއް ގެނެސްފައިވާއިރު އެ ކުންފުނީގެ މަގުސަދަކީ ވެސް ދިވެހިން މި ދާއިރާ އަށް ނެރުމެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ ކުރިއަށް އޮތް އަހަރު ދާއިރާއިން މީހުން ބިނާ ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތް ނުކޮށްފި ނަމަ ކުރިއަށް އޮތްތާނގައި ޝިޕިން ދާއިރާއަށް ދިވެހިން ނުލިބޭނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ދާއިރާއަށް ދިވެހިން ތަމްރީން ކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ އެންމެ ފަހުން ވެސް ހުޅުވާލީ ބޯޓަށް ހުސް ދިވެހިން ހޯދަން. އެކަމަކު އެއް ވަޒީފާއަށް ދިވެއްސަކު ނުލިބިގެން ޖެހުނީ ބިދޭސީއަކު ގެންނަން. އެހެންވެ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އަންނަ އަހަރު ދާއިރާއިން ދިވެހިން ތަމްރީން ކުރަން،" އެމްއެސްއެސްގެ އަމިއްލަ ބޯޓަށް މަރުހަބާ ކިޔުމަށް ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވެފައި ވެ އެވެ.

ވަޒީފާގެ ކުރިއެރުން ޔަގީން ދާއިރާއެއް

"ގަލޭނާ"ގެ ފަޅުވެރިއެއް: ޝިޕިން ދާއިރާއަކީ ފުރުސަތުތައް އޮތް ދާއިރާއެއް-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

"ގަލޭނާ"ގެ ފަޅުވެރިއެއް: ޝިޕިން ދާއިރާއަކީ ފުރުސަތުތައް އޮތް ދާއިރާއެއް-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ބައެއް ވަޒީފާތަކުގައި ކުރިއެރުން ލިބެނީ އެތައް ދުވަހު މަސައްކަތް ކުރުމަށްފަހު އެވެ. ގިނަ ވަޒީފާތަކުގައި ކުރިއެރުން ލިބުނު ނަމަވެސް އެ މަގާމާ އެކު މުސާރައަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. އެހެންނަމަވެސް، ޝިޕިން ދާއިރާއަކީ ކުދަ ދުވަސްކޮޅެއްގެ ތެރޭގައި ވަޒީފާގެ ކުރިއެރުން ޔަގީން ކުރެވޭނެ ދާއިރާއެކެވެ.

މި ދާއިރާއިން ކުދި ކޯސްތައް ހެދުމަށްފަހު ސީމަނެއްގެ ގޮތުގައި ވަދެވޭއިރު އެ މަގާމުގައި ތިން އަހަރު އުޅުމަށްފަހު ސެކަންޑް މޭޓް ލައިސަންސް ނެގޭނެ އެވެ. އެއަށްފަހު އެއް އަހަރުގެ ތަޖުރިބާއާއެކު މުސާރަ ބޮޑުވާނެ އެވެ. އެއް އަހަރުގެ ތަޖުރިބާއާއެކު ޗީފް މޭޓުގެ ލައިސަންސް ވެސް ނެގޭނެ އެވެ. މި ލައިސަންސް ނެގުމުން މުސާރަ އަނެއްކާ ވެސް އިތުރުވާނެ އެވެ.

ޗީފް މޭޓުގެ ލައިސެންސް ނެގުމަށްފަހު 2-3 އަހަރުގެ ތަޖުރިބާއާއެކު ޝިޕިން ލައިނާއެއްގެ އެންމެ މަތީ މަގާމަށް ދިއުމުގެ ފުރުސަތު ހުޅުވުނީ އެވެ. އެއީ މާސްޓާސް ލައިސަންސް އެވެ. މި ލައިސަންސް ނަގައިގެން ކެޕްޓަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ މީހަކަށް މަދުވެގެން 6500 ޑޮލަރު (100،230ރ.) މަހަކު ލިބޭނެ އެވެ. ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ މީހަކަށް އެންމެ 7-8 އަހަރު ތެރޭގައި ވަޒީފާގައި ދެވެން އޮތް އެންމެ މައްޗަކަށް ދިއުމުގެ ފުރުސަތު އެބަ ލިބެ އެވެ.

މި މަގާމުތަކަށް ރާއްޖޭގައި ބޮޑު މުސާރަތައް ދޭއިރު ދުނިޔޭގެ ބޮޑެތި ޝިޕިން ކުންފުނިތަކުން އެއަށްވުރެ ބޮޑު މުސާރަ ވެސް ހުށަހަޅަ އެވެ.

"ގަލޭނާ"ގެ ޝެފު ކެއުން ތައްޔާރު ކުރަނީ: ޝިޕިންގައި ތަފާތު އެކި ދާއިރާތަކުން ވަޒީފާގެ ފުރުސަތު ލިބޭނެ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

"ގަލޭނާ"ގެ ޝެފު ކެއުން ތައްޔާރު ކުރަނީ: ޝިޕިންގައި ތަފާތު އެކި ދާއިރާތަކުން ވަޒީފާގެ ފުރުސަތު ލިބޭނެ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އެމްއެސްއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކެޕްޓަން މުހައްމަދު ނާޒިމް "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއީ ކުރިމަގު އޮތް ދާއިރާއެކެވެ. ކުރިއަށް އޮތްތާނގައި އެމްއެސްއެސްގެ ފްލީޓު އިތުރު ކުރާއިރު އެއީ ވެސް ވަޒީފާގެ ފުރުސަތު ކަމަށާއި ދެ ޖިންސުގެ ދިވެހިންނަށް ވެސް ދާއިރާއިން ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދޭން އެ ކުންފުނި އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝިޕިން ދާއިރާގެ ސެޓްފިކެޓާއެކު ދުނިޔޭގެ ކޮންމެ ޝިޕިން ކުންފުންޏެއްގައި ވެސް ބޮޑު މުސާރައަށް މަސައްކަތް ކުރެވޭނެ. ރާއްޖޭގައި ވެސް އެ އޮޕޯޗުނިޓީ އެބައޮތް، ވަޒީފާގެ ކުރިއެރުން ގެރެންޓީވާނެ. އެކްސްޕީރިއަންސް ބޭނުންވާ ކުދިންނަށް އެ ފުރުސަތު ވެސް އެމްއެސްއެސް އިން ލިބޭނެ،" ނާޒިމް ވިދާޅުވި އެވެ.

"މިއީ ވަރަށް ޑިސިޕްލިން ރަނގަޅު ދާއިރާއެއް. އަންހެން ކުދިންނަށް ވެސް މި ދާއިރާއިން ކުރިއަށްދެވޭނެ. އެހެން ބައެއް ގައުމުތަކުގައި ވެސް މި ދާއިރާގައި އަންހެނުންގެ ރޯލު ވަރަށް ބޮޑު."

މުސްތަގުބަލަށް ފައިސާ ރައްކާކުރަން އޮތް ރަނގަޅު ފުރުސަތެއް

"ގަލޭނާ"ގެ ފަޅުވެރިއެއް ބޯޓުގައި ހަރަކާތްތެރިވަނީ: ޝިޕިންގައި މަސައްކަތް ކުރާ މީހުންނަށް ފައިސާ ރައްކާ ކުރަން ފަސޭހަވާނެ ކަމަށް ފަޅުވެރިން ވެސް ބުނޭ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

"ގަލޭނާ"ގެ ފަޅުވެރިއެއް ބޯޓުގައި ހަރަކާތްތެރިވަނީ: ޝިޕިންގައި މަސައްކަތް ކުރާ މީހުންނަށް ފައިސާ ރައްކާ ކުރަން ފަސޭހަވާނެ ކަމަށް ފަޅުވެރިން ވެސް ބުނޭ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ބޮޑު މުސާރައެއް ލިބޭއިރު ޝިޕިން ދާއިރާގައި އުޅޭ މީހުންނަށް މިއީ ފަހަށް ފައިސާ ރައްކާ ކުރަން ވެސް ލިބޭ ފުރުސަތެކެވެ. ބޯޓު ދަތުރު ކުރާނަމަ އެ މީހެއްގެ ކެއުމާއި ބުއިމާއި ނިދުމުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެ ޝިޕިން ކުންފުނިންނެވެ. މިއިން އެއްވެސް ކަމަށް އެ މީހާގެ މުސާރައިން ނުކަނޑާނެ އެވެ. އެހެންކަމަށްވާނަމަ ޒަރޫރީ ބޭނުންތަކަށް ފައިސާ ބޭނުން ކޮށްފައިވެސް ބޮޑު އަދަދެއް ރައްކާ ކުރެވޭނެ އެވެ.

ކުރިން ރާއްޖޭން ބޭރުގައި ބޯޓު ދަތުރު ކުރި މީހުން ވެސް ކަންތައް ކުރީ މިހެންނެވެ. މުސާރައިން އާއިލާއަށް ބައެއް ފޮނުވުމަށްފަހު އެއްބައި ރައްކާ ކުރަނީ އެވެ. މިގޮތަށް ދެތިން އަހަރު ދުވަހު ރައްކާ ކުރާ މުސާރައިން ފަހުން ރަށަށް ގޮސް ވިޔަފާރި ވެސް ބައެއް މީހުން ފަށާފައި އެބަހުއްޓެވެ.

ބޯޓު ދަތުރު ކުރާ ދިވެހިންތަކެއް: މި ދާއިރާއިން ދިވެހިން ތަމްރީން ނުކުރެވޭނަމަ ކުރިއަށް އޮތްތާނގައި ދާއިރާއިން ދިވެހިން ނުލބޭނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމްއެސްއެސްގެ އެމްޑީ އަބްދުﷲ ސައީދު ވިދާޅުވި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ބޯޓު ދަތުރު ކުރާ ދިވެހިންތަކެއް: މި ދާއިރާއިން ދިވެހިން ތަމްރީން ނުކުރެވޭނަމަ ކުރިއަށް އޮތްތާނގައި ދާއިރާއިން ދިވެހިން ނުލބޭނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމްއެސްއެސްގެ އެމްޑީ އަބްދުﷲ ސައީދު ވިދާޅުވި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެމްއެސްއެސްގެ ފުރަތަމަ އަމިއްލަ ބޯޓު، ގަލޭނާގައި މަސައްކަތް ކުރާ ދިވެއްސަކު ބުނީ އޭނާއަށް އާއިލާއަށް ފައިސާ ފޮނުވާފައި ވެސް ބޮޑު އަދަދެއް ރައްކާ ކުރެވޭނެ ކަމަށެވެ. އަދި އެގޮތަށް ރައްކާކޮށްގެން ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އަމިއްލަ އެޕާޓްމަންޓެއް ހޯދަން ފައިސާ ދެއްކޭނެ ވަރަށް ރައްކާ ކުރެވިދާނެ ކަމަށް އޭނާ ބުންޏެވެ.

"ބޯޓުގައި އުޅެންޏާ ހަރަދެއް ނުދާނެ. މާލޭގައި އުޅޭ އާއިލާއަށް ފައިސާ ފޮނުވާފައި ވެސް ބޮޑު އެއްޗެއް ރައްކާ ކުރެވޭނެ. މިހެން ފަސް ވަރަކަށް އަހަރު މަސައްކަތް ކޮށްފައި ދެން ގޮސް އަމިއްލަ އެޕާޓްމަންޓެއް ގަންނަން ފައިސާ ދެއްކޭ ވަރަށް ހުންނާނީ ރައްކާ ކުރެވިފައި. އޭރުން ި ދާއިރާއިން ރިޓަޔާ ކޮށްފައިވެސް އެހެން ވަޒީފާއެއްގައި އުޅެގެން ވެސް ހިތްހަމަ ޖެހޭ ދިރިއުޅުމެއް ލިބޭނެ،" އޭނާ ބުންޏެވެ.

ޝިޕިން ދާއިރާއިން ދިވެހިން ތަމްރީން ކުރަން އެމްއެސްއެސް އިން ފުރުސަތު ހުޅުވާލާނީ އެ ކުންފުނީގެ ޕޭރެންޓް ކުންފުނި، އެސްޓީއޯ އާއި ގައުމީ ޔުނިވާސިޓީ އަދި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ވެސް ގުޅިގެންނެވެ. އަދި ދާއިރާއިން އިތުރަށް ކިޔަވަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ދޭން އެމްއެސްއެސް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.