Roadha Mihaaru
އެމްޕީއެލްއިން ސްޓީވްޑޯރިން ފީ ޑޮލަރުން ނަގަނީ

އެމްޕީއެލްއިން "ސްޓީވްޑޯރިން" ފީ ޑޮލަރުން ނަގަން ފަށައިފި

03 އެޕްރީލް 2024

އެމްޕީއެލް އިން ބޯޓުފަހަރުން ނަގާ ސްޓީވްޑޯރިން ފީ ޑޮލަރުން ނަގަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޕީއެލް އިން ބޯޓުފަހަރުން ނަގާ ސްޓީވްޑޯރިން ފީ ޑޮލަރުން ނަގަން ފަށައިފި އެވެ.

ސްޓީވްޑޯރިން ފީ އަކީ ޕޯޓުތަކުން ބޯޓުފަހަރުން، ކޮންޓެއިނާތައް އެރުވުމަށާއި ބޭލުމަށް ބޯޓުތަކުގެ އޭޖެންޓުންގެ އަތުން ނަގާ ފީ އެކެވެ.

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ފީ ނަގަން ފެށި އިރު 20 ފޫޓުގެ ކޮންޓެއިނާއަކުން ސްޓީވްޑޯރިން ފީގެ ގޮތުގައި ނަގަނީ 195 ޑޮލަރެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކުން ނަގަނީ 211 ޑޮލަރެވެ. މިއީ މީގެ 12 އަހަރު ކުރިން ވެސް އެމްޕީއެލް އިން ނަމުން އަންނަ ފީ އެކެވެ.

އެމްޕީއެލް އިން 2011 ވަނަ އަހަރާ ހަމައަށް އެޖެންޓުންގެ އަތުން ފީ ނަގަމުން ދިޔައީ ޑޮލަރުންނެވެ. ނަމަވެސް، އޭރު ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަތުތަކާ ގުޅިގެން އެ އަހަރުގެ ފަހުން ބޯޓުތަކުން ފީ ނަގަން ފެށީ ރުފިޔާއިންނެވެ.

އެމްޕީއެލްގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މުއިއްޒު ވިދާޅުވީ، އަނެއްކާ ވެސް ޑޮލަރުން ފީ ނަގަން ނިންމީ، އެ ކުންފުނިން ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރަމުން އަންނަ އިރު ބޭރުން ބައެއް ތަކެތި ހޯދަން ޖެހޭ ހާލަތްތަކުގައި ޑޮލަރު ހޯދަން ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ. މީގެ ކުރިން ޑޮލަރު ހޯދަނީ، ސަރުކާރު މެދުވެރިކޮށް ކަމަށާއި، އެހެން ނަމަވެސް އެއީ އެހާ ފަސޭހަކަމަކަށް ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެމްޕީއެލް އިން ޑޮލަރުން އެ ފީ ނަގަން ފެށުމުން، އެ ކުންފުނީގެ ބޭނުންތަކަށް ބޭނުންވާ ޑޮލަރުގެ އިތުރުން ސަރުކާރަށް ވެސް ޑޮލަރު ފޯރުކޮށްދެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މި ފީ ނަގަން ފެށުމުން އެ ކުންފުންޏަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ޑޮލަރު ލިބޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، މިހާރު ވެސް ޝިޕް އޭޖެންޓުން ވިޔަފާރިވެރިންގެ އަތުން ކޮންޓެއިނާ އުފުލުމަށް ނަގާ ފީ ނަގަނީ ޑޮލަރުން ކަމަށާއި، އެހެންވެ، ކަޅު ބާޒާރަށް ނުގޮސް، ޑޮލަރުން އެ ފައިސާ ދައްކަން ޖެހުމުން ޝިޕް އޭޖެންޓުންނަށް ވާނެ ގެއްލުމެއް ނެތް ކަމަށެވެ.

ރާއްޖޭގައި ކޮންޓެއިންނާ އުފުލާ އުޅެނީ މައިގަނޑު ދެ ޝިޕް އޭޖެންޓުންނެވެ. އެއީ އެމްއެސްއެސް އާއި ލަންކާގެ ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަން (ޓީޓީއެސް) ކުންފުންޏެވެ.

"މީގެ ނަތީޖާއަކީ ސަރުކާރުން ވެސް ޑޮލަރު މައްސަލަ ހައްލު ކުރުމަށް އެހީވާނެ. އެއީ އަޅުގަނޑުމެންނަށް [އެމްޕީއެލް] އަށް ވަންނަ ޑޮލަރަކީ ބޭންކިން ނިޒާމަށް ވަންނާނެ ޑޮލަރެއް 15.42ރ. ގެ ރޭޓުން. އާންމު ބަޔަކަށް އެ ޑޮލަރު އަރާފައި ރުފިޔާ އަށް ބަދަލުވާ އިރު ބޭންކިން ނިޒާމަކަށް ނުވަދޭ،" އޭނާ ވިދާޅުވި އެވެ.