Roadha Mihaaru
ބަނދަރު ތޮއްޖެހި ޝިޕިން ކުންފުނިތަކަށް ބޮޑު ގެއްލުމެއް

ބަނދަރު ތޮއްޖެހި ގެއްލުން ވާތީ ބައެއް ޝިޕިން ކުންފުނިތަކުން ފީއެއް ނަގަނީ

16 އޮކްޓޯބަރ 2016

މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވެ، ތޮއްޖެހުމާ ގުޅިގެން މުދާ ބޭލުމުގައި ބޮޑެތި ލަސްތަކެއް ކުރިމަތިވެ، ޝިޕިން ކުންފުނިތަކަށް މާލީ ގެއްލުންތަކެއް ވާން ފަށައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވެ، ތޮއްޖެހުމާ ގުޅިގެން މުދާ ބޭލުމުގައި ބޮޑެތި ލަސްތަކެއް ކުރިމަތިވެ، ޝިޕިން ކުންފުނިތަކަށް މާލީ ގެއްލުންތަކެއް ވާން ފަށައިފި އެވެ.

ރާއްޖެ އަށް ގިނަ އަދަދަކަށް މުދާ އެތެރެ ކުރާ ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު މައްލާ އަހުމަދު ނާސިރު މިއަދު ވިދާޅުވި ގޮތުގައި މި ދުވަސްވަރު ބަނދަރަށް ވަރަށް ބާރު ބޮޑެވެ. އޭގެ މައިގަނޑު ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، އެއްފަހަރާ ދެތިން ހަތަރު ބޯޓުގައި މުދާ އެތެރެ ކުރުމާއި ކޮންޓެއިނަރު ބާލާނެ އެކަށީގެންވާ ވަސީލަތްތައް ނެތުމެވެ.

"ވަރަށް ގިނަ މަޝްރޫއުތައް އެބަ ހިންގާ. ހަމަ އެއާއެކު، އަޅުގަނޑުމެން އެކަނި ވެސް އެބަ ގެންނަން 800 އެއްހާ ކޮންޓެއިނަރުގެ މުދާ. އެ ހުރިހާ މުދަލެއް އެއްފަހަރާ ބާލައި ކްލިއާ ކުރަން ޖެހުނީމަ ބާރު ބޮޑުވަނީ،" ނާސިރު ވިދާޅުވި އެވެ.

މޫސުން ގޯސްވުމަކީ ވެސް ބޯޓު ކައިރި ކުރުމަށާއި މުދާ ބޭލުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން، ކައިރި ނުކުރެވޭ ބޯޓުފަހަރުން މުދާ ބޭލުމަށް، މޫސުން ގޯސްވުމުގެ ސަބަބުން ބަނޑު ފަދަ އުޅަނދު ވެސް ބޯޓާ ކައިރި ނުކުރެވޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ވަރަށް ބޮޑު ގެއްލުމެއް އެބަ ލިބޭ. މި މައްސަލައާ ގުޅިގެން ބޭރުގެ ޝިޕިން ލައިންތަކުން މަހު ފީއެއް ނަގަން ފަށައިފި،" ނާސިރު ވިދާޅުވި އެވެ.

މާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުރި ކޮންޓެއިނަރުތަކެއް: އެ ކުންފުނިން ބުނީ މުދާ ބާލަން ބޭނުންވާ ވެހިކަލް މަދުވުމުން ދަތިތަކެއް ދިމާވާ ކަމަށް.-- ފައިލް ފޮޓޯ: އަލީ ނިޝާން/ މިހާރު

މާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުރި ކޮންޓެއިނަރުތަކެއް: އެ ކުންފުނިން ބުނީ މުދާ ބާލަން ބޭނުންވާ ވެހިކަލް މަދުވުމުން ދަތިތަކެއް ދިމާވާ ކަމަށް.-- ފައިލް ފޮޓޯ: އަލީ ނިޝާން/ މިހާރު

އެހެންވެ، ލިލީން ވަނީ ގެއްލުން ކުޑަކުރަން އަންނަ މަހުން ފެށިގެން ފީއެއް ނަގަން ފަށަން ނިންމައި އެކަން މުދާ އެތެރެ ކުރާ ފަރާތްތަކަށް އަންގާފަ އެވެ. ލިލީން ފޮނުވި ނޯޓިސްގައި ބުނާ ގޮތުން ބަނދަރު ތޮއްޖެހި، މުދާ ބާލަން ވަރަށް ބޮޑަށް ލަސް ވާތީ ބޯޓުގައި މުދާ ބެހެއްޓުމަށް ނަގާ ފީ އާއި އެ ނޫން ވެސް ޝިޕިން ލައިންތަކުން ނަގާ ފީތައް ވަނީ ބޮޑުކޮށްފަ އެވެ. އެހެންވެ، މާލީ ގޮތުން ވަރަށް ބޮޑު ގެއްލުމެއް ލިބެމުން ދާ ކަމަށް އޭގައިވެ އެވެ.

"މި މައްސަލަަ ހައްލު ވާނެ ދުވަހެއް ވެސް ނޭނގޭތީ، މާލީ ގެއްލުމުގެ ކޮންމެވެސް ވަރެއް ހޯދަން ޕޯޓު ކޮންޖެސްޝަން ސާޗާޖު (ޕީސީއެސް) ނަގަން އަޅުގަނޑުމެންނަށް ވަނީ މަޖުބޫރުވެފަ އެވެ،" ބަނދަރުގެ ލޯޑު ކުޑަވުމާ އެކު އެ ފީ ނެގުން ހުއްޓާލާނެ ކަމަށް ބުނެފައިވާ ނޯޓިސްގައިވެ އެވެ.

ލިލީ އިން ނަގަން ނިންމާފައި ވަނީ، ނޯޓިސްގައިވާ ގޮތުން، ކޮންޓެއިނަރެއް އެއްކޮށް ނަގާ ފަރާތްތަކުގެ އަތުން ކޮންމެ ކޮންޓެއިނަރަކަށް 65 ޑޮލަރު (1002.3 ރުފިޔާ) އަދި ކޮންޓެއިނަރުގެ ވަކި ބައެއްގައި މުދާ ގެންނަ ފަރާތްތަކުގެ އަތުން ކޮޑިމީޓަރަކަށް ތިން ޑޮލަރު (46.26 ރުފިޔާ) އެވެ.

ރާއްޖެ އަށް މުދާ އެތެރެކުރާ އެހެން އެޖެންޓަކު ބުނި ގޮތުގައި ކުރިން ދެ ދުވަހުން ހުސް ކުރެވޭ ކޮންޓެއިނަރުން މުދާ ބާލަން ބައެއް ފަހަރު ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެސް ނަގަ އެވެ. އެހެންވެ، ވަކި މުއްދަތަކަށް ކޮންމެހެން ބޭނުންވާ ބައެއް މުދާ ނުލިބި، ވިޔަފާރިތަކަށް ވެސް ގެއްލުން ވަމުން ދާ ކަމަށް އޭނާ ވެސް ބުންޏެވެ.

މާލޭ ބަނދަރަށް މުދާ ބާލަން ބޭނުންކުރާ ސާމާނާއި އުޅަނދު އެކަށީގެންވާ ވަރަށް ނެތުމުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި އެ މައްސަލަތައް ހައްލުކުރަން ނުވަ ވަރަކަށް މަސް ނަގާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ މިދިޔަ ޖޫން މަހު ބުނެފަ އެވެ. އަދި އެ މައްސަލަ ހައްލުކުރަން، ޗައިނާގެ "ސަނީ" ކުންފުންޏާ ހަވާލުކޮށްގެން 22 އުޅަނދު ގެންނަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ރިޗް ސްޓިކާ އުޅަނދާއި 10 ޓްރެއިން ކެރޭނާއި ދެ ފޯކްލިފްޓް ޓްރަކާއި ހަތަރު އެމްޓީ ކޮންޓެއިނާ ހޭންޑްލާ އެވެ. ކުރި އަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެ ގެންނަން އެއްބަސްވެފައިވާ މި އުޅަނދުތަކަށް 140 މިލިއަން ރުފިޔާ ހަރަދުވެ އެވެ.

މާލޭ ވިޔަފާރި ބަނދަރުގައި އޮތް ދޯންޏަކަށް ފޯކްލިފްޓަކުން މުދާ އަރުވަނީ: އެ ކުންފުނިން ބުނީ މުދާ ބާލަން ބޭނުންވާ ވެހިކަލް މަދުވުމުން ދަތިތަކެއް ދިމާވާ ކަމަށް.-- ފޮޓޯ: އަލީ ނިޝާން/ މިހާރު

މާލޭ ވިޔަފާރި ބަނދަރުގައި އޮތް ދޯންޏަކަށް ފޯކްލިފްޓަކުން މުދާ އަރުވަނީ: އެ ކުންފުނިން ބުނީ މުދާ ބާލަން ބޭނުންވާ ވެހިކަލް މަދުވުމުން ދަތިތަކެއް ދިމާވާ ކަމަށް.-- ފޮޓޯ: އަލީ ނިޝާން/ މިހާރު

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު މިއަދު ވެސް ވިދާޅުވީ އެ އުޅަނދުތައް ލިބުމުން ބަނދަރު ތޮއްޖެހުމުގެ މައްސަލަ އެއްކޮށް ހައްލު ވާނެ ކަމަށެވެ. އެ އުޅަނދުތަކަށް ދައްކަންޖެހޭ ޑޮލަރު ވެސް މިހާރު ހަމަޖަައްސާފައިވާ ކަމަށާއި އެހެންވެ އުޅަނދުތައް ރާއްޖެ ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިތުރު ޗާޖެއް ނުނަގަން. މިހާރު ވެސް މި އަންނަނީ ޝިޕިން އެޖެންޓުންނާ މަޝްވަރާކޮށްގެން މިހާރަށް ވުރެ ތޮއްޖެހުން ކުޑަކުރަން މަސައްކަތް ކުރަމުން. އެމްޕީއެލްގެ ޓީމު ވެސް ނުނިދާ ތިބެގެން މަސައްކަތް ކުރަނީ އެ ކަމަށް ލުޔެއް ލިބޭތޯ،" ޖުނައިދު ވިދާޅުވި އެވެ.

އެމްޕީއެލް ތަރައްގީ ކުރަން ގިނަ މަސައްކަތްތަކެއް މިހާރު އެބަ ކުރެ އެވެ. އޭގެ ތެރޭގައި ބަނދަރު ބޮޑުކޮށް، ކޮންޓެއިނަރު ބަހައްޓާ ސަރަހައްދުގެ ޖާގަ ތަނަވަސްކުރުން ވެސް ހިމެނެ އެވެ.