Roadha Mihaaru
މާލޭ ބަނދަރުން ހުސް ކުރާނެ ބޯޓެއް ނެތި އެއް ދުވަސް

ބޯޓެއް ނެތި މާލޭ ވިޔަފާރި ބަނދަރު ހުސްކޮށް!

31 ޖެނުއަރީ 2017

މާލޭގެ ވިޔަފާރި ބަނދަރުގެ ހިދުމަތްތަކުގެ ސްޕީޑް ހަލުވިވެ، ފަހުގެ ތާރީހެއްގައި ހުސް ކުރާނެ ބޯޓެއް ނެތި އެއް ދުވަސް ހިނގައްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މާލޭގެ ވިޔަފާރި ބަނދަރުގެ ހިދުމަތްތަކުގެ ސްޕީޑް ހަލުވިވެ، ފަހުގެ ތާރީހެއްގައި ހުސް ކުރާނެ ބޯޓެއް ނެތި އެއް ދުވަސް ހިނގައްޖެ އެވެ.

ބަނދަރަށް ބާރު ބޮޑުވެ، ތޮއްޖެހުމާ ގުޅިގެން މުދާ ބޭލުމުގައި ބޮޑެތި ލަސްތަކެއް ކުރިމަތިވެ، ޝިޕިން ކުންފުނިތަކަށް މާލީ ގެއްލުންތަކަކާ ވެސް މީގެ ކުރިން ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެ ގެއްލުން ކުޑަކުރަން، ބައެއް ބޮޑެތި ކުންފުނިތަކުން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ފީއެއް ވެސް ނަގަން ފަށައިފަ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އެ މައްސަލަ މުޅިން އެއްކޮށްހެން މިހާރު ވަނީ ހައްލުކުރެވިފަ އެވެ. އެ ގޮތުން، ހުސް ކުރާނެ ބޯޓެއް ނެތި އިއްޔެ ބަނދަރު އޮތީ ހުސްކޮށް ކަމަށާއި ދެން އެންމެ އަވަހަށް ވެސް ބޯޓެއް ކައިރި ކުރާނީ މިއަދު ހަވީރު ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ވިޔަފާރި ބަނދަރު އިއްޔެ ހުސްކޮށް: ދެން އެންމެ އަވަހަށް ބޯޓެއް ކައިރި ކުރާނީ މިއަދު ހަވީރު.-- ފޮޓޯ: އެމްޕީއެލް

މާލޭގެ ވިޔަފާރި ބަނދަރު އިއްޔެ ހުސްކޮށް: ދެން އެންމެ އަވަހަށް ބޯޓެއް ކައިރި ކުރާނީ މިއަދު ހަވީރު.-- ފޮޓޯ: އެމްޕީއެލް

ބަނދަރަށް ލުއިވުމުގެ އެންމެ ބޮޑު ސަބަބަކީ، އެ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ފަހުން ގެނައި އާ އުޅަނދުތައް ބޭނުންކުރަން ފެށުމެވެ. އެ ގޮތުން، ބޯޓެއް ހުސް ކުރަން ކުރިން ހަފުތާއެއް ނުވަތަ ވިއްސަކަށް ދުވަސް ހޭދަކުރަން ޖެހުނަސް، އާ އުޅަނދުތަކާ އެކު އެ މަސައްކަތް މިހާރު 18 ގަޑިއިރުގެ ތެރޭގައި ނިންމާލެވޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކުރިން މި އޮންނަނީ ދެ ރީސްޓިކާ. އެއިން އެއްޗަކަށް މައްސަލައެއް ކުރިމަތިވިޔަސް ހެދޭނެ އިތުރު ގޮތެއް ނޯވޭ. އެކަމަކު، މިހާރު ޖުމްލަ އަށް ރީސްޓްރިކާ އެބަ އޮތް،" އޮފިޝަލް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 140 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޕީއެލް އިން ވަނީ 22 އުޅަނދު ގެނެސްފަ އެވެ. އެއީ ހަ ރީސްޓިކާ އުޅަނދާއި 10 ޓްރެއިން ކެރޭނާއި ދެ ފޯކްލިފްޓް ޓްރަކާއި ހަތަރު އެމްޓީ ކޮންޓެއިނަ ހޭންޑްލާ އެވެ. މި އުޅަނދުތައް މިދިޔަ މަހު ވަނީ ބޭނުންކުރަން ފަށައިފަ އެވެ.

އެމްޕީއެލް އަށް އަލަށް ގެނައި އުޅަނދެއް ބޭނުންކޮށްގެން މުދާ ބޭލުމުގެ މަސައްކަތް ކުރަނީ.-- ފައިލް ފޮޓޯ: މިހާރު

އެމްޕީއެލް އަށް އަލަށް ގެނައި އުޅަނދެއް ބޭނުންކޮށްގެން މުދާ ބޭލުމުގެ މަސައްކަތް ކުރަނީ.-- ފައިލް ފޮޓޯ: މިހާރު

މާލޭގެ ބަނދަރަށް ލުއިކުރަން، އެ ތަނަށް ބާލާ ކޮންޓޭނަރުތަކުގެ ބޮޑު ބައެއް ހުޅުމާލޭ ބަނދަރަށް ގެންދަން ވަނީ ނިންމައިފަ އެވެ. ހުޅުމާލޭގެ ބަނދަރަށް ގެންދާ ކޮންޓޭނަރުތަކުން މުދާ ބާލައި ހުސްކުރުމަށް ފަހު، ވެރި ފަރާތުން ގެންދިއުމާ ހަމަ އަށް އެ ބަނދަރުގައި ގުދަންކޮށްފައި ބަހައްޓަން ވަނީ ރާވައިފަ އެވެ.

މީގެ އިތުރުން، ގާތްގަނޑަކަށް 100 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން މާލޭގެ ބަނދަރު ބޮޑުކުރަން ވެސް ވަނީ ނިންމައިފަ އެވެ. ބަނދަރުގެ މަގަތު ފާލަން 600 މީޓަރަށް ދިގު ކުރަން ހިންގާ މި މަޝްރޫއުގެ މަސައްކަތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފަ އެވެ.