Roadha Mihaaru
އަންނަ އަހަރު ފައިދާވާނެ ކަމަށް ބެލެވޭ: ސްޓޭޓް ޝިޕިން

އަންނަ އަހަރު ފައިދާވާނެ ކަމަށް ލަފާކުރެވޭ: ސްޓޭޓް ޝިޕިން

16 ޖުލައި 2020

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަށް، އަންނަ އަހަރުން ފެށިގެން ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދުު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަށް، އަންނަ އަހަރުން ފެށިގެން ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދުު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވަބުދެއްވަމުން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ މިއަހަރު ނިމޭއިރު އެ ކުންފުންޏަކީ ބްރޭކް އީވެން (ކުންފުނީގެ ހަރަދާއި އާމްދަނީ އެއްވަރު) ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ އަަހަރު އެ ކުންފުންޏަށް ފައިދާ ވާނެ ކަމަށް ލަފާ ކޮށްފައިވާއިރު ކުންފުނީގެ މަސައްކަތްތައް ޕްލޭނާ އެއްގޮތަށް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ކުންފުންޏަކީ އަލަށް ފަށައިގެން އުޅޭ ކުންފުންޏަކަށްވުމާއެކު ދާއިރާގެ ކަންތައްތަކުގެ ތެރެއަށް ވަދެ ކުންފުނީގެ މަސައްކަތްތައް ފުޅާކުރަން ޖެހޭ ކަމަށެވެ. އަދި އެ ކުންފުންޏަކީ ބްރޭކްއީވެން ކުރެވޭ ކުންފުންޏަކަށްވުމުން އަމިއްލަ ބޯޓެއް ހޯދައި ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބްރޭކްއީވެން ވުމަށް ފަހު އިތުރު ސެކްޓާއަކަށް ދިއުމުގެ ކުރިން ބޭނުންވަނީ އަމިއްލަ ބޯޓެއްގައި އަމިއްލަ ދިވެހި ކްރޫއިންނާއެކު އޮޕަރޭޓު ކުރަން. އޭގެ ފަހުން އޭރަކު ޝިޕިން މާކެޓު އިންނަގޮތަށް ބަލައި އެންމެ ރަނގަޅު ސެކްޓާއަކަށް އަޅުގަނޑުމެން ވިޔަފާރި ފުޅާ ކުރާނީ،" ސައީދު ވިދާޅުވި އެވެ.

އެމްއެސްއެސް އިން ޗާޓަރު ކޮށްގެން އޮޕަރޭޓް ކުރަމުން އަންނަ ބޯޓު މާލެ ޕޯޓަށް ބަނދަރު ކުރަނީ-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

އެމްއެސްއެސް އިން ޗާޓަރު ކޮށްގެން އޮޕަރޭޓް ކުރަމުން އަންނަ ބޯޓު މާލެ ޕޯޓަށް ބަނދަރު ކުރަނީ-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

އެމްއެސްއެސްއިން ޝިޕިންގެ ހިދުމަތް ދެމުން އަންނަނީ ސްޕެއިންގެ ޖިބްރޯޓާގެ ބޯޓެއް ޗާޓަރުކޮށްގެންނެވެ. މި ބޯޓުން 700 ކޮންޓެއިނާގެ މުދާ އެއްފަހަރާ އުފުލޭނެ އެވެ. ސައީދު ވިދާޅުވި ގޮތުގައި އެސްޓީއޯގެ ހިއްސާ އެކުންފުނީގައި އޮތް ނަމަވެސް އެ ކުންފުނިން މުދާ ގެނައުމުގައި އެސްޓީއޯއަށް އިސްކަމެއް ނުދޭނެ އެވެ. އެހެންކަމުން އެހެން ވިޔަފާރިވެރިންނަށް ވެސް މުދާ ގެނައުމުގައި ހަމަހަމަ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ކުންފުނީގެ ވިޔަފާރި މޮޑެލަކީ މިވަގުތު ޝިޕިން ކުންފުންޏެއް ހިންގުމަށް އެންމެ ރަނގަޅު މޮޑެލް ކަމަށާއި އިތުރު ސެކްޓާއަކަށް ވިޔަފާރި ބަދަލުކުރާނީ ބްރޭކްއީވެން ކުރެވުމުން ކަމަށް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބިޒްނަސް މޮޑެލަކީ މިވަގުތު ކޮންޓެނިއާ ޝިޕިން ލައިނެއް ހިންގަން އެންމެ ރަނގަޅު މޮޑެލް. އެއީ ހަބް ޕޯޓުތަކުން އަޅުގަނޑުމެން މިގެންނަނީ ފީޑާ ސާވިސްއެއް މެދުވެރިކޮށްގެން. ހަބް ޕޯޓުތަކަށް އަޅުގަނޑުމެން މުދާ ގެންނަނީ މެއިން ލައިނާސްތަކާ ގުޅިގެން،" ސައީދު ވިދާޅުވި އެވެ.

އެމްއެސްއެސްގެ ފުރަތަމަ ބޯޓު ރާއްޖެއަށް ގެނެސް އޮޕްރޭޓްކުރަން ފަށާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުންފުނީގެ މަސައްކަތްތައް ހީކުރި ވަރަށްވުރެ ރަނގަޅަށް ކުރިއަށްދާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެހެންނަމަވެސް މި ދަނޑިވަޅުގައި ވެސް އެ ކުންފުނީގެ މަސައްކަތްތައް ރަނގަޅުކަމަށް ސައީދު ވިދާޅުވި އެވެ.