Roadha Mihaaru

ޗައިނާ ސުޕަ ލީގުގައި ކުޅުންތެރިންގެ މުސާރަ ކޮންޓްރޯލްކުރަނީ

ބެއިޖިން (ޑިސެމްބަރު 19) - ބޮޑު އަމްދަނީ އެއް ހޯދަން އަމާޒުކޮށް ޗައިނާގެ ކްލަބްތަކަށް އަންނަ ބިދޭސީ ކުޅުންތެރިންގެ މުސާރަ ކޮންޓްރޯލްކުރުމުގެ އަމާޒުގައި ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ސެލަރީ ކެޕެއް ތައާރަފްކުރަން ނިންމައިފި އެވެ.

ޗައިނާގައި ކުޅުންތެރިންގެ މުސާރަ ކޮންޓްރޯލްކުރަނީ

ބެއިޖިން (ޑިސެމްބަރު 19) - ބޮޑު އަމްދަނީ އެއް ހޯދަން އަމާޒުކޮށް ޗައިނާގެ ކްލަބްތަކަށް އަންނަ ބިދޭސީ ކުޅުންތެރިންގެ މުސާރަ ކޮންޓްރޯލްކުރުމުގެ އަމާޒުގައި ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ސެލަރީ ކެޕެއް ތައާރަފްކުރަން ނިންމައިފި އެވެ.

އެ ގޮތުން އާ އުސޫލުގެ ތެރެއިން ޗައިނާ އަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިއަކަށް އަހަރަކު ފަސް މިލިއަން ޔުއާން (764،000 ޑޮލަރު) އަށް ވުރެން ގިނައިން ނުހޯދޭނެ އެވެ. އަދި ބިދޭސީ ކުޅުންތެރިއަކަށް އެންމެ ގިނަ ވެގެން ވެސް ޗައިނާ ލީގުގައި ދެން ހޯދޭނީ 3.65 މިލިއަން ޑޮލަރެވެ.

ޗައިނާ އެފްއޭ އިން މި ގޮތަށް ނިންމީ މިދިޔަ ދެ އަހަރެއްހާ ދުވަހު ކުރި ދިރާސާތަކެއްގެ ރިޕޯޓަށް ބެލުމަށް ފަހު އެވެ. އެ ރިޕޯޓުން ފެނުނު ނަތީޖާތަކަށް ބަލާއިރު ފުޓްބޯޅައިގެ ތެރޭގައި މި އޮތް އިންވެސްޓްމަންޓް ބަބްލްގެ ތެރެއިން ކުރެވޭ ހަރަދުތަކުގެ ނިސްބަތަށް ބަލާއިރު ދިގު މުއްދަތަކަށް ޗައިނާ ފުޓްބޯޅަ އަށް ފައިދާކުރާނެ މަގެއް އަދި ނެތެވެ. އެހެންވުމުން މި ވަގުތަށް އެންމެ މުހިއްމު އެއް ކަމަކީ ލޯކަލް ކުޅުންތެރިންނަށް ފުރުސަތު ގިނަވާނެ ގޮތެއް ހޯދުމަށް ބިދޭސީ ކުޅުންތެރިންގެ މުސާރަ އެކަށީގެންވާ މިންވަރެއްގައި ކޮންޓްރޯލްކުރުމެވެ.

ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގައި ތިބި ނަން މަޝްހޫރު ކުޅުންތެރިން ވަނީ ފާއިތުވި އަހަރުތަކުގައި އެތައް ގުނައެއް ބޮޑު މުސާރަ އަކަށް ޗައިނާ އަށް ބަދަލުވެފަ އެވެ. އެ ގޮތުން 2017 ވަނަ އަހަރު ބްރެޒިލްގެ މިޑްފީލްޑަރު އޮސްކާ ޝަންހާއީ އަށް ބަދަލުވިއިރު އަހަރަކު އޭނާ އަށް 18 މިލިއަން ޑޮލަރާ ގާތްކުރާ ވަރުގެ މުސާރައެއް ލިބެ އެވެ. އަދި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޔުވެންޓަސް އަށް ކުޅުނު ކާލޮސް ޓެވޭޒް ވަނީ ޗައިނާ ޓީމަކަށް ހަފްތާ އަކު 730،000 ޑޮލަރު ލިބޭ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

ޗައިނާ ފުޓްބޯޅަ އެސޯސިއޭޝަނުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ދެކުނު ކޮރެއާގެ ކޭ ލީގާއި ޖަޕާނުގެ ޖޭ ލީގުގައި ކުރާ ހަރަދުތަކަށް ވުރެން ޗައިނާގެ ކްލަބްތަކުން ކުރާ ހޭދަ އެތައް ގުނައެއް ބޮޑު ނަމަވެސް ބޭނުންވާ ކުރިއެރުން ނުފެންނަ ކަމަށެވެ. ރިޕޯޓްގައިވާ ގޮތުން ޖޭ ލީގުގެ ކްލަބްތަކަށް ވުރެ ތިން ގުނަ އިތުރަށް ޗައިނާ ކްލަބްތަކުން ހަރަދުކުރެ އެވެ. އަދި ކޭ ލީގުގެ ކްލަބްތަކާ އަޅާކިޔާއިރު ޗައިނާ ސުޕަ ލީގުގެ ޓީމުތަކުން ކުރާ ހޭދަ 10 ގުނަ އިތުރެވެ.