Roadha Mihaaru

ކޮލިފައިންގައި ޗައިނާ އަތުން ރާއްޖެ ބަލިވެއްޖެ

އޭޝިއާގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް، މިހާރު ކުރިއަށްދާ ކޮލިފިކޭޝަންގައި ޗައިނާ އަތުން 5-0 އިން ރާއްޖެ ރޭ ބަލިވެއްޖެ އެވެ.

ކޮލިފައިންގައި ޗައިނާ އަތުން ރާއްޖެ ބަލިވެއްޖެ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

15 ސެޕްޓެމްބަރ 2022

އޭޝިއާގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް، މިހާރު ކުރިއަށްދާ ކޮލިފިކޭޝަންގައި ޗައިނާ އަތުން 5-0 އިން ރާއްޖެ ރޭ ބަލިވެއްޖެ އެވެ.

ސައުދީ އަރަބިއާގެ ދައްމާމްގައި ހުންނަ މުހައްމަދު ބިން ފަހްދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޗައިނާގެ ޝުއަރެތު ދެ ލަނޑު ޖެހި އެވެ. ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ކޮލިފައިން ކުރިއަށް ގެންދާ ސައުދީ އަރަބިއާ އަތުން 11-0 ން ބަލިވުމުން، 20 އަހަރުން ދަށުގެ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ)، ރޭ ޗައިނާ އާ ދެކޮޅަށް ޓީމު އެކުލަވާލީ ވަރަށް ބޮޑަށް ޑިފެންސިވް ގޭމެއް ކުޅުމަށެވެ.

ރާއްޖޭގެ ޑިފެންސްގައި ވިންގް ދެ ބެކާއެކު ޖުމުލަ ފަސް ޑިފެންޑަރުން ލައިގެން ކުޅުނު މެޗުގައި ޗައިނާ އަށް ރާއްޖޭގެ ގޯލް ފޫއަޅުވާލަން ގިނަ ވަގުތުތަކެއް ނެގި އެވެ. ޗައިނާގެ ފުރަތަމަ ލަނޑު ޝުއަރެތު ޖެހީ މެޗުގެ 23 ވަނަ މިނެޓްގަ އެވެ.

އެ ޓީމުގެ ދެ ވަނަ ލަޏޑު އަފްރީދެން އަންގާރު ޖެހީ މެޗުގެ 35 ވަނަ މިނެޓްގަ އެވެ. އޭގެ ފަސް މިނެޓް ފަހުން ޝުއަރެތު ވަނީ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

ޗައިނާއިން ކުޅުނީ ގިނަ ލަނޑުތަކެއް ޖެހުމަށް ޓާގެޓް ކޮށްގެންނެވެ. އެކަމަކު ދެ ވަނަ ހާފުގައި އެ ޓީމަށް ޖެހުނީ ދެ ލަނޑެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ ޗެން ޒީހުޝިއާން އެވެ. މެޗުގެ ފަހު ވަގުތު މައުލެޓް މިޖިޓް ޗައިނާގެ ފަސް ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ.

ރޭ އުޒްބެކިސްތާނާއި ސައުދީ ކުޅުނު މެޗު އުޒްބެިސްތާން ކާމިޔާބު ކުރީ 2-1 އިންނެވެ. ރާއްޖޭގެ ފަހު މެޗުގައި އާދިއްތަ ދުވަހު ނުކުންނާނީ މިޔަންމާ އާ ދެކޮޅަށެވެ.