Roadha Mihaaru
މައްސަލައެއް ދިމާނުވެ 19 އަހަރުންދަށުގެ ޓީމު ފުރައިފި

މިފަހަރު އެފްއޭއެމް ސަލާމަތްވެއްޖެ، މައްސަލައެއް ދިމާނުވެ 19 އަހަރުންދަށުގެ ޓީމު ފުރައިފި

19 ސެޕްޓެމްބަރ 2023

ބޭރުގެ މުބާރާތްތަކަށް ޓީމުތަށް ފޮނުވުމުގައި ގޮންޖެހުންތައް ކުރިމަތިވަމުންދާ އެފްއޭއެމް މިފަހަރު ސަލާމަތްވެ، މައްސަލައެއް ކުރިމަތި ނުވެ 19 އަހަރުންދަށުގެ ގައުމީ ޓީމު އިއްޔެ ނޭޕާލަށް ފުރުވާލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބޭރުގެ މުބާރާތްތަކަށް ޓީމުތަށް ފޮނުވުމުގައި ގޮންޖެހުންތައް ކުރިމަތިވަމުންދާ އެފްއޭއެމް މިފަހަރު ސަލާމަތްވެ، މައްސަލައެއް ކުރިމަތި ނުވެ 19 އަހަރުންދަށުގެ ގައުމީ ޓީމު އިއްޔެ ނޭޕާލަށް ފުރުވާލައިފި އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ބުރާސްފަތި ދުވަހު ފަށާ، 19 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ފުރާނެކަމަށް ބުނި ދުވަހަށް އެފްއޭއެމުން ވަނީ ޓީމު ފުރުވާލައިފަ އެވެ.

މީގެ ކުރިން 16 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޓީމަށް ފުރަން ބުނި ތާރީހުގައި ނުފުރުނެވެ. މިދިޔަ މަހު 24 ގައި ފުރަން ހަމަޖެހިފައިވާ ކަމަށް ބުނި ނަމަވެސް އެ ދުވަހު ނުފުރޭނެކަން ކުޅުންތެރިންނަށް އެންގީ އެއާޕޯޓަށް ދާން މާލޭގެ މައި ބަސް ޓާމިނަލަށް ދިޔަ ފަހުންނެވެ.

އޭގެ ފަހުން އެ ރޭ ފަތިހު ޓިކެޓް ހަމަޖައްސައި އެފްއޭއެމަށް ޓީމު ފުރުވާލެވުނީ ޖެހިގެން އައި ދުވަހު މެންދުރު އެވެ. އިންޑިއާ މަގުން ބޫޓާނަށް ދިޔައީ ޓީމު ދެ ބަޔަކަށް ބަހާލައި ދެ ފްލައިޓަކުން ދެ ރޫޓަކުންނެވެ.

މިދިޔަ ހަފުތާގައި ޗައިނާގައި ނިމިގެންދިޔަ އޭޝިއާގެ 23 އަހަރުންދަށުގެ މުބާރާތުގެ ކޮލިފައިން އަށް ވެސް ރާއްޖޭގެ ޓީމަށް ފުރޭގޮތް ނުވުމުން މުބާރާތުން ވަކިވާން އެފްއޭއެމުން ނިންމި އެވެ.

ރާއްޖޭގެ 19 އަހަރުންދަށުގެ ޓީމުގެ ބައެއް ކުޅުންތެރިން އިއްޔެ މާލޭ ބަސް ޓާމިނަލުގައި: މައްސަލަ ދިމާ ނުވެ ޓީމު ވަނީ ފުރާފަ --- ފޮޓޯ: އަބްދުﷲ ޔަޝާއު | ސިޑިބަރި

ރާއްޖޭގެ 19 އަހަރުންދަށުގެ ޓީމުގެ ބައެއް ކުޅުންތެރިން އިއްޔެ މާލޭ ބަސް ޓާމިނަލުގައި: މައްސަލަ ދިމާ ނުވެ ޓީމު ވަނީ ފުރާފަ --- ފޮޓޯ: އަބްދުﷲ ޔަޝާއު | ސިޑިބަރި

ކޮލިފައިން ބުރުން ދިވެހި ޓީމު ވަކިވުމުން އޭއެފްސީގެ ބޮޑު ޖޫރިމަނާއެއް ރާއްޖެ އަށް އަތުވެދާނެކަމަށް މިހާރު އޮތީ ބެލެވިފަ އެވެ.

ނޭޕާލަށް އިއްޔެ ފުރި ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ އަށް މި ސީޒަނުގައި ކުޅެމުންދާ ކުޅުންތެރިންނެވެ. އެ ޓީމުގެ ކޯޗުގެ މަގާމު ވެސް ފުރަނީ ޔޫވީގެ ވެސް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) އެވެ.

މުބާރާތުގައި ރާއްޖެ ލައްވާލީ ނޭޕާލާއި ޕާކިސްތާނާ އެކު ގުރޫޕް ބީ ގަ އެވެ. އެ މުބާރާތުގައި ވެސް ފުޓްބޯޅައިން ސަސްޕެންޑް ކޮށްފައިވާ ސްރީ ލަންކާ ފިޔަވައި ދެކުނު އޭޝިއާގެ އަނެއް ހަ ގައުމުން ވެސް ވާދަކުރެ އެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ނޭޕާލާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.

ރާއްޖޭން ވަނީ 2019 ގައި ބޭއްވި 19 އަހަރުންދަށުގެ މުބާރާތުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.