Roadha Mihaaru

ބޭލްގެ އަގުބޮޑު ޗައިނާ ޑީލް ރެއާލުން ހުއްޓުވައިފި

މެޑްރިޑް (ޖުލައި 29) - މުސާރައިގެ ގޮތުގައި ހަފުތާ އަކު އެއް މިލިއަން ޕައުންޑް (1.1 މިލިއަން ޑޮލަރު) ލިބޭ ގޮތަށް ޗައިނާގެ ޖިއާންސޫ ސަނިން އަށް ރެއާލް މެޑްރިޑްގެ ގަރެތު ބޭލް ސޮއިކުރަން ނިންމާފައިވަނިކޮށް އޭނާގެ ކްލަބުން އެ ޑީލް ހުއްޓުވައިފި އެވެ.

ބޭލްގެ އަގުބޮޑު ޗައިނާ ޑީލް ރެއާލުން ހުއްޓުވައިފި
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

29 ޖުލައި 2019

މެޑްރިޑް (ޖުލައި 29) - މުސާރައިގެ ގޮތުގައި ހަފުތާ އަކު އެއް މިލިއަން ޕައުންޑް (1.1 މިލިއަން ޑޮލަރު) ލިބޭ ގޮތަށް ޗައިނާގެ ޖިއާންސޫ ސަނިން އަށް ރެއާލް މެޑްރިޑްގެ ގަރެތު ބޭލް ސޮއިކުރަން ނިންމާފައިވަނިކޮށް އޭނާގެ ކްލަބުން އެ ޑީލް ހުއްޓުވައިފި އެވެ.

ރެެއާލުގެ ކޯޗު ޒިނެދިން ޒިދާންއާ މައްސަލަ ގޯސްވެފައިވާ ބޭލް އެ ޓީމު ދޫކޮށްލަން މި ފަހަރު ނިންމި އެވެ. ދާދި ފަހުން ޒިދާން ވަނީ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި ބޭލް ނޭރުވީ އޭނާ ކްލަބް ދޫކޮށްލަން ނިންމާފައިވާތީ ކަމަށް ބުނެފަ އެވެ. އަދި އެއީ ރެއާލުގެ އެންމެންނަށް އެންމެ ރަނގަޅު ގޮތް ކަމަށް އޭރު ބުންޏެވެ.

އެކަމަކު އުމުރުން 30 އަހަރުގެ ބޭލް، ޖިއާންސޫ އަށް ސޮއިކުރުމާ ގާތުގައި ވަނިކޮށް ރެއާލުން އެ ޓްރާންސްފާ ހުއްޓުވީ ޒިދާން އެންގުމުންނެވެ. ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓްއާ ޒިދާނާ ވެސް ވަނީ ގުޅުން ގޯސްވެފަ އެވެ. ދާދި ފަހުން ބާނެޓް ވެސް ވަނީ ރެއާލުން ބޭލްއާ މެދު ކަންތައް ކުރާގޮތާ މެދު ހިތްހަމަނުޖެހި ޒިދާނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ޗައިނާގެ ކްލަބްތަކަށް ޓްރާންސްފާ މާކެޓް ބަންދުވާނީ އަންނަ ބުދަ ދުވަހު އެވެ. އަގުބޮޑު ޑީލަށް ބޭލްގެ ރުހުން ދީފައިވަނިކޮށް އެ ޓްރާންސްފާ ހުއްޓުވި ސަބަބެއް މީޑިއާގައި ރެއާލުގެ އޮފިޝަލުން އަދި ނުދައްކަ އެވެ. އެކަމަކު ސްޕެއިނުގެ ބައެއް މީޑިއާތަކުން ބުނާގޮތުގައި ކުރިއަށް އޮތް ސީޒަނުގައި އަނިޔާގެ ސަބަބުން، ރެއާލުގެ ޒުވާން ތަރި މާކޯ އަސެންސިއޯ އަށް ނުކުޅެވޭނެކަމަށް ބެލެވޭތީ ޒިދާން ވަނީ ބޭލް ވިއްކާލަން ނިންމި ނިންމުމެއް އަނބުރާ ގެންގޮސްފަ އެވެ.

ޖިއާންސޫ އަށް ބޭލް ސޮއިކުރަން މަޝްވަރާކުރީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެ ކޮންޓްރެކްޓްގައިވާގޮތުން ބޭލް އަށް އަހަރަކު ލިބޭ އާމްދަނީ ބާސެލޯނާ އިން ލިއޮނަލް މެސީ އަށް ބޯނަސްތަކާ އެކު ދޭ މުސާރައާ އެއްވަރުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓޮޓެންހަމަށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޑޮލަރު ދެއްކުމަށް ފަހު ރެއާލުން ބޭލް ގަތް ފަހުން އޭނާ އެ ޓީމާ އެކު ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބޭލް ހޯދަން މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމުން ވެސް މަސައްކަތްކުރި އެވެ.

ބޭލް ގަންނަން މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުން ވެސް މަސައްކަތްކުރި އެވެ. އެކަމަކު ރެއާލުން ކިޔާ އަގު ބޮޑުވުމުން ޔުނައިޓެޑުން އެ ޓްރާންސްފާގެ މަޝްވަރާތައް ހުއްޓާލި އެވެ. ޓޮޓެންހަމުން އަލުން ބޭލް ގެންނަން ވާހަކަ ދެއްކި ނަމަވެސް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބޭނުންނުވުމުން އެ ޓްރާންސްފާގެ ވާހަކަތައް ކުރިއަށް ނުގެންދެ އެވެ.