Roadha Mihaaru
ލޭބަ ރިލޭޝަންސް އޮތޯރިޓީގެ އެންގުން: އިނާޔަތް ދީ!

ލޭބަ ރިލޭޝަންސް އޮތޯރިޓީގެ އެންގުން: ރޯދަ އިނާޔަތްދީ!

02 ޖޫން 2016

ގާނޫނުގައިވާ ގޮތަށް މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް ލޭބަ ރިލޭޝަންސް އޮތޯރިޓީން މިއަދު އަންގައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގާނޫނުގައިވާ ގޮތަށް މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް ލޭބަ ރިލޭޝަންސް އޮތޯރިޓީން މިއަދު އަންގައިފި އެވެ.

އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް އިނާޔަތް ދެމުން ނުދާ ކަން އެތަނުގެ އިންސްޕެކްޝަންތަކުން ފާހަގަވެފައިވާ ކަމަށެވެ. އަދި އިނާތް ދީފައިވާ ބައެއް ފަރާތްތަކުން ވެސް އަމަލުކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގައި ބުނެފައި ވަނީ "ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން އިނާޔަތުގެ ގޮތުގައި 3،000ރ. ދޭން ވާނެ" ކަމަށެވެ.

ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް އިނާޔަތް ދިނުން ގާނޫނުގައި އޮތީ، އިހްތިޔާރީ ކަމެއްގެ ގޮތަށް ވަޒީފާ ދޭ ފަރާތަށް ދޫކޮށްލައިފަ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރައާ އެކު ރޯދަ މަހުގެ އިނާޔަތް ދޭން ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ. ކޮންމެ އަހަރަކު ވެސް ރޯދަ އިނާޔަތް ނުލިބިގެން އެންމެ ބޮޑަށް ޝަކުވާ އުފުލަނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބައެއް އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަލަންޑަރުގައި ލަފާކޮށްފައި ވަނީ އަންނަ ހޯމަ ދުވަހެވެ.