Roadha Mihaaru
ރޯދަ އިނާޔަތް ނުދީގެން މިދިޔަ އަހަރު 65 ޝަކުވާ

ރޯދަ އިނާޔަތް ނުދީގެން މިދިޔަ އަހަރު 65 ޝަކުވާ ހުށަހެޅި: އެލްއާރުއޭ

25 މާޗް 2022

ރޯދަ އިނާޔަތް ނުދީގެން މިދިޔަ އަހަރު 65 ޝަކުވާ ހުށަހެޅި ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރޯދަ އިނާޔަތް ނުދީގެން މިދިޔަ އަހަރު 65 ޝަކުވާ ހުށަހެޅި ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން ބުނެފި އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން، ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި މަދުވެގެން 3،000 ރުފިޔާ ދޭން ޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައިވެ އެވެ. އެ އިނާޔާތް ނުލިބިއްޖެ ނަމަ، ޝަކުވާ ހުށަހަޅަން ޖެހޭނީ އެލްއާރްއޭ އަށެވެ.

އެ އޮތޯރިޓީން ވަނީ މި އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން އިނާޔަތްދީ ނިންމަން އިލްތިމާސްކޮށްފަ އެވެ.

އެލްއާރްއޭގެ އެސިސްޓެންޓް ޑިރެކްޓަރު ހޫދު އައްބާސް އަހުމަދު" މިހާރު" އަށް ވިދާޅުވީ ރޯދަ އިނާޔަތް ނުދީގެން މިދިޔަ އަހަރު އެ އިދާރާ އަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ބައެއް މައްސަލަ ހައްލުވި ކަމަށެވެ. އޭގެތެރެއިން 53 މީހަކު މަސައްކަތްކުރާ ތަނާ މަޝްވަރާކޮށް، އެ މައްސަލަ ހައްލުކޮށް އިނާޔަތް ދީފައިވެ އެވެ.

ވަޒީފާ އަދާކުރާތަނުން އެކަން ހައްލުކުރަން އެއްބާރުލުން ނުދިނުމުން އެއް ތަން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 81 ވަނަ މާއްދާގައި ބުނާ ގޮތުން، ފުރަތަމަ ކަމަކަށް އޮންނަނީ ރޯދަ އިނާޔަތް ދިނުމަށް ނަސޭހަތްތެރިވުމެވެ. އޭގެ ފަހުން ވެސް އެކަން ތަކުރާރުކުރާ ނަމަ، 5،000ރ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ. އަދި ވަޒީފާ ދޭ ފަރާތްތަކަށް ސަރުކާރުން ދޭ ހުއްދަތައް ބާތިލްކުރުން ފަދަ ފިޔަވަޅުތައް ވެސް އެޅިދާނެ އެވެ.

މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ބާކީ ހުރި ބައެއް މައްސަލަތައް ވަނީ ޝަކުވާ ހުށަހެޅި ފަރާތުން އަނބުރާ ގެންގޮސްފަ އެވެ. އަދި ބައެއް މައްސަލަތައް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅަން ލަފާ ދިން ކަމަށް އެލްއާރުއޭ އިން ބުންޏެވެ.

"ހުށަހެޅޭ ގިނަ މައްސަލަތަކަކީ އެއްވެސް ގޮތަކަށް ރޯދަ މަހުގެ އިނާޔަތް ނުދިނުމަށް ވުރެ ގިނައިން ގާނޫނުގައި ބަޔާންކުރާ މިންވަރަށް ނުދިނުން ނުވަތަ ގާނޫނުގައި ބަޔާންކުރާ ވަގުތު، ރޯދަ މަސް ފެށުމުގެ ކުރިން ނުދިނުން. އެފަދަ ގިނަ ކޭސްތައް ވެސް އެލްއާރްއޭ އިން އެންގުމުން ގިނަ އެމްޕްލޯޔާސް ދަނީ އެލަވަންސް ދެމުން،" ހޫދު ވިދާޅުވި އެވެ.

މި އަހަރުގެ ރޯދަ އިނާޔަތް އަންނަ ހޯމަ ދުވަހުގެ ކުރިން ދައުލަތުގެ މުވައްޒަފުންނަށް ދޭން ފިނޭންސް މިނިސްޓްރީން ވެސް ވަނީ އަންގައިފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށެނީ އަންނަ މަހު ދޭއެއްގަ އެވެ.