Roadha Mihaaru
"ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އިނާޔަތް ދީ"

ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އިނާޔަތް ދީ: އެލްއާރުއޭ

05 އެޕްރީލް 2021

ކޮންމެ ދިވެހި މުވައްޒަފަކަށް ދޭން ޖެހޭނެ ކަމަށް ރާއްޖޭގެ ގާނޫނުގައި ކަނޑައަޅާފައިވާ ރޯދަ އިނާޔާތް، ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ކުރިން ދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން މިއަދު ހަނދާންކޮށްދީފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮންމެ ދިވެހި މުވައްޒަފަކަށް ދޭން ޖެހޭނެ ކަމަށް ރާއްޖޭގެ ގާނޫނުގައި ކަނޑައަޅާފައިވާ ރޯދަ އިނާޔާތް، ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ކުރިން ދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން މިއަދު ހަނދާންކޮށްދީފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން ރޯދަ އިނާޔަތް ކޮންމެ ރޯދަމަހެއްގެ ފުރަތަމަ ދުވަހުގެ ކުރިން، އެ ތަނެއްގައި މަސައްކަތް ކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ދޭން ޖެހޭނެ އެވެ. ރޯދަ އިނާޔަތުގެ ގޮތުގައި މަދުވެގެން 3،000 ރުފިޔާ ދޭން ޖެހޭނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ރޯދަ މަސް ފަށަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު އެވެ. ނަމަވެސް އަންނަ އާދިއްޔަ ދުވަހުގެ ރޭ ހަނދު ބަލާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ވަނީ ނިންމައިފަ އެވެ. އެ ރޭ ހަނދު ފެނިއްޖެ ނަމަ، ރޯދަ މަހުގެ ފުރަތަމަ ދުވަސް ވާނީ އަންނަ ހޯމަ ދުވަހަށެވެ.

އެލްއާރްއޭގެ އެސިސްޓަންޓް ޑިރެކްޓަރު ހޫދު އައްބާސް އަހުމަދު "މިހާރު" އަށް ވިދާޅުވީ، ރޯދަ އިނާޔަތް ނުދޭ ފަރާތްތަކަށް، ގާނޫނުގައިވާ ގޮތުގެ ދަށުން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.

ރޯދަ އިނާޔަތް ނުލިބިގެން މިދިޔަ އަހަރު ޝަކުވާ ހުށަހެޅި މީހުންގެ މައްސަލަތައް ބަލައި ނިންމި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މައްސަލަ ހުށަހެޅި މީހުންގެ އަދަދާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.

"މައްސަލަ ހުށަހެޅި ބައެއް މީހުންނަށް އެ މީހުންނަށް ލިބެން ޖެހޭ އިނާޔަތް އަނބުރާ ހޯދައިދިނިން،" ހޫދު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދަށް ގިނަ ގެއްލުންތަކެއް ލިބުނެވެ. އެހެންވެ، ބައެއް ކުންފުނިތަކުން ރޯދަ އިނާޔަތް ނުދޭން ނިންމުމަށް ފަހު، އެ ނިންމުން މިދިޔަ އަހަރު އަނބުރާ ގެނެސް އިނާޔަތް ދިނެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކުރި އިއުލާނެއްގައި ބުނެފައި ވަނީ، އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ދައުލަތުގެ މުވައްޒަފުންނަށް ރޯދަ އިނާޔާތް ދޭނެ ކަމަށެވެ.