Roadha Mihaaru
41 މީހަކަށް ރޯދަ އިނާޔަތް ހޯދާދިނިން: އެލްއާރުއޭ

މިދިޔަ އަހަރު ރޯދަ އިނާޔަތް ނުލިބުނު 41 މީހަކަށް އިނާޔަތް ހޯދައިދިނިން: އެލްއާރުއޭ

06 އެޕްރީލް 2021

މިދިޔަ އަހަރުގެ ރޯދަ އިނާޔަތް ނުލިބިގެން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އަށް ޝަކުވާ ހުށަހެޅި 41 މީހަކަށް، އެ އިނާޔަތް ހޯދާދިން ކަމަށް އެ އިދާރާ އިން އިއްޔެ ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިދިޔަ އަހަރުގެ ރޯދަ އިނާޔަތް ނުލިބިގެން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އަށް ޝަކުވާ ހުށަހެޅި 41 މީހަކަށް، އެ އިނާޔަތް ހޯދާދިން ކަމަށް އެ އިދާރާ އިން އިއްޔެ ބުނެފި އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން، ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި މަދުވެގެން 3،000 ރުފިޔާ ދޭން ޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ވެ އެވެ. އެ އިނާޔާތް ނުލިބިއްޖެ ނަމަ ޝަކުވާ ހުށަހަޅަން ޖެހޭނީ އެލްއާރްއޭ އަށެވެ.

އެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު ހޫދު އައްބާސް އަހުމަދު "މިހާރު" އަށް ވިދާޅުވީ، ރޯދަ އިނާޔާތް ނުލިބިގެން މިދިޔަ އަހަރު 54 މައްސަލައެއް ލިބުނު ކަމަށެވެ. އޭގެ ތެރެއިން 41 މީހަކަށް އެ އިނާޔަތް ހޯދައި ދިން ކަމަށާއި ބާކީ މައްސަލަތައް، އެ މައްސަލައެއްގެ ގޮތުން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ލަފާ ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް މައްސަލައެއްގައި، ވަޒީފާދޭ ފަރާތަށް އެލްއާރްއޭ އިން ފިޔަވަޅު އެޅިން [އެލްއާރުއޭގެ] އެންގުމާ އެއްގޮތަށް އަމަލުނުކުރުމުން،" ހޫދް ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ބައެއް މައްސަލަތައް އެލްއާރްއޭ އިން އިތުރަށް ތަހުގީގު ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ރޯދަ އިނާޔަތް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ދައުލަތުގެ މުވައްޒަފުންނަށް ދޭން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެ އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ރޯދަ އިނާޔާތް ދޭން ޖެހޭނެ ކަން އެލްއާރްއޭ އިން ވަނީ އިއްޔެ ވެސް ހަނދާންކޮށްދީފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން ނަމަ، ރޯދަ މަސް ފެށޭނީ އަންނަ އަންގާރަ ދުވަހު އެވެ. އަންނަ އާދިއްތަ ދުވަހުގެ ރޭ ހަނދު ބަލަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ނިންމާފައި ވެ އެވެ. އެ ރޭ ހަނދު ފެނިއްޖެ ނަމަ، ރޯދަ މަހުގެ ފުރަތަމަ ދުވަސް ވާނީ އަންނަ ހޯމަ ދުވަހަށެވެ.