Roadha Mihaaru
ރޯދަ އެލަވަންސް ދޭން ހަނދާކޮށްދީފި

ރޯދަ އެލަވަންސް ދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީން ހަނދާކޮށްދީފި

02 މާޗް 2023

ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސް ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން (އެލްއާރްއޭ) ހަނދާކޮށްދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސް ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން (އެލްއާރްއޭ) ހަނދާކޮށްދީފި އެވެ.

އެ އިދާރާއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަަސް ފެށުމުގެ ކުރިން އެލަވަންސް ދިނުމަށް ހަނދާކޮށްދޭ ކަމަށެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން، ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި މަދުވެގެން 3000ރ. ދޭން ޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައިވެ އެވެ. އެ އިނާޔާތް ނުލިބިއްޖެ ނަމަ، ޝަކުވާ ހުށަހަޅަން ޖެހޭނީ އެލްއާރްއޭ އަށެވެ.

ވަޒީފާ ދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރޯދަމަހުގެ އެލަވަންސް ނުދޭ ކަމާއި އެލަވަންސް ދިން ކަމަށް ވިޔަސް، ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ނުދޭ ކަމުގެ ޝަކުވާ އަބަދުވެސް ލިބޭ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އެލްއާރްއޭ އިން ކުރިން ބުނެފައިވާ ގޮތުގައި، ރޯދަ އެލަވަންސް ނުދީގެން މިދިޔަ އަހަރު އެ އިދާރާ އަށް 65 ޝަކުވާ ހުށަހެޅި އެވެ. އޭގެތެރެއިން 53 މީހަކު މަސައްކަތްކުރާ ތަނާ މަޝްވަރާކޮށް، އެ މައްސަލަ ހައްލުކޮށް އެލަވަންސް ދީފައިވެ އެވެ.

ވަޒީފާ އަދާކުރާ ތަނުން އެކަން ހައްލުކުރަން އެއްބާރުލުން ނުދިނުމުން ބައެއް ތަންތަން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނު ގޮތުން، ފުރަތަމަ ކަމަކަށް އޮންނަނީ ރޯދަ އެލަވަންސް ދިނުމަށް ނަސޭހަތްތެރިވުމެވެ. އޭގެ ފަހުން ވެސް އެކަން ތަކުރާރުކުރާ ނަމަ، 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ. އަދި ވަޒީފާ ދޭ ފަރާތްތަކަށް ސަރުކާރުން ދޭ ހުއްދަތައް ބާތިލްކުރުން ފަދަ ފިޔަވަޅުތައް ވެސް އެޅިދާނެ އެވެ.