Roadha Mihaaru
ގާނޫނާ ޚިލާފަށް މުވައްޒަފުން ވަކިކުރާތީ ކަންބޮޑުވެއްޖެ

ކޮވިޑް-19: ގާނޫނާ ޚިލާފަށް މުވައްޒަފުން ވަކިކުރާ ކަމުގެ ޝަކުވާ ލިބޭ: ލޭބާ ރިލޭޝަން އޮތޯރިޓީ

30 މާޗް 2020

ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ކޮރޯނާވައިރަހާ ހެދި ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތާ ގުޅުވައި ގިނަ މުވައްޒަފުންތަކެއް ގާނޫނާ ޚިލާފަށް ވަޒީފާ އިން ވަކިކުރަމުންދާތީ ލޭބަ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) ކަންބޮޑުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ކޮރޯނާވައިރަހާ ހެދި ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތާ ގުޅުވައި ގިނަ މުވައްޒަފުންތަކެއް ގާނޫނާ ޚިލާފަށް ވަޒީފާ އިން ވަކިކުރަމުންދާތީ ލޭބަ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) ކަންބޮޑުވެއްޖެ އެވެ.

ކޮރޯނާވައިރަސް ފެތުރުނަ ނުދޭން ރާއްޖޭގައި ވެސް ގިނަ ފިޔަވަޅުތަކެއް އަޅައި ޓޫރިސްޓުން އައުން މިވަގުތަށް ހުއްޓުވާފައި ވާތީ، އެންމެ ބޮޑު ލޮޅުމެއް އައިސްފައި ވަނީ ޓޫރިޒަމް ދާއިރާ އަށެވެ. އެ ދާއިރާގެ ބައެއް މުވައްޒަފުންނަށް ވަޒީފާ އިން ވަކިކުރުމުގެ ނޯޓިސްދީފައިވާއިރު، ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ވެސް ގިނަ ބަޔަކަށް އެބައޮތެވެ.

މުވައްޒަފުންގެ މި ޝަކުވާތައް ލޭބަ ރިލޭޝަންސް އޮތޯރިޓީން ބަލައި ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރުމާއި މުސާރަ އާއި އިނާޔަތްތައް ނުދޭ ގޮތަށް (ނޯޕޭ ލީވްގައި) ފޮނުވާލުމާއި ވަޒީފާ އިން ވަކިކުރުން ފަދަ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. ކަން ހިނގާ ގޮތް ބެލިއިރު، ބައެއް ފަރާތްތަކުން މުވައްޒަފުން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަން އެތަނުން ބުނެފައިވެ އެވެ.

ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތާ ގުޅިގެން ވިޔަފާރިތަކަށް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާތީ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަން އެލްއާރުއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މި އިނާޔަތް ދިނުމުގައި ސަރުކާރުން އިސްކަން ދޭން ނިންމާފައި ވަނީ މުވައްޒަފުންގެ ހައްގުތައް އިސްކުރާ ފަރާތްތަކަށެވެ.

މި ދަނޑިވަޅުގައި، މުވައްޒަފުންގެ ވަޒީފާއާ ގުޅުން ހުރި ކަންކަން ނިންމެވުމުގެ ކުރިން އެ ކަންކަމާ ގުޅޭ ގޮތުން މި އޮތޯރިޓީއާ އެކު މަޝްވަރާ ކުރެއްވުމަށާއި އެއްވެސް މުވައްޒަފަކާ މެދު ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދަންނަވަމެވެ. --އެލްއާރުއޭ

މި މަހުގެ 1ގެ ފަހުން އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ ހާލަތަށް ބަދަލެއް ގެނެސްފައިވާ ނަމަ، އެކަން ވެސް ހިއްސާކޮށްދޭން އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.

ރިސޯޓްތަކުގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތްކުރާ ޓީމުން އާއްމުކޮށްފައިވާ ގޮތުގައި، ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ގާތްގަނޑަކަށް 11،000 މުވައްޒަފުން ވަނީ މުސާރަ އާއި އިނާޔަތް ނުލިބިދާނެ ކަމުގެ ބިރު ހީވެފަ އެވެ.

ރާއްޖެ އިން ވެސް ކޮވިޑް-19 ޖެހިފައިވާ 17 މީހަކު ފެނި، އިގްތިސޯދަށް ކުރިމަތިވެފައިވާ ދަތިތަކާ ހެދި، 50 އަށް ވުރެ ގިނަ ރިސޯޓު ވަނީ ބަންދުކޮށްފަ އެވެ.