Roadha Mihaaru
ސްޓީވް ޖޮބްސްގެ ހަނދާނުގައި ފޯނުތަކެއް

ސްޓީވް ޖޮބްސްގެ ހަނދާނުގައި ފޯނުތަކެއް

15 ޑިސެމްބަރ 2020

އެޕަލް ކުންފުނީގެ ބާނީންގެ ތެރޭގައި ހިމެނޭ ސްޓީވް ޖޮބްސް އަށް ޑެޑިކޭޓްކޮށް މާ ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ ފޯނުތަކެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލް ކުންފުނީގެ ބާނީންގެ ތެރޭގައި ހިމެނޭ ސްޓީވް ޖޮބްސް އަށް ޑެޑިކޭޓްކޮށް މާ ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ ފޯނުތަކެއް ދައްކާލައިފި އެވެ.

އެޕަލްގެ އެންމެ ފަހުން އައިފޯން 12ގެ އެޑިޝަންތަކެއްގެ ގޮތުގައި ފޯނުތައް ދައްކައިލީ ލަގްޒަރީ ބްރޭންޑްތައް މޮޑިފައިކޮށްގެން ނެރޭ ކުންފުންޏެއް ކަމަށްވާ ކެވިއާ އިން އިންނެވެ.

އެތަނުން ނެރުނު "އައިފޯނުތަކަށް" ބަލާއިރު އޭގެ ތެރެއިން އެކައްޗަކީ އައިފޯނު 4 ނެރުނުތާ 10 އަހަރު ވެފައިވާތީ އެކަމާ ގުޅުވައިގެން އުފެއްދި "އައިފޯން 12 ޕްރޯ ޖޮބްސް 4" އެވެ.

ފަހަތު ކަވަރުގައި ޖޮބްސްގެ ސޮއި ވެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ފޯނު ތައްޔާރުކޮށްފައި ވަނީ ޓައިޓޭނިއަމް ބޭނުންކޮށްގެންނެވެ. އަދި މީގެ ކުލަތަކުގެ ތެރޭގައި ކަޅާއި ހުދާއި ލަގްޒަރީ ގޯލްޑް ވާޝަން ހިމެނެ އެވެ. ފީޗާތަކަށް ބަލާ އިރު މިއީ 128 ޖީބީގެ ފޯނެކެވެ. އަގުތައް ފެށެނީ 10،140 ޑޮލަރު (156,156ރ.) އެވެ

ކެވިއާ އިން ދައްކައިލި އަނެއް ފޯނަކީ "އެޕަލް 1" ގެ ގޮތުގައި ސިފަކުރާ "އައިފޯން 12 ޕްރޯ މެކްސް" އެވެ. މިއީ ވަރަށް ތަފާތު ސިފައަކަށް އޮތް ފޯނެކެވެ. ފޯނުގެ އޮނިގަނޑު ލަކުޑި ސިފަވާ އޮތް ނަމަވެސް ޑިސްޕްލޭގައި އިންނަނީ ޓައިޓޭނިއަމެވެ.

މި ފޯނު ކެވިއާ އިން ސިފަކޮށްފައި ވަނީ ޖޮބްސް އެންމެ ފުރަތަމަ ގެންގުޅު އިހުގެ ކޮމްޕިއުޓަރުގެ ގޮތުގަ އެވެ. ފޯނުގެ ކުރިމަތިން މެދުގައި ފިތްތަކެއްގައި "ކޮމްޕިއުޓާ" ލިޔެފައިވާ އިރު އޭގެ ތިރިން އިންނަނީ މަދަބޯޑެކެވެ. ޑިސްޕްލޭގެ މަތީގައި "އެޕަލް" ވެސް ޖަހާފައިވެ އެވެ. މީގެ އަގު ފެށެނީ 9،990 ޑޮލަރު (153,84ރ.) އެވެ.

ކެވިއާ އިން ބުނިގޮތުގައި "އައިފޯން 12 ޕްރޯ ޖޮބްސް 4" އާއި އެޕަލް 1 (އައިފޯން 12 ޕްރޯ މެކްސް) ނެރޭނީ ވަރަށް ލިިމިޓެޑް އެޑިޝަނެެއްގެ ގޮތުގަ އެވެ. އެގޮތުން "އައިފޯން 12 ޕްރޯ ޖޮބްސް 4" ގެ 10 ފޯނު ނެރެން ނިންމާފައިވާ އިރު އަނެއް މޮޑެލުން ނެރޭނީ ނުވަ ފޯނެވެ.

މި ދެ މޮޑެލުން ފާހަގަވާ މުހިއްމު އެއް ކަމަކީ ފަހުގެ އެންމެ ފަހުން ނެރުނު އައިފޯންތަކުގައި ކެމެރާ ހިމަނާފައިވާ ގޮތަށް ކެމެރާތައް ހިމަނާފައިވުމެވެ.

ބަލިވެ އުޅުމަށް ފަހު ޖޮބްސް ވަނީ 2011 ގައި މަރުވެފަ އެވެ. އެޕަލް އަކީ ޖޮބްސް އާއި ސްޓީވް ވޮޒްނިއަކްގެ އިތުރުން ރޮނާލްޑް ވޭން 1974 ގައި ވުޖޫދަށް ގެނައި ކުންފުންޏެކެވެ.

މިހާރު އެންމެ ވަރުގަދަ ޓެކް ކުންފުނިތަކުގެ ތެރޭގައި ގުނާލެވޭ އެޕަލްގެ އަގު ދެ ޓްރިލިއަން ޑޮލަރަށް އަރަ އެވެ. މިހާރު ކުންފުނީގެ އިސް ވެރިޔަކީ ސީއީއޯގެ މަގާމު އަދާކުރަމުން އަންނަ ޓިމް ކުކެވެ.