Roadha Mihaaru
ޔޫއެސްބީ-ސީ ޕޯޓް ހިމެނަން ބުނާތީ އެޕަލް ނުރުހިއްޖެ

ޔޫއެސްބީ-ސީ ޕޯޓް ހިމެނުން މަޖުބޫރުކުރާތީ އެޕަލް ނުރުހިއްޖެ

25 ސެޕްޓެމްބަރ 2021

ސްމާޓްފޯނާއި އިލެކްޓްރޯނިކް އެހެން އެއްޗެހީގައި ވެސް ޔޫއެސްބީ-ސީ ޕޯޓް ހިމަނަން ޔޫރަޕިއަން ކޮމިޝަނުން ލާޒިމުކުރާ ހުށަހެޅުމަކަށް މަސައްކަތް ފެށުމާ އެކު، އައިފޯން އުފައްދާ އެޕަލް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ފާޑު ކިޔައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްމާޓްފޯނާއި އިލެކްޓްރޯނިކް އެހެން އެއްޗެހީގައި ވެސް ޔޫއެސްބީ-ސީ ޕޯޓް ހިމަނަން ޔޫރަޕިއަން ކޮމިޝަނުން ލާޒިމުކުރާ ހުށަހެޅުމަކަށް މަސައްކަތް ފެށުމާ އެކު، އައިފޯން އުފައްދާ އެޕަލް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ފާޑު ކިޔައިފި އެވެ.

އެޕަލް އަކީ މިހާރު ސްމާޓްފޯނު އުފައްދާ ކުންފުނިތަކުގެ ތެރެއިން ޔޫއެސްބީ-ސީ ޕޯޓް ދޫކޮށްލައި ވަޔަލެސް ޗާޖިން އާއި ލައިޓްނިން ޕޯޓަށް އެންމެ ބޮޑަށް މަސައްކަތްކުރާ ކުންފުންޏެވެ. އަދި މިދިޔަ އަހަރު މިގޮތަށް އައިފޯން 12 ނެރުމާ އެކު އެޕަލްއަށް ކުރިމަތިވި ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހުނު މައްސަލަތައް ވެސް މަދެއް ނޫނެވެ.

އެކަމަކު ބުރާސްފަތި ދުވަހު ޔޫރަޕިއަން ކޮމިޝަނުން ހުށަހެޅި ހުށަހެޅުމަށް ފާޑުކިޔައި، ޓިމް ކުކްގެ އެޕަލް އިން ނެރުނު ކުރު ބަޔާނެއްގައި ބުނީ ޒަމާނީ ސްމާޓް ޑިވައިސްތަކުގައި ޔޫއެސްބީ-ޕޯޓް ހިމަނަން މަޖުބޫރުކުރުމަކީ ޔޫރަޕްގެ ކަސްޓަމަރުންގެ އިތުރުން މުޅި ދުނިޔެ އަށް ވެސް ގެއްލުމެއް ކަމަށެވެ.

"ޒަމާނީ އާ ގޮތްގޮތަށް ކަންކަން ކުރުމަށް ހިތްވަރު ދިނުމުގެ ބަދަލުމުގައި ފަހަތަށް ވިސްނުން ގެންގުޅުމުގެ ވިސްނުމަކީ އެންމެންނަށް ވެސް ލިބޭނެ ގެއްލުމެއް،" އެޕަލް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ޔޫރަޕިއަން ކޮމިޝަނުން ހުށަހަޅާ ހުށަހެޅުމަށް ހައްލެއް ހޯދަން ހުރިހާ ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.

"މިއީ ހަގީގަތުގައި ކޮންޒިއުމަރުންގެ ހައްގުތަކާ ގުޅިފައި އޮތް ކަމެއް،" އެޕަލް އިން ބުންޏެވެ.

ޔޫރަޕިއަން ކޮމިޝަންގެ މައިގަނޑު ހުށަހެޅުމަކީ ޓެކް ކުންފުނިތަކުން އުފައްދާ ފޯނާއި ޓެބްލެޓާއި ކެމެރާ އާއި ޕޯޓަބަލް ސްޕީކަރާއި ވީޑިއޯ ގޭމް ފަދަ ސިސްޓަމްތަކުގައި މަދުވެގެން އެއް ޔޫއެސްބީ-ސީ ޕޯޓް ހިމަނަން މަޖުބޫރުކޮށް، އެއް ޗާޖަރަކުން ގިނަ ޑިވައިސްތައް ޗާޖްކުރެވޭ ނިޒާމަކަށް ކުންފުނިތަކުން މަސައްކަތްކުރުމެވެ.

ނަމަވެސް އެޕަލް ފަދަ ކުންފުނިތަކުން ބުނާ ގޮތުގައި މިހާރު ޗާޖަރު/އެޑަޕްޓަރު ފަދަ އެއްޗިއްސަކީ ޒަމާނަށް ފެތޭ އެއްޗިއްސެއް ނޫނެވެ. އަދި އީ-ވޭސްޓް ނުވަތަ އިލެކްޓްރިކް ކުނިބުނި މަދުކުރެވޭނީ ވެސް އެފަދަ އުފެއްދުންތައް ދޫކޮށްލައިގެން ބައެއް ޓެކް ކުންފުނިތަކުން ބުނެ އެވެ. ޔޫރަޕިއަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެތަނުގެ ހުށަހެޅުމަކީ ވެސް އީ-ވޭސްޓް މަދުވާނެ ކަމެކެވެ.