Roadha Mihaaru
ގްރޭޑް-2ގައި ޑްރަގަށް، 19 އަހަރުގައި އޭގެ ބޮޑަކަށް

ގްރޭޑް ދޭއްގައި ޑްރަގަށް، 19 އަހަަރުގައި އައްޑާއެއްގެ ބޮޑަކަށް!

07 ޑިސެމްބަރ 2020

މާލޭގެ އާންމު އައްޑާތަކަށް ވުރެ 11 ފޫޓު އަށް ފޫޓުގެ އެ ކޮޓަރި ބޮޑުވެފައި ރީއްޗެވެ. ކޮޓަރީގައި އެއްޗެހި ބަހައްޓާފައި ހުރި ގޮތް ވެސް ތަރުތީބެވެ. އޭސީ އާއި ފަންކާ ވެސް ހުއްޓެވެ. ޖެހިގެން ކުޑަވަރެއްގެ ސިޓިން ރޫމެކެވެ. ގަލޮޅުގައި ހުންނަ އެ އައްޑާ "ހިންގާ" ޒުވާނާގެ ހަޔާތުން ގެނެސްދެނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ނުބައި އާދައަށް، ކިތައްމެ ކުޑަ ކުއްޖަކު ވެެސް ވަދެފާނެކަމުގެ ބިރުވެރި އިންޒާރެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ އާންމު އައްޑާތަކަށް ވުރެ 11 ފޫޓު އަށް ފޫޓުގެ އެ ކޮޓަރި ބޮޑުވެފައި ރީއްޗެވެ. ކޮޓަރީގައި އެއްޗެހި ބަހައްޓާފައި ހުރި ގޮތް ވެސް ތަރުތީބެވެ. އޭސީ އާއި ފަންކާ ވެސް ހުއްޓެވެ. ޖެހިގެން ކުޑަވަރެއްގެ ސިޓިން ރޫމެކެވެ. ގަލޮޅުގައި ހުންނަ އެ އައްޑާ "ހިންގާ" ޒުވާނާގެ ހަޔާތުން ގެނެސްދެނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ނުބައި އާދައަށް، ކިތައްމެ ކުޑަ ކުއްޖަކު ވެެސް ވަދެފާނެކަމުގެ ބިރުވެރި އިންޒާރެވެ.

އުމުރުން 19 އަހަރުގެ ޒުވާނާގެ މާޒީގެ ބައެއް ވާހަކަތައް، މާލޭގެ އައްޑާތަކަށް ގޮސް ފުލުހުން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ނޫސްވެރިންނަށް އޭނާ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި މަސްތުވާތަކެތީގެ ތެރެއަށް ވަދެވުނީ އުމުރުން އެންމެ އަށް އަހަރުގައި، ގްރޭޑު ދޭއްގައި ކިޔަވަމުން ދިޔަ އިރު އެވެ. ސަބަބެއް ކަމަށް އޭނާ ދެއްކީ މަންމަ އާއި ބައްޕައާ ދެމެދު ހިނގި ތަޅާފޮޅުންތަކެވެ.

އެ މަންޒަރުތަކުން ދުރުވެ، ސިކުނޑިއަށް ހަމަޖެހުން ގެނެސްދޭން އޭނާ ނުކުތީ، ޒުވާނާގެ ބަހުން ނަމަ، "މާާލޭގެ މަގުތަކަށެ"ވެ. ރައްޓެހިންނާ އެކު އެކި ތަންތަނަށް ދާން ފެށި އެވެ. ދެން އައީ "ބިޑި އާއި ބަނގު ރާ ބުއިމު"ގެ ފެށުމެވެ. އޭގެ ނަތީޖާ އޭރު ވެސް އަދި މިހާރު ވެސް އެވަނީ ޒުވާނާގެ ހަޔާތުގެ އެންމެ ބޮޑު އަނިޔާއަށް ވެފަ އެވެ.

ދައްތައެއްގެ ގޭގެ ފުރަތަމަ ބުރީގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ޒިޔާރަތްކުރާ އައްޑާއެއް ހަދައިގެން އޭނާ ވެސް އުޅެމުން އެ އަންނަނީ މަަސްތުން ސަލާމަތްނުވެވޭ ދިރިއުޅުމެއްގަ އެވެ.

އެންމެ 19 އަހަރުގެ ޒުވާނާ އުޅޭ ކޮޓަރި ފުލުހުން ޗެކްކުރަނީ .---ފޮޓޯ: ނިޝާން އަލީ/މިހާރު

އެންމެ 19 އަހަރުގެ ޒުވާނާ އުޅޭ ކޮޓަރި ފުލުހުން ޗެކްކުރަނީ .---ފޮޓޯ: ނިޝާން އަލީ/މިހާރު

މިދިޔަ މަހުގެ 26 ވަނަ ދުވަހު ނޫސްވެރިން ފުރަތަމަ އެ ގެއަށް ދިޔައިރު ދެ ފިރިހެނުންނާއި އަންހެނަކު ތިއްބެވެ. އެ ދުވަހުގެ ހެނދުނު ކެނަބިސް ބޭނުންކުރި ކަމަށް ޒުވާނާ އެއްބަސްވި އެވެ. ނޫސްވެރިންނާ އޭނާ ވާހަކަ ދައްކަމުން ދިޔަ އިރު ފުލުހުން ގެންދިޔައީ ކޮޓަރި އާއި ސިޓިން ރޫމުގެ އެކި ތަންތަން ފާސްކުރަމުންނެވެ. އެކަމަކު އެނދުމަތީގައި އޮތް 1،200ރ ފިޔަވައި، އެ އައްޑާއިން މަސްތުވާތަކެއްޗެއް އެދުވަހު ނުފެނުނެވެ.

ޖެހިގެން އައި ހުކުރު ދުވަހުގެ ރޭ ދެ ވަނަ ފަހަރަށް ފުލުހުންނާ އެކު ނޫސްވެރިން އެތަނަށް ވަނެވެ. އޭރު ސިޓިން ރޫމުގައި ފަސް ވަރަކަށް މީހުން ތިއްބެވެ.

ކިޔެވުން ނިންމާލީ ގްރޭޑް ހަޔަކުން!

ޒުވާނާގެ ގެއްލިފައި އޮތް ދިރިއުޅުމުގައި ތައުލީމީ ހަޔާތުން ވަކިވީ ގްރޭޑު ހަޔަކާ ހަމައިންނެވެ. އޭނާއަށް މިހާރު އޮތީ މަސްތުވާތަކެތިން ސަލާމަތްވާން ފަރުވާ ހޯދުމެވެ. ޑްރަގް ކޯޓުން އޭނާގެ މައްޗަށް އެ ހުކުމް ކުރިތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު އޭނާ ބުނާ ގޮތުގައި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އަދި ޖަވާބެއް ނުލިބެ އެވެ.

ޒުވާނާ އޭނާގެ އައިޑީ ކާޑު ދައްކާލަނީ: އޭނާ އުޅޭ ތަނަށް ކޮންމެ ދުވަހަކު އެތައް ބަޔަކު ވަދޭ - ފޮޓޯ: މިހާރު

ޒުވާނާ އޭނާގެ އައިޑީ ކާޑު ދައްކާލަނީ: އޭނާ އުޅޭ ތަނަށް ކޮންމެ ދުވަހަކު އެތައް ބަޔަކު ވަދޭ - ފޮޓޯ: މިހާރު

އޭނާގެ ވާހަކަތަކުން އެނގޭ ގޮތުގައި މި ނުރައްކަލުން ސަލާމަތްކޮށްދޭން މަންމެން ވެސް ތިބީ އޭނާއާ އެކުގަ އެވެ.

"މަންމަމެން ސިޓީ ވެސް ލައިފި އެތަނަށް [އެންޑީއޭ]އިން ޖަވާބެއް ނުލިބޭތީ،" އޭނާ ބުންޏެވެ.

އެކަމަކު "މަންމަމެން"ނޭ އޭނާ ބުނީ، ކުޑައިރު އެކަކު އަނެކަކަށް އަނިޔާކޮށް އުޅުނު މަންމަ އާއި ބައްޕައަށް ވެސް ނިސްބަތްކޮށްކަމެއް ސާފެއް ނޫނެވެ. އޭނާ އެ ވާހަކަތަކެއް އެހާ ބޮޑަކަށް ނުދައްކަ އެވެ.

ދެމަފިރިންގެ މެދުގައި ޒުވާބާއި ތަޅާފޮޅުން އޮންނާތީ ގެއިން ނުކުމެގެން އުޅޭ ކުދިން ވެސް، މާލެ އިން ފެނެ އެވެ. އަދި ފަހުން އެ ކުދިން ގޭންގްތަކާ ގުޅި، ނުރައްކާތެރި ކުށްތަކަށް އަރައިގަނެ އެވެ. އާއިލާ ރޫޅި، އަޅާލާނެ މީހުން ނެތް ކުދިން ވެސް ކުށުގެ ވެށީގައި އިސް ދައުރެއް އަދާކުރެ އެވެ.

އެ ޒުވާނާ ވެސް ނިސްބަތްވަނީ މާލޭގެ ގޭންގަކަށެވެ. އެކަމަކު މަސްތުވާތަކެތި ބޭނުންކުރާ މީހުން އެ އަމަލް ހިންގާ އައްޑާއެއްގެ "ވެރިޔަކަށް" އޭނާ ވިޔަސް، ޒުވާނާ ބުނީ މަސްތުވާތަކެތި ވިއްކައިގެން އާމްދަނީ ނުހޯދާ ކަމަށެވެ.

"އާއިލާގެ މީހުންނާއި ރައްޓެހިން އަހަންނަށް ލާރި ދޭ،" އޭނާ ބުންޏެވެ.

އެކަމަކު އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ފުލުހުން ބުނެ އެވެ. އައްޑާތަކަކީ، ފުލުހުން ބުނާ ގޮތުގައި، ޑްރަގް ވިޔަފާރީގެ ބައެކެވެ. އެތަންތަނަށް ވަންނަ މީހުންނަށް މަސްތުވާތަކެތި ލިބޭނެ ގޮތާއި ހޯދާނެ ގޮތް ވެސް، އޮންނަނީ ކަނޑައަޅައިފަ އެވެ. އެހެންކަމުން އޮޕަރޭޝަނެއްގައި އެއިން އައްޑާއަކަށް ވަންނަ ކޮންމެ ފަހަރަކު މަސްތުވާތަކެތި ނުފެނުނަސް، އެ ވިޔަފާރީގައި ނުހިމެނޭ ބަޔަކަށް، އެތަންތަން ހިންގާ މީހުން ނުވާނެ ކަމަށް، ބައެއް ފުލުހުން ބުނެ އެވެ.

"ޑްރަގްގެ ޑެއިލީ ސޭލްސް ހިންގަނީ އެތަންތަނުގައި،" ޑްރަގާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގެ މައުލޫމާތު ހުރި އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ޒުވާނާގެ ދިރިއުޅުން މިހާރު ވެއްޓިފައި އޮތް ވަޅުގަނޑުން ނަގައި، ކޮޅަށް ޖެހޭނެ ގޮތެއް ހޯދަން އުނދަގޫވާ ވަރަށް އޭނާ ވަނީ، މަސްތުވާތަކެއްޗާ ގުޅުން އުފެދިފަ އެވެ. އެއީ ގޭތެރޭގެ ޒުވާބާއި ތަޅާފޮޅުމުން ސަލާމަތްވާން ނުކުމެ އުޅެނިކޮށް ގޯޅި އެޅުން ކަމަށް ވިޔަސް، ނުވަތަ ގޭދޮށު ކުދިންނާ ގުޅިގެން އިހުތިޔާރުކުރި މަގެއް ކަމަށް ވިޔަސް، މިފަދަ ޒުވާނުން މި ހަލާކުން ދުރުކޮށްގެން ނޫނީ، މާލޭގެ އައްޑާތައް ނައްތާލައި، އެ އައްޑާތަކަށް އޮތް ޑިމާންޑް ކުޑައެއް ނުކުރެވޭނެ އެވެ.