Roadha Mihaaru
ބީއައިއެޗްއެސްގައި ކިޔެވުން ނުހުއްޓި ދަސްވެނިވެއްޖެ

ބިލަބޮންގް ހައި ސްކޫލުގެ ދަރިވަރުން ކޮވިޑްގެ ތެރޭގައި ކިޔެވުން ފުރިހަމަކޮށް ދަސްވެނިވެއްޖެ

06 ޑިސެމްބަރ 2020

ކޮވިޑް-19 ގެ ތެރޭގައި ވެސް ކިޔެވުން މެދުކަނޑާނުލައި ބިލަބޮންގް ހައި ސްކޫލު (ބީއައިއެޗްއެސް) ގެ ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

ކޮވިޑް-19 ގެ ތެރޭގައި ވެސް ކިޔެވުން މެދުކަނޑާނުލައި ބިލަބޮންގް ހައި ސްކޫލު (ބީއައިއެޗްއެސް) ގެ ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން އޮފީސްތަކާއި ސްކޫލްތައް ބަންދުކުރި ނަމަވެސް ކްލާސްތައް ކެންސަލްނުކޮށް ބިލަބޮންގް ހައި ސްކޫލުން އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިޔަ އެވެ. އެ ސްކޫލުގެ ވައިސް ޕްރިންސިޕަލް އިސްމާއިލް ޝާނިމް ވިދާޅުވީ މާޗު މަހު ލޮކްޑައުން ކުރި ނަމަވެސް، އެ ސްކޫލުން މަސައްކަތްކުރީ އެންމެ ގޯސް ހާލަތަށް ވެސް ވިސްނައިގެން ކަމަށެވެ.

އެ ސްކޫލުން ކުރި ބުރަ މަސައްކަތަށް ފަހު މިދިޔަ އަންގާރަ ދުވަހު ވަނީ އޭލެވެލް ނިންމި 10 ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު ވެސް އޮންލައިންކޮށް ބާއްވައިފަ އެވެ. ޝާނިމް ވިދާޅުވީ މިއީ ކެމްބްރިޖް އޭލެވެލް އިމްތިހާނު ފުރިހަމަކޮށް މިއަހަރު ރާއްޖެއިން ދަސްވެނިވި ހަމައެކަނި ދަރިވަރުން ކަމަށެވެ.

އޭގެ ތެރެއިން ގިނަ ދަރިވަރުން ދިވެއްސާއި އިސްލާމާ އެކު ފަސް މާއްދާ ކިޔެވި ކަމަށް ޝާނިމް ވިދާޅުވި އެވެ. އޭލެވެލް ދަރިވަރުންނަށް، 14 މާއްދާ ކިިިޔެވުމުގެ ފުރުސަތު އެ ސްކޫލުން ދިނެވެ.

ބިލަބޮންގްގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަރިވަރަކާ ލިޔުން ހަވާލުކުރައްވަނީ. -- ފޮޓޯ: ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލް

ބިލަބޮންގްގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަރިވަރަކާ ލިޔުން ހަވާލުކުރައްވަނީ. -- ފޮޓޯ: ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލް

"އެކަމަކު ބައެއް ދަރިވަރުން ހަތް މާއްދާ ވެސް ފުރިހަމަކުރި،" އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރާއްޖޭގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ހަޔާތުގައި އެންމެ ފަހަރަކު ކުރިމަތިވެދާ ފަދަ ބޮޑު ބަލިމަޑުކަމެއްގެ ހާލަތުގައި ވެސް ދަރިވަރުން ކިޔެވުން ފުރިހަމަކުރުމުން އުފާކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް އެންމެ ފާހަގަކުރެވޭ އެއް ކަމަކީ މިކަހަލަ ހާލަތްތަކުގައި ވެސް މީހުން އަމަލުކުރާ ގޮތްތައް. 2020 ވަނަ އަހަރު ވަރަށް ފަސޭހަވީސް ބުނަން މި ބަލިމަޑުކަމާ ހެދި އަހަންނަށް މަސައްކަތަކަށް ނުދެވޭނެއޭ، ސްކޫލަކަށް ނުދެވޭނެއޭ،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އެގޮތަށް ކަންތައް ކުރުމުން އެއްވެސް މީހަކަށް ފައިދާއެއް ނުކުރާނެ ކަމަށާއި އެހެންވެ، ބަލިމަޑުކަމުގެ ތެރޭގައި ވެސް ރައްޔިތުންގެ މަޖިލީހުން ވެސް މަސައްކަތް ފެށީ އޮންލައިންކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ މަޖިލީހުން ކުރި ގޮތަށް ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުން ކަންތައް ކުރީތީ އުފާކުރައްވާ ކަމަށެވެ.