Roadha Mihaaru
އިންޓަނޭޝަނަލް ސްކޫލުތަކަށް ޑޭޓާ ދިނުން ހުއްޓާލައިފި

އިންޓަނޭޝަނަލް ސްކޫލްތަކަށް ޑޭޓާ އެލަވަންސް ދިނުން ހުއްޓާލައިފި

23 އޯގަސްޓް 2020

ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކުރުމަށް ފަހު، ގޭގައި ތިބެގެން ކިޔެވުމަށް އިންޓަނޭޝަނަލް ސްކޫލުތަކަށް ދެމުން އައި ޑޭޓާ އެލަވަންސް ހުއްޓާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކުރުމަށް ފަހު، ގޭގައި ތިބެގެން ކިޔެވުމަށް އިންޓަނޭޝަނަލް ސްކޫލުތަކަށް ދެމުން އައި ޑޭޓާ އެލަވަންސް ހުއްޓާލައިފި އެވެ.

އެނގިފައިވާގޮތުގައި، ސްކޫލުތައް ބަންދުކުރި ފަހުން ޣިޔާސުއްދީން ސްކޫލާއި ބިލަބޮންގް ސްކޫލާއި ބްރައިޓްވޭ ސްކޫލު އަދި އަހުމަދިއްޔާ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށް ދިރާގުން ވަނީ ހާއްސަ އެލަވަންސް ދީފަ އެވެ. އެކަމަކު އެލަވަންސް ދިނުން މިދިޔަ ހަފުތާގައި ހުއްޓާލާފައިވާކަމަށް އެ ސްކޫލުތަކަށް ވަނީ އަންގައިފަ އެވެ. ނަމަވެސް އެގޮތަށް ނިންމި ސަބަބެއް ނުބުނެ އެވެ.

އަމިއްލަ ސްކޫލުތަކާއެކު ސަރުކާރުގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް ޑޭޓާ ދޭން ފެށި އެވެ. ކުރިއެކޭ އެއްގޮތަށް އެ ދަރިވަރުންނަށް ފަސް ޖީބީ ޑޭޓާ ދޭނެ އެވެ.

އޭގެ ތެރެއިން ބައެއް ސްކޫލުތަކަށް އުރީދޫން ޑޭޓާ އެލަވަންސް ވެސް ދިން ކަމަށް ވެ އެވެ.

ސްކޫލަކުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ، ދިރާގުން ދޭ ޑޭޓާ އެލަވަންސް އަށް ބަރޯސާވާ ބައެއް ބެލެނިވެރިން އެބަތިބި ކަމަށެވެ. އެހެންވެ، ޑޭޓާ ދިނުން ހުއްޓާލުމުން އުނދަގޫތަކާ ދިމާވާނެ ކަމަށް ވިދާޅުވި އެވެ.

"ސްކޫލުތައް ހުޅުވޭނެ ދުވަހެއް ވެސް ނޭނގެ. މިފަދަ ހާލަތެއްގައި އެލަވަންސް ހުއްޓާލުމުން ބެލެނިވެރިންގެ ފަރާތުން ވެސް ވަރަށް ސުވާލުތައް އެބަ އާދޭ. މަޝްވަރާކޮށްގެން އިތުރު ގޮތެއް ހެދޭތޯ ބަލަމުން މި އަންނަނީ،" ސްކޫލަކުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

ޔުނިސެފާ ގުޅިގެން ތައްޔާރުކުރި އެޑިއުކޭޝަން ރެސްޕޮންސް ޕްލޭން (އީއާރުޕީ) ގައިވާ ގޮތުން މިދިޔަ އޭޕްރީލް މަހާ ހަމައަށް ޕްރައިވެޓް ސްކޫލުތަކުގައި 11،173 ދަރިވަރުން ތިއްބެވެ. އެއީ ދަރިވަރުންގެ މުޅި ޖުމްލަ އަދަދުގެ 12 ޕަސެންޓެވެ. ކޮވިޑުން ރައްކާތެރިވުމަށް މާޗު 12 ގައި ސްކޫލުތައް ބަންދުކުރުމަށްފަހު އަލުން ކިޔަވައިދޭން ފެށީ މިދިޔަ މަހުގެ 1 ވަނަ ދުވަހެވެ. ނަމަވެސް މާލެ ސަރަހައްދުގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން ދިއުމުގެ ސަބަބުން، މާލެ ސަރަހައްދުގެ ސްކޫލުތައް ވަނީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އަނެއްކާ ވެސް ބަންދުކޮށްފަ އެވެ.