Roadha Mihaaru
ގައިޑްލައިނަށް ކިޔަވައިދޭން ޣިޔާސުއްދީނަށް އަންގައިފި

މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ކިޔަވައިދޭން ޣިޔާސުއްދީން ސްކޫލަށް އަންގައިފި

29 ޖެނުއަރީ 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކިޔަވައިދިނުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކިޔަވައިދިނުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އަންގައިފި އެވެ.

މިނިސްޓްރީން އެގޮތަށް އެންގީ، ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާތީ ގްރޭޑު 9 އިން ފެށިގެން ދަށުގެ ދަރިވަރުން ސްކޫލަށް ގެނައުން ހުއްޓާލައި އިއްޔެއިން ފެށިގެން އޮންލައިންކޮށް ކިޔަވައިދޭގޮތަށް ބަދަލުކުރުމުންނެވެ. ނަމަވެސް އަންނަ އޭޕްރީލް މަހު އޯ ލެވެލް އިމްތިހާނު ހަދާ ގްރޭޑު 10ގެ ދަރިވަރުންނަށް ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭނެ އެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަންގެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ސްކޫލަކުން ވެސް އެ ތަނުގެ ގައިޑްލައިންތަކަށް ބަލައި އެއާ އެއްގޮތަށް ކިޔަވައިދިނުމަށް ޣިޔާސުއްދީން ސްކޫލަށް އަންގާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ މިނިސްޓްރީއަށް އެންމެ މުހިއްމު ކަމެވެ. އެ އިރެއްގެ ހާލަތަށް ބަލައި ކަމާބެހޭ ފަރާތްތަކުގެ ލަފައާ އިރުޝާދާ އެކު ފިޔަވަޅުތައް އަޅަމުންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު، ނިއު ނޯމަލްގައި މާލެ ސަރަހައްދުގައި ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދެނީ ދެ ދުވަހުން އެއް ދުވަހެވެ. ތިން ފޫޓުގެ ދުރުމިން ބަހައްޓައި ކްލާހެއްގައި ތިބޭ ދަރިވަރުންގެ އަދަދު ވެސް ވަނީ 15 އަށް މަދުކޮށްފަ އެވެ.

ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ ސޮއިކުރައްވައި ބެލެނިވެރިންނަށް ފޮނުއްވި ސިޓީގައި ބުނީ އޮންލައިންކޮށް ކިޔަވައިދޭން ނިންމީ ޓީޗަރުންނާއި ދަރިވަރުން ވެސް ޑައިރެކްޓް ކޮންޓެކްޓުންނަށް ވެ، ކަރަންޓީނަށް ދާން ޖެހޭކަމުގެ ރިޕޯޓްތައް އިތުރުވަމުން ދިއުމާ ގުޅިގެން ކަމަށެވެ. އަދި މާލޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ، ދަރިވަރުންގެ ރައްކާތެރިކަން ޔަގީންކުރަން ވެސް އުނދަގޫވާނެ ކަމަށް ސިޓީގައިވެ އެވެ.

"ދަރިވަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ މުހިއްމު ކަންތައް. އެއީ ފަރުވާކުޑަކޮށްލެވޭނެ ކަމެއް ނޫން،" ސިޓީގައި ބުންޏެވެ.

ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާ މާލެ ސަރަހައްދުގެ ހުރިހާ ގްރޭޑަކަށް ސްކޫލް ހުޅުވައި ކިޔަވައިދޭން ފެށީ ގާތްގަނޑަކަށް އަހަރެއް ފަހުން، މި މަހުގެ 10 ގަ އެވެ. އޭގެ ފަހުން އެކި ސްކޫލުތަކަށް ނިސްބަތްވާ ދަރިވަރުންނާއި ޓީޗަރުންނަށް ބަލި ޖެހުނަސް އެއިން އެއްވެސް ސްކޫލެއްގައި ކޮވިޑް ފެތުރިފައެއް ނުވެ އެވެ. "މިހާރު" އާ ވާހަކަދެއްކި ބައެއް ބެލެނިވެރިން ވެސް ތިބީ ސްކޫލުގައި އަޅާފައިވާ ފިޔަވަޅުތަކާ މެދު ހިތްހަމަޖެހިފަ އެވެ.