Roadha Mihaaru
ޑްރޭކް އުށްބައްތި ވިއްކަނީ

ޑްރޭކް އުށްބައްތި ވިއްކަނީ

04 ޑިސެމްބަރ 2020

ކެނެޑާގެ މަޝްހޫރު މިއުޒިޝަން ޑްރޭކް އުއްބައްތި ހަދައި، އެ ވިއްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކެނެޑާގެ މަޝްހޫރު މިއުޒިޝަން ޑްރޭކް އުއްބައްތި ހަދައި، އެ ވިއްކަން ފަށައިފި އެވެ.

ހަތަރު ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ 34 އަހަރުގެ ފަންނާނު، ނަފުސަށް އަރާމާއި ހަމަޖެހުން ގެނުވައިދޭ ވަސް ހިމެނޭ އުށްބައްތި ނެރޭކަން އިއުލާންކޮށްފައި ވަނީ ޖުލައި މަހުގެ ތެރޭގަ އެވެ. ބެޓަ ވޯލްޑް ފްރެގްރަންސް ހައުސް (ބީޑަބްލިއުއެފްއެޗް) ގެ ނަމުގައި ލޯންޗްކުރި އުށްބައްތި ލައިނަކީ ފެޝަނާ ގުޅުން ހުރި އުފެއްދުންތައް ނެރޭ ކުންފުނި ރިވޯލްވްއާ ގުޅިގެން ގެނެސްދިން އެއްޗެކެވެ.

ޑްރޭކްގެ އުށްބައްތި ކަލެކްޝަނުން ތައްޔާރުކުރި ބައެއް ބައްތި ސިފަކޮށްފައި ވަނީ އޭނާގެ ވަސް ވެސް ގެނުވައިދޭނެ އެއްޗެހީގެ ގޮތުގަ އެވެ. ލިބެން ހުރި ވަސްތަކުގެ ތެރޭގައި ކާބީ މަސްކް، މަސްކޯކާ، ސްވީޓާ ޓިންގްސް، ވިލިއަމްބްސްބާގް ސްލީޕްއޯވާ އަދި ގުޑް ތޯޓްސް ހިމެނެ އެވެ.

"ޑްރޭކްގެ ވަހުގެ" ގޮތުގައި ޕްރޮމޯޓްކުރާ ކާބީ މަސްކްސްގެ އަގަކީ 80 ޑޮލަރެވެ. ދެން ހުރި ވަސްތަކުގެ އަގުތައް އުޅެނީ 48 ޑޮލަރުގަ އެވެ.

މި އުފެއްދުންތައް ބީޑަބްލިއުއެފްއެޗްގެ ވެބްސައިޓުން ގަނެވޭނެ އެވެ. މިހާރު ވެސް ބައެއް އުށްބައްތި ހުރީ ވިކި ހުސްވެފަ އެވެ.

އަމިއްލަ އުށްބައްތި ކަލެކްޝަނެއް ނެރުނު ސެލެބްރިޓީންގެ ތެރޭގައި ހޮލީވުޑްގެ ބަތަލާ ވިނިތު ޕާލްޓްރޯ ވެސް ހިމެނެ އެވެ.