09 ޑިސެމްބަރ 2020
އައިފޯނަކަށް ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 55،000ރ. ދައްކަން ޖެހުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބިދާނެ އެވެ. މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ނެގި އައިފޯނަކަށް 13،000ރ. ނުދެއްކުމުން ޖޫރިމަނާއާ އެކު ޖުމްލަ 68،000ރ. ދައްކަން ހައި ކޯޓުން ދެ މީހެއްގެ މައްޗަށް ހުކުމްކުރި އެވެ. އެންމެ ފޯނެއްގެ މައްސަލާގައި ދެ ތިން އައިފޯންގެ އަގު ދައްކަން ޖެހުމުން ސުވާލު އުފެދިދާނެ އެވެ.
އައިފޯނަކަށް ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 55،000ރ. ދައްކަން ޖެހުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބިދާނެ އެވެ. މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ނެގި އައިފޯނަކަށް 13،000ރ. ނުދެއްކުމުން ޖޫރިމަނާއާ އެކު ޖުމްލަ 68،000ރ. ދައްކަން ހައި ކޯޓުން ދެ މީހެއްގެ މައްޗަށް ހުކުމްކުރި އެވެ. އެންމެ ފޯނެއްގެ މައްސަލާގައި ދެ ތިން އައިފޯންގެ އަގު ދައްކަން ޖެހުމުން ސުވާލު އުފެދިދާނެ އެވެ.
އެހެން މައްސަލައެއްގައި އަމިއްލަ ފަރުދަކު ހޯދި ދެ ލައްކަ ރުފިޔާގެ މުދަލަށް ފައިސާ ނުދެއްކުމުން ޖޫރިމަނާއާ އެކު 286 މިލިއަން ރުފިޔާ ދައްކަން 2016 ގައ ސިވިލް ކޯޓުން ހުކުމްކުރި އެވެ. ހުކުމުގައިވާ ގޮތަށް، މަހަކު 20،000ރ. ދައްކަމުން ގޮސް އެ ދަރަނި ޚަލާސް ކުރަން 1،200 އަހަރު ހޭދަވާނެ އެވެ. އަދިި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަމިއްލަ ކުންފުންޏަކަށް 21 މިލިއަން ރުފިޔާ ނުދެއްކުމުން ޖޫރިމަނާއާ އެކު 160 މިލިއަން ރުފިޔާ ދައްކަން ވެސް ކޯޓުން ހުކުމްކުރި އެވެ.
ފައިސާ ނުދެއްކުމުން ޖޫރިމަނާ ނެގުމަކީ އާންމު ޚިދުމަތްތަކުގެ އިތުރުން ދޭދޭ ފަރުދުންނާއި އަމިއްލަ ނުވަތަ ސަރުކާރު ކުންފުނިތަކާ ދެމެދު ކުރާ މުއާމަލާތްތަކުގެ ތެރެއިން ޒަމާނުއްސުރެން ފެށިގެން ކުރަމުންދާ ކަމެކެވެ. އެއީ ފައިސާ އަވަހަށް ދައްކަން ބާރު އެޅުމަށާއި ފައިސާ ނުދެއްކުމުން ނުވަތަ ފައިސާ ދެއްކުން ލަސްކުރުމުން އަނެއް ފަރާތަށް ލިބޭ ގެއްލުން ކުޑަކުރުމުގެ މަގްސަދުގައި ކުރާ ކަމެކެވެ. ނަމަވެސް ޖޫރިމަނާތައް މާ ބޮޑުވެގެންދާ ދިއުމަކީ މިހާރު ވަރަށް ބޮޑަށް ބަހުސަކަށް ގޮސްފައިވާ މައްސަލައެކެވެ.
ފައިސާ ނުދެއްކުމުން އަރާ ޖޫރިމަނާތައް އެކަށީގެންވާ މިންވަރަށް ވުރެ ބޮޑު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ދާދި ފަހުން ކުރި ހުކުމަކީ އިންތިހާއަށް ބޮޑެތި ޖޫރިމަނާތައް ދައްކަން ޖެހުމުގެ ޝަކުވާއަށް އައި ކޮންމެވެސް ވަރެއްގެ ހައްލެކެވެ. ނަމަވެސް ޖޫރިމަނާ ނަގައިދިނުމުގައި އެކަށީގެންވާ މިންވަރަކީ ކޮބައިކަން އެއްވެސް ގާނޫނަކުން ނުވަތަ މަތީ ކޯޓުތަކުގެ އެއްވެސް ނިންމުމެއްގައި ކަނޑައަޅާފައި ނެތުމުން މި މައްސަލައަށް ދާއިމީ ހައްލެއް އަދިވެސް ނުހޯދެ އެވެ.
ޖޫރިމަނާއާ ބެހޭ ގޮތުން 2015 ގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެކަށީގެންވާ މިންވަރަށް ވުރެ ބޮޑެތި ޖޫރިމަނާތައް ނަގައި ދިނުމަކީ އިސްލާމީ ޝަރީއަތާ ޚިލާފް ކަމެއް ކަމަށެވެ. އަދި ބައެއް ގައުމުތަކުގައި ޚިދުމަތުގެ އަސްލު އަގަށް ވުރެ ބޮޑުކޮށް ޖޫރިމަނާ ނުނެގޭ ގޮތަށް އޮންނަ ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެކަމަކު ޖޫރިމަނާގެ ގޮތުގައި ނެގޭނެ އެންމެ މަތީ މިންވަރެއް ނުވަތަ ޚިދުމަތުގެ އަސްލު އަގަށް ވުރެ ބޮޑުކޮށް ޖޫރިމަނާ ނުނެގޭނެ ކަމަކަށް އެ ހުކުމުގައި ކަނޑައަޅާފައެއް ނުވެ އެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުން ނިންމި އެހެން މައްސަލައެއްގައި އަސްލު އަގަށް ވުރެ ބޮޑުކޮށް ޖޫރިމަނާ ނަގައި ދިނެވެ.
ޖޫރިމަނާތައް ބޮޑުވެގެންދާ އަނެއް ސަބަބަކީ މަދަނީ ގިނަ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތުތަކެއް ގާނޫނަކުން ކަނޑައަޅާފައި ނެތުމެވެ. ބޭނުން އިރަކު ދައުވާ ކުރުމުގެ ފުރުސަތު ފަހިވެފައި އޮތުމުން ދިގު މުއްދަތެއް ފާއިތުވާ ފަހުން ޖޫރިމަނާއާ އެކު ބޮޑު އަދަދެއް ހޯދަން ދައުވާ ކުރުމުގެ ފުރުސަތު އޮވެ އެވެ. މިސާލަކަށް ހޯދި މުދަލެއްގެ އަގަށް 1،000ރ. ނުދައްކާ ހޭދަވާ ކޮންމެ ދުވަހަކަށް ތިން ޕަސެންޓްގެ ރޭޓުން ޖޫރިމަނާ އަރާ ގޮތަށް އެއްބަސްވެފައި ވަނިކޮށް އެ ފައިސާ ހޯދަން 10 އަހަރު ފަހުން ދައުވާ ކޮށްފި ނަމަ، ޖޫރިމަނާގެ ގޮތުގައި އެކަނި ވެސް 109،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. ބޮޑެތި މުއާމަލާތްތަކުގައި މިގޮތަށް ޖޫރިމަނާގެ އަދަދު މިލިއަނަކަށް ވެސް އަރައިގެން ގޮސްފައި އެބަ ހުއްޓެވެ.
ގިނަ މުއާމަލާތްތަކުގައި ޖޫރިމަނާއަކީ ދެ ފަރާތުން ދުރާލާ ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން، ޖޫރިމަނާގެ މިންވަރު ކަނޑައެޅިފައި އޮންނަ އެއްޗެކެވެ. އެކަމަކު ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތުން އެއްބަސްވުމުގައި ސާފުކޮށް އެކަން ނެތަސް، ދެ ފަރާތުގެ ދެމެދުގައި ފަހުން ކުރާ މުއާމަލާތްތަކަށް ބިނާކޮށް ޖޫރިމަނާ ނަގައި ދެވިދާނެ އެވެ. އެއްބަސްވުމުގަައި ޖޫރިމަނާގެ ވާހަކަ ނެތަސް، ފައިސާ ދައްކަން އަންގާ ލިޔުމެއްގައި ޖޫރިމަނާގެ ވާހަކަ ބަޔާން ކޮށްފައި ވާ ނަމަ ޖޫރިމަނާ ނަގައި ދެވިދާނެ ކަމަށް ސުޕްރީމް ކޯޓުން 2015 ވަނަ އަހަރު ނިންމާފައިވެ އެވެ.
ސުޕްރީމް ކޯޓު --- ފޮޓޯ/މިހާރު
މިސާލަކަށް ޖޫރިމަނާ ހިނގާނެ ކަމަށް އަންގާ ލިޔުމެއް ފޮނުވުމުން ފައިސާ ދައްކަން ޖެހޭ ފަރާތުން އެއަށް އިންކާރު ނުކޮށް އަދި އެއްވެސް ޖަވާބެއް ނުދީ ތިބެއްޖެ ނަމަ، ޖޫރިމަނާގެ ޝަރުތަށް އެއްބަސްވީ ކަމަށް ބެލެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވެ އެވެ. ޖޫރިމަނާ ހިނގާ ގޮތަށް އެއްބަސްވާ ކަމަށް ލިޔުމުން ނުވަތަ އަނގަ ބަހުން ނުބުންޏަސް، އެ ފަރާތުން އަމަލުކުރާ ގޮތަކުން ވެސް އެކަމަށް އެއްބަސްވީ ކަމަށް ބެލެވިދާނެ ކަމަށް ސުޕްރީމް ކޯޓުގެ އެ ނިންމުމުގައިވެ އެވެ. މިފަދަ ބައެއް މައްސަލަތަކުގައި ޖޫރިމަނާތައް ބޮޑުވެގެންދަނީ އެކަންކަމަށް ސަމާލުކަން ނުދީ ތިބުމުންނެވެ.
ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޮޑެތި އަދަދުން ކޯޓުތަކުން ޖޫރިމަނާ ނެގުމުގެ ފުރުސަތެއް ނުދެ އެވެ. ދެ ފަރާތުން އެއްބަސްވާ ނަމަ، ބޮޑެތި އަދަދުން ޖޫރިމަނާ ނަގައި ދިނުމުގެ އުސޫލު ގިނަ ގައުމުތަކުގައި ކުރިން ގެންގުޅެމުން އަޔަސް، ޔޫރަޕްގެ ގިނަ ގައުމުތަކުގައި މިހާރު އަމަލު ކުރާ އުސޫލަކީ ޖޫރިމަނާތައް އެކަށީގެންނުވާ މިންވަރަށް ބޮޑުވާ ނަމަ، އެ އަދަދު ކޯޓުތަކުން އަމިއްލައަށް ކުޑަކުރުމެވެ. އަނެއް ބައި ގައުމުތަކުގައި އޮންނަ ގޮތުން ޖޫރިމަނާ ހިނގާނީ ގާނޫނެއްގައި ވަކި މުއްދަތަކަށެވެ. އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި އެކަން ގާނޫނުތަކުގައި ބަޔާން ކޮށްފައިވެ އެވެ.
ރާއްޖޭގައި މިހާރު އޮތް 30 އަހަރު ވާން ގާތްވެފައިވާ ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި މިފަދަ އެއްވެސް ލިމިޓޭޝަނެއް ނެތެވެ. އެއްބަސްވުމާ ޚިލާފަށް އެއްބަސްވުމުގެ ބައިވެރިއަކު ކުރާ ކަމަކުން އަނެއް ފަރާތަށް ލިބޭ ގެއްލުމުގެ ބަދަލު އެ ފަރާތަކުން ދޭން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ. އެކަމަކު ޖޫރިމަނާތައް ބޮޑެތި އަދަދުން ނެގުން ހުއްޓުވޭ ފަދަ ގޮތަކަށް އެ ގާނޫނަކު ނެތެވެ. އަދި އެގޮތަށް ނަގައިދޭ މިންވަރަކީ އެކަށީގެންވާ މިންވަރަކަށް ވާން ޖެހޭނެ ކަމަކަށް ވެސް އެ ގާނޫނުގައި ބުނެފައެއް ނުވެ އެވެ.
ގާނޫނީ ބޭފުޅުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ޖޫރިމަނާތައް މާ ބޮޑުވެގެންދާ ދިއުމަކީ ހައްލު ނުވެ އޮތް ބޮޑު މައްސަލައެކެވެ. ޖޫރިމަނާ ނެގޭނެ ހައްދެއް ނެތުމަކީ އަނިޔާއެއް ކަމަށް އެ ބޭފުޅުން ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު ދައުވާ ކުރުމުގެ މުއްދަތު ގާނޫނަކުން ލިމިޓް ކުރުމަކީ ޖޫރިމަނާ ބޮޑުވާ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
"ދައުވާ ކުރުމުގެ މުއްދަތު ލިމިޓް ކުރުމަކީ ހައްލެއް ނޫން. އެއީ ދައުވާ ކުރުމުގެ މުއްދަތަކީ ތިން އަހަރު ކަމަށް ގާނޫނަކުން ލިމިޓް ކުރިޔަސް، ޖޫރިމަނާގެ ޕަސެންޓް ބޮޑުވާ ނަމަ މައްސަލަ ހައްލެއް ނުވާނެ،" އެއް ވަކީލަކު ވިދާޅުވި އެވެ.
އެހެން ވަކީލަކު ވިދާޅުވީ ޖޫރިމަނާ ބޮޑުވެގެންދާ މައްސަލަ ހައްލު ނުވެ އޮތް އެންމެ ބޮޑު ސަބަބަކީ ދައުވާ ކުރުމުގެ މުއްދަތު ނުވަތަ ޖޫރިމަނާތައް ހިނގާނެ އެންމެ ދިގު މުއްދަތު ކަނޑައަޅާފައި ނެތުމުންނެވެ. އެކަމަކު ހައި ކޯޓުގެ ނިންމުން އޮތް ގޮތުން ކޮންމެވެސް ވަރެއްގެ ހައްލެއް އެކަމަށް ލިބިދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ގާނޫނެއް ނެތީމައޭ ބުނެފައި އެގޮތަށް ޖޫރިމަނާ ނަގަން ފުރުސަތު ދީގެން ނުވާނެ. ދެން 12 އަހަރު ފަހުން ނުވަތަ 30 އަހަރު ފަހުން ދައުވާ ކުރީމަ ޖޫރިމަނާ ނަގައި ދެވިގެން ނުވާނެ. އެކަމަކު ހައި ކޯޓުގެ އެ ނިންމުން އައި ގޮތުން ދަށު ކޯޓުތަކުން އެއަށް އަމަލު ކުރާނެ ކަމަށް ބެލެވޭ،" މަދަނީ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރެއްވި އެ ވަކީލް ވިދާޅުވި އެވެ.
ޖޫރިމަނާ ނަގައި ދިނުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. ފައިސާ ނުދެއްކުމުން އަނެއް ފަރާތަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި ފައިސާ ދައްކަން އަވަހަށް ބާރު އެޅުމުގެ ގޮތުން އެއީ މުހިންމު ކަމަކެވެ. އެކަމަކު ހަމައެއް ލަމައެއް ނެތި، ނިޒާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައިގެން ބޮޑެތި އަދަދުން ޖޫރިމަނާ ނެގުމުގެ ފުރުސަތު ދީގެން ނުވާނެ އެވެ.
ޖޫރިމަނާ ބޮޑެތި އަދަދުތަކުން، މިވަނީ ކިހިނެއް؟
އަހަރު ނިމުނުއިރު 4،700 މައްސަލަ ކޯޓުގައި ނުނިމި
ޑިސްޕިއުޓް އުވާލުމުން ނިންމި މައްސަލަތައް މަދުވެއްޖެ
ތަހުވީލުކޮށްފިނަމަ އިސްތިއުނާފް ނިމެންދެން މަޑުޖައްސަނީ
ބޮޑު ބަދަލެއް:މަދަނީ އިޖުރާއަތަށް އަމަލުކުރަން ފަށައިފި
ފިޔަވަޅު އެޅީ ކީއްވެ ކަމެއް ނޭނގެ: އަލީ ހުސެއިން
ސުއޫދާއި އަލީ ހުސެއިން ވަކާލާތު ކުރުން މަނާ ކޮށްފި
މުދަލެއް ނެތް، ފައިސާއެއް ނެތް:ކުރެވޭނެ ކަމެއް ނެތް؟
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާ ގޮތަށް ހަދައިފި