ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އިތުބާރު އޮތް ކަމަށް ނިންމައި، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.
22 ނޮވެމްބަރ 2020
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އިތުބާރު އޮތް ކަމަށް ނިންމައި، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.
މިގޮތަށް ނިންމީ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގަ އެވެ.
ކޯލިޝަން މި ވެރިކަމުގެ އެއް ލީޑަރު، އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީންނެވެ. އެކަމަކު، މަލީހަށް އިތުބާރު ނެތް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމެވެ.
އިމްރާންގެ މައްސަލަ އެޖެންޑާކޮށް، އޭނާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ރައްޔިތުންގެ މަޖިލީހުން މިހާރު އޮތީ ދީފަ އެވެ.
އިމްރާން، މަގާމުން ދުރުކުރަން ހުށަހެޅީ މައިގަނޑު ދެ ކަމަކާ ގުޅުވަ އެވެ. އެއީ، މަރާލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން އިތުރުފުޅު ހައްދަވާފައިވާ ކަމުގެ ތުހުމަތާއި ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ އާދައިގެ ކަމެއް ކަމަށް، މިނިސްޓަރު ދެއްކެވި ވާހަކަތަކުން ދޭހަވުމެވެ. ޖިންސީ ގޯނާގެ މައްސަލައިގައި ދެއްކެވި ވާހަކައިގައި މިނިސްޓަރުގެ ނިޔަތަކީ އެއީ ނޫން ކަމަށާއި ނޫސްވެރިން އެ މައްސަލަ ކަވަރުކުރި ގޮތުން އޮޅުންއެރީ ކަމަށް ވިދާޅުވެ އިމްރާން ފަހުން މާފަށް ވެސް އެދިވަޑައިގަތެވެ.
މަލީހް މަގާމުން ދުރުކުރުމުގެ މައްސަލައިގައި ނިންމީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިގެން ކުރިއަށް ގެންދާށެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި މަލީހަށް އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕީޖީ އަށް ހުށަހެޅީ، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ ކޭމުން ހަދަން ޖެހޭ ގަވާއިދުތަކެއް މަލީހުގެ ވަޒީރު ކަމަށް ދެ އަހަރުވި އިރު ވެސް ނުހެދުމުންނެވެ. އެއީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމަކޮށް، ރެގިއުލޭޓްކޮށް ހިންގަން ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި އެ ގަވާއިދުތައް ނުހެދި ލަސްވާ ކޮންމެ ދުވަހަކު ދައުލަތާއި ރައްޔިތުންނަށް ގެއްލުންތަކެއްވާ ކަމަށް މައްސަލައިގައިވެ އެވެ.
މަލީހާ ދެކޮޅަށް ހުށަހެޅި މައްސަލައާ ގުޅިގެން އޭނާ "މިހާރު" އަށް ވިދާޅުވެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލައާ ތުހުމަތެއް ގުޅުވަނީ ނުބައިކޮށް ގާނޫނު މާނަކޮށްގެން ކަމަށެވެ. އޭނާ އެދިވަޑައިގެންގައި އޮތީ އެ މައްސަލައިގެ ކުރިން ކޭމް ހިނގާ ގޮތް މެމްބަރުން އޮޅުން ފިލުއްވުމަށެވެ.
ކޭމުން ހަދަން ޖެހޭ ގަވާއިދެއް ނުހެދުމުން، އޭނާގެ މައްސަލައެއް ކަމުގައި ދައްކަވާއިރު އެއީ ގާނޫނީ ވަކި ޝަހުސެއް ކަމަށް މަލީހް ވިދާޅުވި އެވެ. ކޭމް ހިންގަނީ ބޯޑެއް އައްޔަންކޮށް، ސީއީއޯއަކު އައްޔަންކޮށްގެން ކަން ވެސް މަލީހް ފާހަގަކުރެއްވި އެވެ.
މަލީހް ދެކެވަޑައިގަންނަވާ ގޮތުގައި، އޭނާއާ މެދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައިނުގަތީ، ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ވީޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެއީ، ގާނޫނުއަސާސީން ވަޒީރަކަށް ވެސް ލިބިފައި އޮންނަ ހައްގެއް ކަމަށާއި ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދެއްކެވުމަކީ އަބަދުވެސް ކުރާނެ ކަމެއް ކަމަށް މަލީހް ވިދާޅުވި އެވެ.
އަމިއްލަ ސަންދޯކަށް ތިޖައްސަވަނީ މޮހޮރު: މަލީހު
ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: މަލީހު
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީއަށް
އިތުރު ޖަލްސާއެއް ނުބޭއްވޭނެކަމަށް ކަނޑައަޅަން އެދިއްޖެ
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
ސޮއި ހަމަނުވާތީ ނަޝީދުގެ މައްސަލަ ކުރިއަށް!
ސަރުކާރު ބަންދަސް މަޖިލިސް ބާއްވަން ނިންމައިފި
ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންނަން ނިންމައިފި
ޑިމޮކްރެޓުން ލާން ކޮމިޓީތައް އަލުން އެކުލަވާލަނީ؟
ނަޝީދު ކުޅުއްވި "ޑްރާމާ" އަމީންއާންމުގެ ސިޓީން ސާފު!