Roadha Mihaaru
ޑިމޮކްރެޓުން ލާން ކޮމިޓީތައް އަލުން އެކުލަވާލަނީ؟

ޑިމޮކްރެޓްސް އުފެއްދުމާ އެކު، ކޮމިޓީތައް އަލުން އެކުލަވާލަން އަނެއްކާވެސް ޖެހިއްޖެ؟

16 ޖުލައި 2023

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމާ އެކު، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އެ ޕާޓީ ސީދާ ތަމްސީލުވާ ގޮތަށް ކޮމިޓީތައް އަލުން އެކުލަވާލަން ޖެހިއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމާ އެކު، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އެ ޕާޓީ ސީދާ ތަމްސީލުވާ ގޮތަށް ކޮމިޓީތައް އަލުން އެކުލަވާލަން ޖެހިއްޖެ އެވެ.

ކޮމިޓީތައް އަލުން އެކުލަވާލަން އަނެއްކާ ވެސް މި ޖެހުނީ ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 13 ބޭފުޅަކު އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން ކޮމިޓީތަކަށް މެމްބަރުން ހަމަޖެއްސުމުގައި އުފެދުނު ބޮޑު ހިޔާލު ތަފާތުވުންތަކަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހައްލު ހޯދާފައި ވަނިކޮށެވެ.

އެ ހިޔާލު ތަފާތުވުުންތަކުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް ދެ މަހެއްހާ ދުވަހަށް އޭރު މަޑުޖެހުނެވެ. އެ މަސައްކަތް ނުނިންމައި މަޖިލިސް މިދިޔަ މަހު ޗުއްޓީ އަށް ދިޔުމުން، މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން ވަނީ އެ މަސައްކަތް ނިންމަން ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަން ހުށަހަޅައިފަ އެވެ.

އެއާ އެކު، ދައުރުން ބޭރުން މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ދާއިމީ ކޮމީޓީތައް އެކުލަވާލުމުގެ މަސައްކަތް އެންމެ ފަހުން ނިންމި އެވެ. ކޮމިޓީތަކަށް އައްޔަނުކުރަން ބޭނުންވާ ވަކިވަކި މެމްބަރުންގެ ނަންތައް ފޮނުވަން ޕާޓީތަކުގެ ޕީޖީ ލީޑަރުންނަށް ރިޔާސަތުން އޮތީ އަންގައިފަ އެވެ.

ނަމަވެސް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިދިޔަ ބުދަ ދުވަހު ޑިމޮކްރެޓްސް ރަޖިސްޓަރީ ކޮށްދީފައިވާއިރު، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންގެ ގޮތުގައި ކުރިން ތިއްބެވި 13 މެމްބަރުން އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ކަމުގެ ލިޔުން އީސީ އިން ލިބިފައިވާ ކަމަށް މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވި އެވެ.

"އެކަމަކު، ކޮމިޓީތަކަށް [ޑިމޮކްރެޓްސް] މެމްބަރުން އައްޔަން ކުރަން ހުށަހެޅުމެއް އަދި މަޖިލީހުގެ އިދާރާ އަށް ލިބިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސްގެ ސްލޮޓްތަކުގައި ކޮމިޓީތަކަށް އެ ޕާޓީގެ މެމްބަރުން ކަނޑައަޅަން، ކޮމިޓީތައް އަލުން އެކުލަވާލަން ހުށަހެޅުމާމެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

"އަޅުގަނޑުމެން ކުރިއަށް ދާން ބޭނުންވާ ގޮތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ޕާޓީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނަން. އެ ބައްދަލުވުމުގަ ސީދާ ގޮތެއް ނިންމާނީ،" ހަސަން ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިސް މެމްބަރަކު "މިހާރު" އަށް މިއަދު ވިދާޅުވީ، ޑިމޮކްރެޓްސްގެ މެމްބަރުން ކޮމިޓީތަކަށް އައްޔަން ކުރުމާ ގުޅޭ ވާހަކަތައް މިހާރު ފަށާފައިވާ ކަމަށެވެ.

"އެ ޕާޓީން ބޭނުންވަނީ އަލުން އެ ޕްރޮސެސް ފަށަން،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހިއްޖެ ނަމަ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޑިމޮކްރެޓްސްއާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގުޅިވަޑައިގެންނެވި ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރަން އެމްޑީޕީން އިސްވެ ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އިތުރަށް ލަސްވާނެ އެވެ.

އެ ދެ މައްސަލަ ވެސް ކުރިއަށް ނުގެންދެވި ޕާކް ކޮށްފައި ވަނީ، ބަހުސް ކުރުމަށާއި ދިފާއުވުމަށް ވަގުތު ކަނޑަނޭޅި އޮތުމުންނެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވަގުތުތައް މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅަންޖެހެ އެވެ.

މަޖިލީހުގެ އާ މައިނޯރިޓީ ޕާޓީއަކީ ޑިމޮކްރެޓްސް

އެމްޑީޕީން އެންމެ ފުރަތަމަ ވަކިވި 13 މެމްބަރުންގެ އިތުރުން، ނަޝީދާ އެކު ހިތަދޫ މެދު ދާއިރާ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) ވެސް ވަނީ ބުރާސްފަތި ދުވަހުގެ ރޭ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފަ އެވެ.

އެ ދެ ބޭފުޅުންނާ އެކު، ޑިމޮކްރެޓްސްގެ މެމްބަރުންގެ އަދަދު 15 އަށް އަރާފައިވާއިރު، މަޖިލީހުގެ ދަފްތަރުގައި ހިމެނުމުން، އެ ޕާޓީއަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ދަރަޖަ ލިބޭނެ އެވެ.

މި ވަގުތު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ 8 މެމްބަރުން ތިއްބެވި މައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނެވެ.

މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އެމްޑީޕީ އަށް ގެއްލުނަސް 54 މެމްބަރުންނާ އެކު މަޖިލިހުގެ އަޣުލަބިއްޔަތު އަދިވެސް އޮތީ އެ ޕާޓީ އަށެވެ.