Roadha Mihaaru
އީވާ ވަކިކުރާ މައްސަލަ ވެސް މަޑުޖެހުމުގެ ފުރުސަތު ބޮޑު

އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް އެޖެންޑާ ކުރެވޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ

07 ޖޫން 2023

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހެޅި މައްސަލަ ވެސް ކުރިއަށް ގެންދެވޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހެޅި މައްސަލަ ވެސް ކުރިއަށް ގެންދެވޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

އެމްޑީޕީގެ 50 މެމްބަރެއްގެ ސޮޔާ އެކު، މަޖިލިހުގެ ނައިބު ރައީސްކަމުން އީވާ ދުރުކުރަން ހުށަހެޅީ، އެ ޕާޓީން ވަކިވުމަށް ފަހު "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ފެއްޓެވުމާ ގުޅިގެންނެވެ.

މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، މަޖިލިހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން ދޭން ޖެހޭ 14 ދުވަހުގެ ނޯޓިސް ދިނުމަށް ފަހު، އެ މައްސަލަ މަޖިލިހަށް އެޖެންޑާކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހަށެވެ.

މަޖިލިހުގެ ނައިބު ރައީސްކަމުން އީވާ ދުރުކުރުމުގެ މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމާ މެދު ސުވާލު އުފެދުނީ، މަޖިލީހުގެ އާންމު ކޮމިޓީއާ އެކު ދާއިމީ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން އަލުން އެކުލަވާލުމުގެ މަސައްކަތް އަދިވެސް ނުނިމޭތީ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލާގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވާހަކަ ދައްކާނެ ދިގުމިން ކަނޑައަޅަންޖެހޭނީ އާންމު ކޮމިޓީންނެވެ. މަޖިލިހުގެ ނައިބު ރައީސް އޭނާގެ ދިފާއުގައި ވާހަކަ ދެއްކެވުމަށް ދޭނީ ކިހާ ފުރުސަތެއްތޯ އާއި ދިފާއު ވާން ވާހަކަ ދެއްކެވުމުގެ ވަގުތު ވެސް ކަނޑައަޅާނީ އެ ކޮމިޓީން ކަމަށް ގަވާއިދުގައި ވެ އެވެ.

ނަމަވެސް މަޖިލިހުގެ ނައިބު ރައީސް އީވާއާ އެކު، އެމްޑީޕީގެ 13 މެމްބަރުން އެ ޕާޓީން ވަކިވުމާ ގުޅިގެން، ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމަށްޓަކައި ކޮމިޓީތަކުގެ މަސައްކަތް ހުއްޓާލާފައިވާއިރު، އެ މައްސަލައިގެ ވަގުތު އަދި ކަނޑައަޅާފައި ނުވާ ކަމަށް އާންމު ކޮމިޓީގެ މެމްބަރު އަދި އަލިފުށި ދާއިރާގެ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) "މިހާރު" އަށް ވިދާޅުވި އެވެ.

"ވަގުތު ކަނޑަނާޅާ [އިތުބާރު ނެތްކަމުގެ މައްސަލަ] ކުރިއަށް ގެންދަން ގަވާއިދު ޖާގައެއް ނުދޭ،" ބިގޭ ވިދާޅުވި އެވެ.

ޗާގޯސް މައްސަލާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކުރުމަށް ފަހު، އެޖެންޑާއިން ނެގީ އެ މައްސަލައިގެ ވަގުތު ވެސް އާންމު ކޮމިޓީން ކަނޑަނޭޅި އޮތުމުންނެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މަޖިލިހުގައި ފަށާފައި ވިޔަސް، މިދިޔަ ދެ ދުވަހު ނިޒާމީ މައްސަލައިގެ އޮއިވަރެއްގައި އެ ބަހުސް ކުރިއަށް ގެންދިއުމަށް ފަހު، މިއަދުގެ ޖަލްސާގެ އެޖެންޑާ އިން އެ މައްސަލަ ވަނީ "ގެއްލިފަ" އެވެ. އެމްޑީޕީގެ ބައެއް މެމްބަރުން އެކަމާ ގުޅޭ ގޮތުން މިއަދު ސުވާލު ކުރެއްވިޔަސް ރިޔާސަތުން ވަކި ޖަވާބެއް ނުދެއްވި އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެކަން ނުކުރެވި ލަސްވަނީ މަޖިލިސް ތަމްސީލު ކުރާ ޕާޓީތަކުން އެއްބަސްނުވެވިގެން ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ކޮމިޓީތައް އެކުލަވާނުލެވި ލަސްކުރަނީ، އީވާގެ މައްސަލަ އަށް ހުރަސް އަޅުއްވަން ނަޝީދު ކަމަށް އެމްޑީޕީގެ މެމްބަރުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.

އޭގެ ފަހުން، ޑިމޮކްރަސީއާ ދުރު، އަމިއްލަ މަންފާ އަށް ގާނޫނުތަކާއި ގަވައިދުތައް މުގުރާލާކަމަށް ތުހުމަތުކޮށް، މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ނިންމައި، އެކަމަށް ބޭނުންވާ ވަރަށް ހަތް ގަޑިއިރުގެ ތެރޭގައި ސޮއި ވަނީ ހަމަކޮށްފަ އެވެ.

އެ މައްސަލަ މިއަދު މަޖިލީހަށް ވައްދާނެ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ބުނެފަ އެވެ.