Roadha Mihaaru
ނަޝީދު ކުޅުއްވި "ޑްރާމާ" އަމީންއާންމުގެ ސިޓީން ސާފު!

މަޖިލިސް ހުއްޓުވަން ނަޝީދު ކުޅުއްވި "ޑްރާމާ" އަމީން އާންމުގެ ސިޓީން ސާފު!

14 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހުޅުފަޅައިގެން ގޮސް "މުގާބޭ" އަށް ގޮވައި އަޑުގަދަކޮށް އެންމެ ފަހުން ޖަލްސާ ހުއްޓުވީ އެވެ، އެ ވަގުތު ދިވެހި "މަންޑޭލާ" ގެ ގޮތުގައި ސިފަކުރާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ޒުވާނުންތަކަކަށް މަޖިލިސް ހިންގުމާ ބެހޭ ފިލާވަޅެއް ނަންގަވައި ދެއްވާށެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހުޅުފަޅައިގެން ގޮސް "މުގާބޭ" އަށް ގޮވައި އަޑުގަދަކޮށް އެންމެ ފަހުން ޖަލްސާ ހުއްޓުވީ އެވެ، އެ ވަގުތު ދިވެހި "މަންޑޭލާ" ގެ ގޮތުގައި ސިފަކުރާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ޒުވާނުންތަކަކަށް މަޖިލިސް ހިންގުމާ ބެހޭ ފިލާވަޅެއް ނަންގަވައި ދެއްވާށެވެ.

ދައުލަތް ހިންގުމުގެ އެއް ބާރުގައި މަރުތަޅު އެޅުވި، ހުއްޓިފައި އޮންނަތާ ތިން ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. އެކަން މެދުވެރިވި ސަބަބުތައް ގިނަ އެވެ. ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލިހުގެ ގަވާއިދު އެ ބަޔަކު ބޭނުން ގޮތަކަށް، އަމިއްލަ ސިޔާސީ މަންފާ އަށް މާނަކުރަން ދޫކޮށްލީ އެވެ. "އާއި" އަދި "ނުވަތަ" އެއްގެ ނިވަލުގައި ދައުލަތުގެ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކޮޅެއްގައި ނުޖައްސައި ޕާކްކޮށްލީ އެވެ. މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާ ނުލައި، ޕާޓީތައް އަރައިރުންވާން ބޭތިއްބީ އެވެ. އެންމެ ފަހުން، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔަ ނުދޭން، މަޖިލިހުގެ ގަދަރުވެރި ރިޔާސަތު ވެސް ޔަތީމު ކޮށްލީ އެވެ.

މެމްބަރުން ހައްލެއް ބޭނުން

އެ ހުރިހާ ހައިޖާނެއްގެ ތެރެއިން މެމްބަރުންގެ ޒިންމާ ވެސް ބޮޑެވެ. އެ މެމްބަރަކު ތަބާވެގެން ހުންނެވި ސިޔާސީ ފިކުރެއް ނޫނީ ލީޑަރެއްގެ ފަހަތުން، މުޅި މަޖިލިސް ހުއްޓުވާލަން ޖާގަ ދެއްވީމަ އެވެ. އެކަމަކު މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ މަންދޫބުންނެވެ. އެ މެމްބަރަކު އިންތިހާބުކުރި ދާއިރާގެ ރައްޔިތުންނަށް ވެސް ޖަވާބުދާރީވެވަޑައިގަންނަވަންޖެހެ އެވެ. ރިޔާސަތެއް ނެތިގެން މަޖިލީހުގެ އިއްޔެގެ ޖަލްސާ ހުއްޓުމުގެ ކުރިން ވެސް، ކުރިން ގޮތްދޫނުކުރައްވައި ތިއްބެވި ބައެއް މެމްބަރުންގެ ރާގު ބަދަލުވެއްޖެ ކަން ފަހުން އެނގުނެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، "ޕްރެކްޓިސް ޕާލަމެންޓް ފޯ ޔޫތް" 2023ގެ ފުރަތަމަ ބެޗްގެ ބައިވެރިންނަށް ފިލާވަޅު ނަގައިދެއްވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، "ޕްރެކްޓިސް ޕާލަމެންޓް ފޯ ޔޫތް" 2023ގެ ފުރަތަމަ ބެޗްގެ ބައިވެރިންނަށް ފިލާވަޅު ނަގައިދެއްވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލިހުގައި އެކި ސިޔާސީ ޕާޓީތައް ތަމްސީލު ކުރައްވާ އިސް މެމްބަރުން، މަޖިލީހުގައި އެޅުނު މަރުތަޅު ނެއްޓޭނެ ހައްލުތައް ފާޅުގައި ހިއްސާކުރައްވަން މާ ފަހުން ފެއްޓެވި އެވެ.

މަޖިލީހުގައި އިދިކޮޅު ޕީއެންސީ ތަމްސީލް ކުރައްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދަން ވަރަށް ފަސޭހަ އަދި ކުރު މަގެއް އެބަ އޮތް ކަމަށެވެ.

"ވަގުތީ ގޮތުން މަޖިލީހުގެ ރައީސްގެ މައްސަލަ [އަނބުރާ] ނަގާފައި ނައިބު ރައީސް [އީވާ] ގެ ނޯ ކޮންފިޑެންސް ނަގާފައި އެކަން ކޮށްލީމާ ވަރަށް ފަސޭހައިން ހައްލުވާނެ،" އެއިރުން މަޖިލީހުގައި ގަވާއިދުން އެޅިފައިވާ ކަމަށް ގަބޫލުކުރާ ހުރަސް ނައްތާލެވޭނެ ކަން ފާހަގަކުރައްވައި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ އޮތުމުން ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ނަޝީދު ނަންގަވައިގެން ހުންނެވި "މޯރަލް ސްޓޭންޑް" ގެ ހުރަސް އެ ހިސާބުން ކުރިމަތިނުވާނެ ކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ.

"...މައްސަލަ އަނބުރާ ނެގުމުން، ބަހަނާއެއް ދައްކަވަން ރައީސް ނަޝީދަކަށް ފުރުސަތެއް ނޯންނާނެ: އާދަމް ޝަރީފް

އޭނާ ހުށަހެޅުއްވި ހައްލާއި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމްގެ ހިޔާލު ވެސް ދާދި އެއްގޮތެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވި ގޮތުގައި މަޖިލިސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނީ މަޖިލިހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީ އަށެވެ. ސަބަބެއް ކަމަށް އޭނާ ގަބޫލުކުރައްވަނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ވައްދައިގެން ކުރިއަށް ދެވޭނެ ގޮތެއް މަޖިލިހުގައި ގަވާއިދުގައި ނެތުމުންނެވެ.

މަޖިލިހުގެ އެޖެންޑާއަކީ މަޖިލިހުގެ ރައީސް ކަނޑައަޅުއްވާ އެއްޗެއް. އެއީ ގަވާއިދުގައި އޮންނަ ގޮތް. ޖަލްސާއެއްގެ އެޖެންޑާ ނެރުއްވާއިރު، އެ ޖަލްސާގެ ރިޔާސަތު ހުސްކޮށް އޮންނާނެކަން އެނގިވަޑައިގެން ހުންނަވައި އެޖެންޑާ ނެރުއްވި ކަމީ ރައީސް ނަޝީދު ކުރެއްވި ވަރަށް ޒިންމާދާރުކަން ކުޑަ، ހުތުރު އަމަލެއް،"--- އަސްލަމް

"މިހާރު ހައްދަވަންވީ ގޮތަކަށް ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އަނބުރާ ގެންދަވަންވީ. އެ ވަރިހަމަ ރައީސް ނަޝީދުގެ މައްސަލަ ވިޔަސް ނޫނީ ޑެޕިއުޓީ ސްޕީކާގެ ވިޔަސް. ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އަނބުރާ ގެންދަންވީ. ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އަނބުރާ ގެންގޮސްގެން މި މައްސަލަ ހައްލު ކުރެވޭނީ،" ޝިޔާމް ވިދާޅުވި އެވެ.

މަޖިލީހުގެ ކުޑަދޮށުގައި ނަޝީދު އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުންނާ ބައްދަލު ކުރައްވަނީ--

މަޖިލީހުގެ ކުޑަދޮށުގައި ނަޝީދު އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުންނާ ބައްދަލު ކުރައްވަނީ--

އީވާގެ މައްސަލަ ކުރިއަށް ނުގެންދެވުމުގައި ނަޝީދު ރިޔާސަތުގައި އިންނަވަން ދެކޮޅު ހެއްދެވުމުގެ އިތުރުން އެ މައްސަލައިގެ ބަހުސް ކުރުމާއި ދިފާއުވުމުގެ ވަގުތު އާންމު ކޮމިޓީން ކަނޑަނޭޅި އޮތުމަކީ ވެސް ހުރަހެކެވެ. ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ 13 މެމްބަރަކު އެ ޕާޓީން ވަކިވުމުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލުވާ ނިސްބަތަށް ގެންނަންޖެހޭ ބަދަލަށް އެއްބަސްނުވެވި ދިގުލައިގެން ގޮސްފައިވާއިރު، އޭގެ ތެރޭގައި އާންމު ކޮމިޓީ ވެސް ހިމެނެ އެވެ.

އެ 13 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވިގޮތުގައި، ކޮމިޓީތަކުގެ އެކުލެވުމަށް އެއްބަސްނުވެވުނީމާ، މަޖިލީހުގެ ތަޅުމަށް އެކަން ގެންގޮސްގެން ފާސްކުރެވޭނެ ކަމަށެވެ.

"...ތަޅުމުގައި ބަހުސްކޮށްފައި، ޕާޓީތަކުގެ މެދުގައި އެއްބަސްވެވޭ ގޮތަކަށް އެކަން ކުރިއަށް ގެންދެވޭނެ،" އަފީފް ވިދާޅުވި އެވެ.

ހައްލު ކުރިން ވެސް އޮތް

މިއީ ހައްތަހާވެސް މަރުތަޅު ނެއްޓޭނެ ކަމަށް މެމްބަރުން ހުށަހަޅުއްވާ ހައްލުތަކެވެ. މަޖިލީހުގެ ގަވާއިދުގައި ހުރި އުނިކަމެއްގެ ތެރެއިން އުފަންވި ނޫނީ އުފަން ކުރުވި މައްސަލައެއް ކަމަށް ގަބޫލުކުރެއްވޭތީ އެވެ.

އެކަމަކު އެއީ މުޅިން ހަގީގަތެއް ނޫން ކަން އިއްޔެ އާންމުވި ސިޓީއަކުން ވަނީ ސާފުވެފަ އެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ، ނަޝީދަށް ފޮނުއްވި ތިން ސަފުހާގެ ދިގު ސިޓީއެއްގައި އޭނާ ވަނީ އީވާގެ މައްސަލަ ކުރިއަށް ގެންދެވޭނެ ހުރިހާ ހައްލުތަކެއް ހިމަނުއްވައިފަ އެވެ.

ކޮމިޓީތައް އެކުލަވާލަން ޕާޓީތަކުގެ މެދުގައި އެއްބަސްނުވެވުނަސް، ތަޅުމަށް ގެނެސްގެން އެ ބަދަލުތައް ފާސްކުރެވޭނެ ކަމަށް އެ ސިޓީގައި އޮތެވެ.

އީވާ ވަކިކުރުމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަން ނަޝީދު އުޒުރިވެރިވެވަޑައިގަންނަވާ ނަމަ އެ މަސްއޫލިއްޔަތު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް އެހެން ފަރާތަކާ ހަވާލުކުރެއްވުން ވެސް ނިއުޝާ ހުށަހެޅުއްވި ހައްލުތަކުގެ ތެރޭގައި ހިމެނެ އެވެ.

"...ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައެޅިގެން އެހެން ފަރާތަކާ ހަވާލުކުރައްވައ،ި އެ ޖަލްސާގައި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ކ) ގައި ބުނާ ބަހުސްގެ ވަގުތުތަކާއި އަދަދުތައް މަޖިލީހުން ކަނޑައަޅައި، އެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ،" ދެވަނަ ހައްލެއްގެ ގޮތުގައި ނިއުޝާ ހުށަހެޅުއްވި އެވެ.

އެ ސިޓީގައި ނަޝީދަށް ހުށަހެޅުއްވި ތިން ވަނަ ހައްލަކީ އީވާގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށްޓަކައި އާންމު ޖަލްސާއަކަށް އެކަން އެޖެންޑާ ކުރުމެވެ.

ކޮމިޓީތަކުން ގޮތެއް ކަނޑަނޭޅޭ މުހިންމު މައްސަލަތަކަށް މީގެ ކުރިން ވެސް މަޖިލިހުގެ ތަޅުމުން ހައްލު ނެރެފައި ވެ އެވެ. އެހެންވެ، އެއީ ވެސް މަޖިލިން ކުރިން އަމަލު ކުރާ އުސޫލެއް ކަން ސާފުވެ އެވެ.

...މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް މަޖިލީހުގެ ނިޒާމްގެ ތެރޭގައި ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ: ފާތިމަތު ނިއުޝާ

އަމީންއާންމުގެ ސިޓީން ސާފުވާ އެއް ކަމަކީ، މިއީ ކުއްލިއަކަށް ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފާގެ މަތިން ނިއުޝާ ކުއްލިއަކަށް ހުށަހެޅުއްވި ހައްލުތަކެއް ނޫން ކަމެވެ. ކަންކަން ގޯހުން ގޯހަށް ދިޔުމުގެ ކުރިން މި ހުށަހެޅުންތައް ނަޝީދާ ހަމައަށް ނިއުޝާ ނުގެންދަވައި އޮވެދާނެ ކަމަށް ގަބޫލުކުރަން ވަރަށް ދައްޗެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ. -ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ. -ފޮޓޯ: މަޖިލީހުގެ އިދާރާ

އީވާގެ މައްސަލަ އިއްޔެގެ ޖަލްސާ އަށް އެޖެންޑާ ކުރުމަށް ފަހު، ރިޔާސަތު ހުސްކޮށް އޮންނަން ނަޝީދު ދޫކޮށްލެއްވުމުން، ސިޓީއެއްގެ ސިފައިގައި، ލިޔުމަށް ތިރިކުރައްވަން އަމީންއާންމަށް މަޖުބޫރުވެ ވަޑައިގެންނެވި ކަހަލަ އެވެ. މި ހުރިހާ ކަމެއްގައި ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭނެ ދުވަހެއް އައިސްދާނެ ކަން ގަބޫލުކުރެއްވިގެން ކަމަށް ވެދާނެ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލިހުގެ އިއްޔެގެ ޖަލްސާގެ އެޖެންޑާ ނެރުއްވިއިރު ވެސް އެ ޖަލްސާގެ ރިޔާސަތު ހުސްވާނެކަން ނަޝީދަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"މަޖިލިހުގެ އެޖެންޑާއަކީ މަޖިލިހުގެ ރައީސް ކަނޑައަޅުއްވާ އެއްޗެއް. އެއީ ގަވާއިދުގައި އޮންނަ ގޮތް. ޖަލްސާއެއްގެ އެޖެންޑާ ނެރުއްވާއިރު، އެ ޖަލްސާގެ ރިޔާސަތު ހުސްކޮށް އޮންނާނެކަން އެނގިވަޑައިގެން ހުންނަވައި އެޖެންޑާ ނެރުއްވި ކަމީ ރައީސް ނަޝީދު ކުރެއްވި ވަރަށް ޒިންމާދާރުކަން ކުޑަ، ހުތުރު އަމަލެއް،" ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވި އެވެ.

މަޖިލިހުގެ ރިޔާސަތު ހުސްވާ ހިސާބަށް މީގެ ކުރިން ދުވަހަކު ވެސް ގޮސްފައި ނެތް އިރު މަޖިލިހުގެ ރައީސް ނަޝީދު އިއްޔެ އެ ކަން ކުރެއްވި ހުތުރު ގޮތް މަޖިލިހުގެ މެމްބަރުކަން ކުރެއްވި ތަޖުރިބާކާރު މެމްބަރުން ވެސް ގަބޫލެއް ނުކުރައްވަ އެވެ. ސިޔާސީ މި ހޫނު ދަނޑިވަޅުގައި ބޭކާރު ޒުވާބެއްގެ ތެރެއަށް ވަޑައިގަންނަވަން ބޭނުން ނުވާތީ ނަން ޖަހައިގެން ގިނަ ބޭފުޅުން މީޑިއާގައި ވާހަކަ ދައްކަވަން ބޭނުމެއް ނުވެ އެވެ.

އަމީން އާންމުގެ ނިޔަތް ކޮންމެ ގޮތަކަށް މާނަކުރިޔަސް، އެ ސިޓީ އާންމުވުމާއެކު މަޖިލީހުގައި ތިން ހަފްތާ ވަންދެން އަޅުވާފައި އޮތް މަރުތަޅު ކުއްލި އަކަށް ނެއްޓިއްޖެ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ އެޖެންޑާ ކޮށްފި އެވެ. މަޖިލީހުގެ ގަވާއިދުގައި ހުރި ބާގަނޑުތައް ކުއްލިއަކަށް ބެދުނީ އެވެ. ގިރާނުކުރެވިގެން އުޅުނު ހުރިހާ ހުރަސްތަކެއް ގެއްލުނީ އެވެ.

މަޖިލީހުގެ ޝަރަފުވެރި ރިޔާސަތު ޔަތީމުކޮށް، ދައުލަތް ހިންގުމުގެ ވަރުގަދަ އެއް ބާރު ވާކޮށްފައި ބާއްވައިގެން، ކުޅުނީ ސިޔާސީ ބޮޑު ޑްރާމާއެކޭ ބުނުމުގެ ޖާގަ ލިބެނީ އެހެންވެ އެވެ. މަޖިލިސް ޑެޑްލޮކަށް ދާ ގޮތަށް ގަވާއިދު ނެތް ކަމަށް ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވީ އެހެންވެ އެވެ. ބޭނުންވުމުން އެ އޮތީ ޑެޑްލޮކް ފިލުވައިފަ އެވެ.