Roadha Mihaaru
އެމްޑީޕީގެ ވިސްނުމާ އަމީންއާންމުގެ ހިޔާލު ތަފާތު!

ކޮމިޓީތަކުގެ މައްސަލަ: އެމްޑީޕީގެ ވިސްނުމާ އަމީންއާންމުގެ ހިޔާލު ތަފާތު!

10 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާ ނުލައި އޮތް މައްސަލާގައި އެމްޑީޕީގެ ވިސްނުމާއި މަޖިލީހުގެ އިދާރާ އިން ދެކޮޅު ކަން ހާމަ ކުރައްވައި އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕަށް އެ އިދާރާ އިން ސިޓީއެއް ފޮނުވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާ ނުލައި އޮތް މައްސަލާގައި އެމްޑީޕީގެ ވިސްނުމާއި މަޖިލީހުގެ އިދާރާ އިން ދެކޮޅު ކަން ހާމަ ކުރައްވައި އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕަށް އެ އިދާރާ އިން ސިޓީއެއް ފޮނުވައިފި އެވެ.

އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެން މަޖިލީހުގެ ކޮމިޓީތަކަށް އަންނަ ބަދަލުތައް ގެނައުމަށްޓަކައި ކޮމިޓީތަކުގެ މަސައްކަތް މަޑުޖައްސާލީ މިދިޔަ މަހުގެ 22 އިގަ އެވެ. އެ ދުވަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު އަލުން ކޮމިޓީތައް އެކުލަވާލާނެ ކަމަށެވެ.

ނަމަވެސް މިދިޔަ ތިން ހަފްތާއެއްހާ ދުވަސް ދިޔައީ ޕާޓީތަކުގެ މެދުގައި އެއްބަސްވުމަކަށް ނާދެވި މަޖިލީހުގެ އެއްވެސް ކޮމިޓީއެއް އެކުލަވައި ނުލަ އެވެ. އޭގެ ސަބަބުން މަޖިލީހަށް ހުށަހެޅިފައިވާ ބިލުތަކާއި އިތުބާރު ނެތް ކަމުގެ މައްސަލަތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އެ މައްސަލާގައި އެންމެ ފަހުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު އަސްލަމް ވަނީ މަޖިލީހުގެ ގަވައިދުގެ 106 ވަނަ މާއްދާ އަށް ރިއާޔަތް ކުރައްވައި ކޮމިޓީތައް އަބަދުވެސް ދެމިއޮންނަން ވާނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އަށް ސިޓީއަަކުން ދަންނަވައިފަ އެވެ.

އެ މާއްދާގައި ބުނެފައި ވަނީ ދާއިމީ ކޮމިޓީތަކަކީ އަބަދުވެސް ދެމި އޮންނަ ކޮމިޓީތަކެއް ކަމަށެވެ.

އެހެންވެ މަޖިލީހުގެ އިދާރާ އިން ކޮމިޓީއަށް ގޮވާލައި މަސައްކަތްތައް ކުރިޔަށް ގެންދަން ޖެހޭނެ ކަމަށް އެކަމާ ގުޅޭ ގޮތުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވި އެވެ.

އަމީން އާންމުގެ ރައުޔަކީ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހޭ ކަަމަށް

ގާނޫނީ ބޮޑު ބަހުސަކަށް ވެފައިވާ މި މައްސަލަ އާ ގުޅިގެން ނިއުޝާ ސޮއި ކުރައްވައި މިއަދު އަސްލަމަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ 106 ވަނަ މާއްދާގައި އެހެން ބަޔާން ކުރި ނަމަވެސް މަޖިލިހުގެ ގަވައިދުގެ 131 ވަނަ މާއްދާގެ ދަށުން މަޖިލީހުގައި ޕާޓީތައް ނިސްބަތްވާ ގޮތް އެއީ ހަމައެއް ކަމުގައި ބަލައި އެ ހަމައިން ކޮމިޓީތަކުގައި ވެސް ޕާޓިތައް ތަމްސީލު ވާ ގޮތަށް އަމަލުކުރަން ޖެހޭ ކަމަށެވެ.

ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންނަށް ވެސް އެކަށީގެންވާ ވަޒަން ހަމަ ފުރުސަތެއް ދޭން ޖެހޭނެ ކަމަށް ގަވައިދު ބުނާ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

ގަވައިދުގެ 130 ވަނަ މާއްދާގެ ދަށުން ދާއިމީ ކޮމިޓީތަކުގެ މެންބަރުން އެ މަޖިލީހުގެ އުމުރު ނިމެންދެން ތިބޭނެ ކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް ޕާޓީއަކުން މެންބަރަކު ވަކި ވެއްޖެ ނަމަ އެ ހާލަތު ބަދަލު ވާނެ ކަމަށް ވެސް އެ މާއްދާގައި ބުނާ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އަދި އަމީން އާންމު

މަޖިލީހުގެ ރައީސް އަދި އަމީން އާންމު

"މަޖިލީހުގެ ދަފްތަރުގައި މެންބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތަށް މިހާރު މި ވަނީ ބޮޑު ބަދަލެއް އައިސްފައި. މަޖިލީހުގެ ގަަވައިދުގެ 130 ވަނަ މާއްދާގެ ށ ގެ އެއް ވަނަ ނަމްބަރުގެ ދަށުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އިސްވެދެންނެވި 13 މެންބަރުން ތަމްސީލު ކުރައްވަމުން ގެންދެވި ހައިސިއްޔަތު ވެސް ވަނީ އެ މެންބަރުންނަށް ގެއްލިފައި،" އޭނާ ވިދާޅުވި އެވެ.

ނިއުޝާ ވިދާޅުވި ގޮތުގައި ގަވައިދު ބުނާ ގޮތުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންގެ މަސްލަހަތު ހިމާޔަތް ކުރާނީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ މަޝްވަރާގެ މަތިން މަޖިލީހުގެ ރައީސެވެ. އަދި އެ މެންބަރުން ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ނިސްބަތަށް އަންނަ ބަދަލު މަޖިލީހުން ފާސް ކުރަން ޖެހޭނެ އެވެ. މިހާރު ކުރިޔަށް ދަނީ އެ މަރުހަލާ ކަމަށް އަމީން އާންމު ވިދާޅުވި އެވެ.

ނިއުޝާ ވިދާޅުވީ ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމަށްޓަކައި ވޯޓަށް އެހުން ވޯޓު ގަޑީގައި އޮންނާނެ ކަމަށް މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރިޔާސަތުން އިއުލާން ކޮށްފައި ވަނިކޮށް މެންބަރުން ތަމްސީލް ކުރައްވާނެ ހަމައަށް ބަދަލު ގެންނެވުމަށް އަސްލަމް އެދިވަޑައިގެންނެވުމުން އެ ޖަލްސާގައި މައްސަލަ އަށް ވޯޓަށް އެހުން ފަސް ކުރެއްވި ކަމަށް ނިއުޝާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަަވައިދުގެ 130 ވަނަ މާއްދާގެ ށ ގެ އެއް ވަނަ ނަމްބަރުގެ ދަށުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އިސްވެދެންނެވި 13 މެންބަރުން ތަމްސީލު ކުރައްވަމުން ގެންދެވި ހައިސިއްޔަތު ވެސް ވަނީ އެ މެންބަރުންނަށް ގެއްލިފައި -- ނިއުޝާ

އެއާއެކު ޕާލިމެންޓަރީ ގްރޫޕްތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވައިގެން އަލުން ނިސްބަތް ކަނޑައެޅުމަށް މަޖިލީހުގެ ރައީސް ނިންމެވި ކަމަށް ނިއުޝާ ވިދާޅުވި އެވެ.

އީވާގެ މައްސަލާގައި ވެސް އަމީން އާންމު އެމްޑީޕީ އާ ހިޔާލު ތަފާތު!

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް މައްސަލައިގެ މުއްދަތު ހަމަވުމުން އެ މައްސަލަ ކުރިޔަށް ނުގެންގޮސް އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ނިއުޝަ ވިދާޅުވީ އެ ގަރާރު އޮއްވައި މަޖިލީހުގެ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރުން ނުވަތަ ވޯޓަށް އެހުން މަނާ ވާނީ އެ ގަރާރު މަޖިލީހަށް ހުށަހެޅުމަށް ފަހުގައި ކަމަށެވެ.

މަޖިލީހުގެ 50 މެންބަރުން ސޮއި ކުރައްވައި ހުށަހެޅި އެ ގަރާރުގެ ނޯޓިސް މުއްދަތު ހަމަވެފައިވީ ނަމަވެސް އަދި އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް ނިއުޝާ ވިދާޅުވި އެވެ.

އީވާ ވަކި ކުރުމަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް މުއްދަތު މާދަމާ އަށް ހަމަވެ އެވެ. އެހެންވެ މަޖިލީހުން ވަނީ އެ ދުވަހު ޖަލްސާއެއް ބާއްވަން ވެސް އެޖެންޑާ ކޮށްފަ އެވެ.

ނަމަވެސް އިތުބާރު ނެތް މައްސަލަ ވެސް ކުރިޔަށް ގެންދެވޭނީ މަޖިލީހުގެ އާންމު ކޮމިޓީން އެކަމަށްޓަކައި ވަގުތު ކަނޑައެޅުމުންނެވެ. ކޮމިޓީތައް އެކުލަވައި ނުލެވޭތީ ވަގުތު ކަނޑައެޅުމުގެ މަސައްކަތް ވެސް ކުރިޔަށް ނުގޮސް އޮތުމުން އަމީން އާންމު ވަނީ އެ ޖަލްސާ ވެސް ފަސް ކޮށްލާފައިވާ ކަން އެމްޑީޕީ އަށް އަންގައިފަ އެވެ.