ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ ގަރާރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްދިނުމަށް އެ މައްސަލަ ހުށަހެޅި އެމްޑީޕީން އެދިއްޖެ އެވެ.
30 އޮކްޓޯބަރ 2023
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ ގަރާރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްދިނުމަށް އެ މައްސަލަ ހުށަހެޅި އެމްޑީޕީން އެދިއްޖެ އެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާ މެންބަރުންނަށް ފޮނުވާފައިވާއިރު، އޭގައި ނަޝީދުގެ މައްސަލަ ހިމަނާފައެއް ނެތެވެ. އެޖެންޑާގައި އޮތީ މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓާއި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އަށް މިއަދު ފޮނުއްވި ސިޓީގައި އެދިވަޑައިގަތީ ނަޝީދުގެ މައްސަލަ ހިމަނައި އެޖެންޑާ އިސްލާހު ކޮށްދިނުމަށެވެ.
އެގޮތަށް އެދިވަޑައިގަތީ، ސިޓީގައިވާ ގޮތުން ނަޝީދުގެ މައްސަލައަކީ ނޯޓިސް މުއްދަތު ހަމަވެފައިވާ މައްސަލައަކަަށް ވާއިރު، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހެއްގައި ބާއްވާ ޖަލްސާގައި އެ މައްސަލަ އެޖެންޑާ ކުރަން ޖެހޭނެތީ އެވެ.
މިދިޔަ އާދިއްތަ ދުވަހު އަދި މިއަދު ވެސް އެ މައްސަލަ އެޖެންޑާކުރީ އެ އުސޫލުގެ ދަށުން ކަމަށް ވާއިރު، މާދަމާ އަށް ވެސް މައްސަލަ އެޖެންޑާ ކުރަންޖެހޭނެ ކަމަށް އަސްލަމްގެ ސިޓީގައި ވެ އެވެ. މިއަދުގެ ޖަލްސާ ކެންސަލްކުރީ ގަވައިދުގެ ކޮން މާއްދާއަކުން ކޮން ބޭފުޅަކު އަންގަވައިގެންތޯ ސާފުކޮށްދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
އިއްޔެ އާއި މިއަދަށް ވެސް ނަޝީދުގެ މައްސަލަ އެޖެންޑާކުރިޔަސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ ސަލާމުގައި ހުންނެވުމުން އެ މައްސަލަ ކުރިއަށް ނުގެންދެވުނެވެ. ނަޝީދު މަގާމުން ވަކިކުރާ މައްސަލަ ދެން އެޖެންޑާ ކޮށްފައި ވަނީ އަންނަ ބުދަ ދުވަހަށެވެ.
އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ނަޝީދުގެ މައްސަލާގައި ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ އެވެ. އެކަމަށް އެއްބާރުލުން ނުދޭނެ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދާ މައްސަލާގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވެސް އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.
ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންނަން ނިންމައިފި
"ރިޔާސަތުން އުޅުނީ ކޮމިޓީތަކުން މެޖޯރިޓީ ގެއްލުވާލަން"
އެމްޑީޕީގެ ވިސްނުމާ އަމީންއާންމުގެ ހިޔާލު ތަފާތު!
އާންމު ކޮމިޓީގެ ބައްދަލުވުމަކަށް އެމްޑީޕީން ގޮވާލައިފި
ކޮމިޓީތައް އެކުލަވާ ނުލެވޭ ތުހުމަތު ނަޝީދަށް!
ނަޝީދު މަގާމުން ވަކިކުރަން އެދެން ފަށައިފި!
ނަޝީދު ވަކިކުރާ ގަރާރު ގޯސްކަމަށް ބުނެ ބޭރުކޮށްލައިފި
އާ ރައީސް ހުވާކުރުމަށް ހުރަހެއް ނޭޅޭނެ: ސުޕްރީމް ކޯޓު
ނަޝީދުގެ ގަރާރު ކުރިއަށްގެންދަން ނިއުޝާގެ 4 ހައްލެއް
ފިލްޒާ ވިދާޅުވީ ހައްލަކީ ގަވައިދު އިސްލާހުކުރުން ކަމަށް