Roadha Mihaaru
ކޮމިޓީތައް އެކުލަވާ ނުލެވޭ ތުހުމަތު ނަޝީދަށް!

އެމްޑީޕީން ބުނީ ކޮމިޓީތައް އެކުލަވައި ނުލެވި ލަސްވަނީ ވެސް ނަޝީދާ ހެދި ކަމަށް!

06 ޖޫން 2023

ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން 13 މެންބަރުން ވަކިވުމާ ގުޅިގެން ދާއިމީ ކޮމިޓީތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރެއް އޮތް ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ނުސީދާކޮށް މިއަދު ތުހުމަތު ކުރައްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން 13 މެންބަރުން ވަކިވުމާ ގުޅިގެން ދާއިމީ ކޮމިޓީތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރެއް އޮތް ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ނުސީދާކޮށް މިއަދު ތުހުމަތު ކުރައްވައިފި އެވެ.

އެއީ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ 13 މެންބަރުންގެ ގޮތުގައި މަޖިލިހުގައި ދަފްތަރު ކޮށްފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރި ފަހުން ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. މަޖިލިހުގައި މައިގަނޑު މަސައްކަތްތައް އޮންނަނީ ކޮމިޓީތަކުގައި ކަމަށް ވާއިރު ދާއިމީ ކޮމިޓީތައް ހުއްޓިފައިވާ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.

މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ނިންމި ނިންމުން އިއުލާން ކުރައްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، ދާއިމީ ކޮމިޓީތައް އެކުލަވައި ނުލެވި ލަސްވަނީ ޕާޓީތަކުން އެއްބަސްވުމަކަށް ނާދެވިގެން ކަމަށް ނަޝީދު ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

ނަމަވެސް، ކޮމިޓީތައް އަލުން އެކުލަވާލުމާ ގުޅޭގޮތުން އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރަން މިހާތަނަށް ބޭއްވީ އެންމެ ބައްދަލުވުމެއް ކަމަށާއި އެކަމަކު، މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާ ނިސްބަތުން ކޮމިޓީތަކަށް މެމްބަރުން އައްޔަން ކުރަން އެމްޑީޕީގެ ފަރާތުން އެއްބަސްވެފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެމްޑީޕީ މި ވަގުތު ތަމްސީލުކުރަނީ މަޖިލީހުގެ 64 ޕަސެންޓް. އެއީ ކޮމިޓީތަކުގެ 113 ސްލޮޓް. އެ 113 ސްލޮޓަށް އަޅުގަނޑުމެން މި ތިބީ އެއްބަސްވެގެން،" އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވިގޮތުގައި އެގޮތަށް އެހެން ޕާޓީތަކަށް އެއްބަސް ނުވެވުނަސް މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެކަން ކޮން ނިންމުމަކީ މަޖިލީހުގެ އިދާރާގެ މަސްއޫލިއްޔަތެކެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި މަޖިލީހުގެ ދާއިރާގެ ތިން ކޮމިޓީ އާއި ދައުލަތުގެ އިދާރާތަކާ ގުޅޭ 14 ކޮމިޓީ ހިމެނެ އެވެ.

މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމުގައި މަޖިލީހުގައި އެކިއެކި ޕާޓީތައް ނިސްބަތް ވެފައިވާ ގޮތް އެއީ ހަމައެއް ކަމުގައި ބަލައި، ކޮމިޓީ އެކުލަވާލާނީ އެ ހަމަ ތަމްސީލުވާ ގޮތަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް ކޮމިޓީތަކުގެ ކޮމްޕޮޒިޝަން ކަނޑައަޅައި، އެކަން މަޖިލީހުގެ ތަޅުމުން ފާސްކުރަންޖެހޭ ކަމަށެވެ.

"މިއަދަކީ ވެސް އެ ކޮމްޕޮޒިޝަން ފާސްކުރެވޭނެ ދުވަހެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އެކަމަކު މިއަދު ވެސް އެކަން ނުކުރައްވާ އެ އޮތީ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވައި ނުލެވޭތީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ

މަޖިލިހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ފާސްކުރިއިރު، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލައެއް ވެސް މަޖިލީހަށް ވަނީ ވައްދައިފަ އެވެ. އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ތާވަލް ކޮށްފައި ވަނީ އަންނަ އާދިއްތަ ދުވަހަށެވެ.

މަޖިލީހުގެ މަސައްކަތްތައް ނަޝީދު އިސްވެ ހުއްޓުވާފައިވަނީ، އީވާގެ މައްސަލައަށް ހުރަސްއަޅަން ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވަ އެވެ.