Roadha Mihaaru
ނަޝީދު މަގާމުން ވަކިކުރަން އެދެން ފަށައިފި!

ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީގެ މަޖިލިސް މެމްބަރުން އެދެން ފަށައިފި!

30 ޖުލައި 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުންވާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ލީޑަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުންވާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ލީޑަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

"މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން އޭނާ ވިދާޅުވީ، މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުކުރަން އެމްޑީޕީގެ ޕީޖީގެ ބައެއް މެމްބަރުން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ދޮގު ވާހަކަތަކެއް ފަތުރާތީ އެ ކަމާ ހިތްހަމަޖެހިވަޑައިނުގެން ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ރޭ ފޮނުއްވި މެސެެޖެއްގައި ނަޝީދު ވިދާޅުވީ، އާއިލީ ގާތްބޭފުޅެއްގެ އަންހެން ކުއްޖަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖިންސީ ގުޅުން ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ފޮޓޯތައް ފުލުސް އޮފީހަށް ފޮނުވަންވީތޯ ނަޝީދު އެ ގްރޫޕުގައި ސުވާލު ކުރެއްވި އެވެ. އެކަމަކު، އެ ފޮޓޯތައް ދެއްކުމަށް ނުވަތަ ފުލުހުންގެ އިދާރާ އަށް ރަސްމީކޮށް ހުށަހަޅުއްވައިގެން އެ މައްސަލަ ކުރިއަށް ގެންދަން މެމްބަރުން އެދިވަޑައިގަތުމުން ނަޝީދު ޖަވާބެއް ނުދެއްވަ އެވެ.

ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ރޭ ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުންވެގެން އެކި މެމްބަރުން އޭނާ އަށް ގުޅުއްވައި އެދިވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ.

"އެކަމަކު، ރަސްމީކޮށް އަދި އެއްވެސް ހުށަހެޅުމެއް ނާދޭ. އަޅުގަނޑު ބުނިން ރަސްމީކޮށް ހުށަހެޅުއްވީމައޭ ތިކަން ކުރިއަށް ގެންދެވޭނީ. އެ ބޭފުޅުން ރަސްމީކޮށް އެ މައްސަލަ އަޅުގަނޑަށް ހުށަހެޅުއްވީމާ ޕީޖީ ގުރޫޕް ބާއްވާފައި އެ ފާސްވާ ގޮތަކަށް އަޅުގަނޑު ކުރިއަށް ގެންދާނީ،" ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާ އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގުޅުވައި އެ ބޭފުޅުން ވިދާޅުވަނީ ނަޝީދު ދެން މަގާމުގައި [ރައްޔިތުންގެ މަޖިލިހުގެ ރައީސް] ބަހައްޓާކަށް ތިމަންނަމެން ބޭނުން ނުވެއޭ."

މައްޗަންގޮޅި މެދުދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރަން އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުންވެގެން ނުރަސްމީކޮށް އެދޭއިރު، މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ. ޗުއްޓީ އަށް ފަހު ޖަލްސާތައް ފަށާނީ އަންނަ މަހުގެ މެދުތެރޭގަ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސިމްޕަލް މެޖޯރިޓީން ފާސްވާނެ އެވެ. އެއީ މިހާރު 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ 43 މެމްބަރުންގެ ވޯޓެވެ. މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ 22 މެމްބަރުންގެ ސޮޔެވެ.

ގަވައިދުގައިވާ ގޮތުން ނަމަ މަޖިލިހުގެ ރައީސް މަގާމުން ވަކިކުރަން ބޭނުންވާ ސަބަބު ގަރާރުގައި ބަޔާންކުރަން ޖެހެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ ކޯޅުން އިންތިހާ އަށް ބޮޑުވެެފައިވާއިރު، މަޖިލިހުގެ އަޣުލަބިއްޔަތު މި ވަގުތު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުގަ އެވެ.

ރައީސާއި ނަޝީދުގެ ކޯޅުން އިތުރަށް ބޮޑުވީ، ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އަލަމްގީރާއެކު، ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ލީކުވެ، އެ މައްސަލައިގައި ނާޒިމް ހައްޔަރުކުރުމުންނެވެ.