Roadha Mihaaru
ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ނަޝީދު ވަކިކުރުމާ ދެކޮޅު

ރަސްމީކޮށް ނުނިންމިޔަސް ޕީޕީއެމް/ޕީއެންސީ މެމްބަރުން ތިބީ ނަޝީދު ވަކިކުރުމާ ދެކޮޅަށް: އާދަމް ޝަރީފް

07 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލާގައި މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރަސްމީކޮށް ވަކި ގޮތެއް ނުނިންމި ނަމަވެސް، އެ ކޯލިޝަން ތަމްސީލުކުރައްވާ މެމްބަރުން ތިއްބެވީ އެމަނިކުފާނު ވަކިކުރުމާ ދެކޮޅަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލާގައި މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރަސްމީކޮށް ވަކި ގޮތެއް ނުނިންމި ނަމަވެސް، އެ ކޯލިޝަން ތަމްސީލުކުރައްވާ މެމްބަރުން ތިއްބެވީ އެމަނިކުފާނު ވަކިކުރުމާ ދެކޮޅަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން އެމްޑީޕީން ނިންމައި މަޖިލީހަށް އެ މައްސަލަ މިއަދު ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮޔާ އެކުގަ އެވެ.

އެކަމާ ގުޅިގެން "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މައިނޯރިޓީއަށް ޖާގަ ދީގެން އަޑު އިއްވުމުގެ ފުރުސަތު ލިބިފައިވަނީ ނަޝީދުގެ ރިޔާސަތުގައި ކަމަށެވެ.

"ބޭރު ގައުމުތަކުގަ ވެސް ގާނޫނު ހަދާ މަޖިލިސްތައް ހިންގަނީ މައިނޯރިޓީގެ އަޑު އިއްވޭ ގޮތަށް އެ ޖާގަ ވަރަށް ބޮޑަށް ދީގެން. އެ ނަމޫނާ ނަޝީދު ދެއްކެވި،" ނަޝީދަކީ ވަރަށް ގާބިލު ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވި އެވެ.

އަދި އެމްޑީޕީ ދެ ފަޅިވެ، ސަރުކާރާ ދެކޮޅަށް ނަޝީދު މަސައްކަތް ފެއްޓެވުމުގެ ކުރިން ވެސް މަޖިލިސް ހިންގުމުގައި ދިމާވި އެކި މައްސަލަތަކަށް ހައްލު ހޯދައިދެއްވާ، ހަރުދަނާ އުސޫލުތައް ނަޝީދު ހިފެހެއްޓެވި ކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަޝީދު މަގާމުން ދުރުކުރުމަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އަންނާނެ ފަޅު ކަމެއް: އާދަމް ޝަރީފް

"ނަޝީދު މަގާމުން ދުރުކުރުމަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އަންނާނެ ފަޅު ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލާގައި ޕީޕީއެމް/ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުން އަދި ރަސްމީކޮށް ނިންމުމެއް ނިންމާފައިނުވި ނަމަވެސް، އެ ކޯލިޝަންގެ މެމްބަރުން ތިއްބެވީ "ނަޝީދުގެ ދިފާއުގައި" ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަގާމުން ވަކިކުރަން އެމްޑީޕީން ވައްދާފައިވާ މައްސަލަ ވެސް އާދަމް ޝަރީފް ސިފަ ކުރެއްވީ "ވަރަށް ދެރަ" ކަމެއްގެ ގޮތުގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އީވާ މަޖިލީހުގެ ރިޔާސަތުގަ އިންނަވައިގެން މަޖިލިސް އަބަދުވެސް ހިންގެވީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތަށް އަކުރުން އަކުރަށް ކަމަށެވެ.

"ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލައިގެން އުޅުނުއިރު ވެސް، އާއިލީ ބޭފުޅެއް ވިޔަސް، [އީވާ] މަޖިލިސް ހިންގެވީ އެއްވެސް ވަރަކަށް ޖަޒުބާތުގައިޖެހިވަޑައިނުގަނެ، ވަރަށް ރަނގަޅަށް. އަދި 241 ކޮމިޓީގަ ވެސް މުހިންމު މަސައްކަތްތަކެއް ކުރެއްވި،" އާދަމް ޝަރީފް ވިދާޅުވި އެވެ.

"މިއީ ވެސް އެމްޑީޕީގެ އަމިއްލަ އެދުން ބޮޑު ނިންމުމެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރަނީ،" އަންހެން މެމްބަރުން މަދު މަޖިލީހެއްގައި ރިޔާސަތުން އީވާ ބޭރުކުރުން ކުށްވެރިކުރައްވައި އޭނާ ވިދާޅުވި އެވެ.

ނަޝީދު ވަކިކުރަނީ ކީއްވެ؟

ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލިސް ރައީސްގެ މަގާމަށް ނަޝީދު އިންތިހާބު ކޮށްފައި ވަނީ ގިނަ މެންބަރުންތަކެއްގެ ވޯޓާއެކުގައި ކަމަށާއި ވޯޓު ދީފައި ވަނީ ރައްޔިތުން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އެ މަގާމުގައި ނަޝީދު އިތުރަށް ހުރެއްޖެ ނަމަ މަޖިލީހުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ގެއްލި މަޖިލީހުގެ ގަދަރު ރައްޔިތުންގެ ކުރިމަތީ ކުޑަވެގެން ދާނެ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ. "...އިސްވެ ބަޔާން ކުރެވުނު ކަންކަމާއި ސަބަބުތައް އެހެން ހުރުމުން ރައީސް މުހައްމަދު ނަޝީދަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެ ކަމަށް އަހަރުމެންނަށް ފެނުނު ހިނދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކި ކުރެއްވުމަށް އަހަރުމެން ސޮއި ކޮށް ހުށަހަޅަމެވެ،" އެ މައްސަލާގައި ބުނެފައިވެ އެވެ. ނަޝީދު ވަކި ކުރަން ތާއީދު ކޮށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ސޮއި ކުރީ 50 މެންބަރުންނެވެ. އެ ޕާޓީގެ ފަރާތުން ސޮއި ކުރަން އެއްބަސް ނުވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު އާއި ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެވެ. ނަޝީދު މައްސަލާގައި އެމްޑީޕީ މެންބަރުންގެ އިތުރުން ސޮއި ކުރެއްވީ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ނަޝީދުގެ މައްސަލާގައި ސޮއި ކުރެއްވި އެވެ.