Roadha Mihaaru
މެސީގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

ގްރީޒްމަންގެ އޭޖެންޓްގެ ތުހުމަތާ އެކު މެސީގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

19 ނޮވެމްބަރ 2020

ބާސެލޯނާ (ނޮވެމްބަރު 19) - ބާސެލޯނާގެ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަންގެ އޭޖެންޓް އެރިކް އޮލްހަޓްސް ހަގީގަތާ ހިލާފު ގިނަ ވާހަކައެއް ދައްކާފައިވާތީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ބާސެލޯނާ (ނޮވެމްބަރު 19) - ބާސެލޯނާގެ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަންގެ އޭޖެންޓް އެރިކް އޮލްހަޓްސް ހަގީގަތާ ހިލާފު ގިނަ ވާހަކައެއް ދައްކާފައިވާތީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މިދިޔަ ހަފްތާގައި ފްރާންސް ފުޓްބޯލް އަށް ދިން އިންޓަވިއުއެއްގައި އޮލްހަޓްސް ވަނީ ބާސެލޯނާގައި ގްރީޒްމަންގެ މޮޅު ކުޅުން ނުފެންނަނީ މެސީގެ ސަބަބުން ކަމަށް ބުނެފަ އެވެ. ގްރީޒްމަން ބާސެލޯނާ އަށް ގެންދަން މެސީ އެންމެ ފުރަތަމަ ވެސް ހިތްހަމަނުޖެހުނު ކަމަށާއި މެސީގެ ފަރާތުން ފެންނަނީ ކްލަބްގެ ބައެއް ނިންމުންތަކުގެ ކޮންޓްރޯލް ނަގަން އުޅޭ ފަދަ ހަރަކާތްތަކެއް ކަމަށް އޭނާ ބުންޏެވެ.

އޮލްހަޓްސް ބުނީ ބާސެލޯނާ އަށް ބަދަލުވި ފަހުން ގްރީޒްމަން އެއްވެސް އިރެއްގައި މީޑިއާގައި މެސީއާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންނުވަނީ ސަބަބުތަކެއް އޮވެގެން ކަމަށާއި ގްރީޒްމަންގެ ކެރިއަރަށް ދެން އެންމެ ރަނގަޅުވާނީ އެހެން ކްލަބަކަށް ބަދަލުވުން ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާގެ މެޗުތަކަށް ގައުމަށް ދިއުމަށް ފަހު މެސީ އިއްޔެ ސްޕެއިނަށް އެނބުރި އައިތަނުން އެއާޕޯޓުގައި ނޫސްވެރިން ވަނީ އޮލްހަޓްސްގެ ވާހަކަތަކާ މެދު މެސީ ދެކެނީ ކޮން ގޮތަކަށްތޯ ސުވާލުކޮށްފަ އެވެ.

"ހުރިހާ މައްސަލައެއް އަހަރެންގެ ބޮލުގައި އަޅުވާތީ މިހާރު ވަރުބަލިވެއްޖެ. ހަގީގަތް ބަލާ މީހުންނަށް ކަންތައްތައް އޮތްގޮތް ފެންނާނެ،" ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން މެސީ ބުންޏެވެ.

މެސީ ބުނީ 15 ވަރަކަށް ގަޑިއިރެއްހާއިރުގެ ދަތުރެއް ނިންމާފައި އައުމުން ފުރަތަމަ ވެސް އޭނާ ކުރިމަތިލާން މި ޖެހެނީ ކްލަބްގެ މަސްލަހަތު ގެއްލޭ ގޮތަށް ދެކެވޭ ވާހަކަތަކާ ކަމަށާއި ކްލަބްގެ މެނޭޖްމަންޓުން ޖަވާބުދޭން ޖެހޭ ކަންތައްތަކުގައި އޭނާ އަށް ދެއްކޭނެ މާ ބޮޑު ވާހަކައެއް ނެތް ކަމަށެވެ.

މެސީ އަށް ކޯޗުކޮށްދިނުމުގައި އުނދަގޫ ކަންތައްތަކެއް ހުރިކަމަށް ބާސެލޯނާގެ ކުރީގެ ކޯޗު ކީކޭ ސެޓިއެން ބުނި ނަމަވެސް މިހާރު ބާސެލޯނާއާ ހަވާލުވެ ހުރި ރޮނާލްޑް ކޫމަން ވަނީ އެއީ ހަގީގަތެއް ނޫން ކަމަށް ބުނެފަ އެވެ. ކޫމަން ވަނީ މެސީގެ ޕްރޮފެޝަނަލްކަމަށް ތައުރީފުކޮށްފަ އެވެ.

މި ސީޒަން ފެށުމުގެ ކުރިން މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވި ނަމަވެސް އޭރު އޮތް ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއުގެ ލީޑަޝިޕުން މެސީ އެދޭ ގޮތަށް އެކަން ކޮށްދޭން ބޭނުމެއްނުވި އެވެ. ބާސެލޯނާގެ އާންމު މެމްބަރުން އިސްވެ ބާޓޮމެއުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭ މައްސަލައިގައި ޕްރެޝަރު ބޮޑުވެ ބާޓޮމެއު ވަނީ އެންމެ ފަހުން އިސްތިއުފާ ދީފަ އެވެ. ބާސެލޯނާގެ އާ ރައީސަކު ހޮވާ އިންތިހާބު އަންނަ އަހަރު ޖެނުއަރީގައި ބާއްވަން މަސައްކަތްކުރަމުން އަންނައިރު، އިންތިހާބުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓަކު ވެސް ވަނީ މެސީ އެ ޓީމުގައި މަޑުކުރުވަން ބޭނުންވާ ކަމަށް ބުނެފަ އެވެ.