Roadha Mihaaru
ބާސެލޯނާއާ ގުޅެން ގްރީޒްމަނަށް މެސީ ދައުވަތުދީފި

ބާސެލޯނާއާ ގުޅެން ގްރީޒްމަނަށް މެސީ ދައުވަތުދީފި

16 އޮކްޓޯބަރ 2017

މެޑްރިޑް (އޮކްޓޯބަރު 16) – އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް އެންޓޮއިން ގްރިޒްމަން ބާސެލޯނާ އަށް އައުމަށް އެ ޓީމުގެ ތަރި ލިއޮނަލް މެސީ ދައުވަތު ދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (އޮކްޓޯބަރު 16) – އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް އެންޓޮއިން ގްރިޒްމަން ބާސެލޯނާ އަށް އައުމަށް އެ ޓީމުގެ ތަރި ލިއޮނަލް މެސީ ދައުވަތު ދީފި އެވެ.

މެސީ މި ދައުވަތު ދިނީ ސްޕެނިޝް ލީގުގައި މި ދެ ޓީމު ކުޅެ 1-1 އިން އެއްވަރުވި މެޗުގަ އެވެ. މި މެޗުގައި މެސީ އާއި ގްރީޒްމަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެސީ ފޮނުވާލި ހިލޭ ޖެހުމެއް ދަނޑިއަށް އަމާޒުވިއިރު، ގްރީޒްމަން ފޮނުވާލި ހަމަލާތައް ބާސެލޯނާގެ ޖަރުމަނު ކީޕަރު ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ.

ގްރީޒްމަންގެ ގާތް މީހަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މެސީ ވަނީ ގްރީޒްމަނަށް އަންނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުނުވެ ބާސެލޯނާއާ ގުޅުމަށް ދައުވަތުދީފަ އެވެ. ޖަވާބުގައި ގްރީޒްމަން ވަކި އެއްޗެއް ނުބުނާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ގްރީޒްމަން ހޯދަން ޔުނައިޓެޑުން ވަރަށް މަސައްކަތްކުރި އެވެ. ގްރީޒްމަން އެތުލެޓިކޯ ދޫކޮށްނުލީ ފީފާއިން އެ ޓީމަށް ދީފައިވާ ޓްރާންސްފާ އަދަބުގެ ސަބަބުން އެ ޓީމަށް ކުޅުންތެރިން ގެނެވޭނެ ގޮތެއް ނެތުމުންނެވެ. އަދި ގްރީޒްމަން ވަނީ އެތުލެޓިކޯއާ އެކު 2022 ގެ ނިޔަލަށް އެއްބަސްވުން އާ ކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ގްރީޒްމަންގެ ކޮންޓްރެކްޓްގައި އޭނާ ވަނީ ހާއްސަ މާއްދާއެއް ހިމަނައިފަ އެވެ. އެއީ މި ސީޒަނަށް ފަހު އޭނާ އިހުތިޔާރު ކުރާ ކްލަބަކުން 100 މިލިއަން ޔޫރޯ އަށް ވުރެ މަތީ އަގެއް ހުށަހަޅައިފިނަމަ އޭނާ ދޫކޮށްލަން އެތުލެޓިކޯ އިން އެއްބަސްވާ ގޮތަށެވެ.

މެސީ ވަނީ މީގެ ކުރިން ވެސް ދަނޑުމަތީގައި ބާސެލޯނާ އަށް އަންނަން ކުޅުންތެރިންނަށް ދައުވަތުދީފަ އެވެ. އެގޮތުން ބްރެޒިލް އާއި އާޖެންޓީނާ ކުޅުނު މެޗެއްގެ ތެރެއިން ބްރެޒިލްގެ މިޑްފީލްޑަރު ޕައުލީނިއޯ އަށް ވެސް ދައުވަތު ދީފަ އެވެ. ޕައުލީނިއޯ ވަނީ މިދިޔަ ޓްރާންސްފާ މާކެޓްގައި ބާސެލޯނާއާ ގުޅިފަ އެވެ.