Roadha Mihaaru
ގްރީޒްމަނަށް ބާސާ އަށް ނުކުޅެވޭ ގޮތް ހަދަން އެދިއްޖެ

ގްރީޒްމަނަށް ބާސެލޯނާ އަށް ނުކުޅެވޭ ގޮތް ހަދަން އެތުލެޓިކޯ އިން އެދެފި

25 ޖުލައި 2019

މެޑްރިޑް (ޖުލައި 25) - ދާދި ފަހުން ބާސެލޯނާ އަށް ސޮއިކުރި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަނަށް އެ ޓީމަށް ނުކުޅެވޭ ގޮތް ހަދަން އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑުން ހުށަހަޅާފައިވާ ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ޖުލައި 25) - ދާދި ފަހުން ބާސެލޯނާ އަށް ސޮއިކުރި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަނަށް އެ ޓީމަށް ނުކުޅެވޭ ގޮތް ހަދަން އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑުން ހުށަހަޅާފައިވާ ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

އުމުރުން 28 އަހަރުގެ ގްރީޒްމަން، ބާސެލޯނާ އަށް ބަދަލުވީ އޭނާ އެތުލެޓިކޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަންޖެހޭ 135 މިލިއަން ޑޮލަރު ބާސެލޯނާ އިން ދެއްކުމުންނެވެ. އެކަމަކު ބާސެލޯނާ އިން ގްރީޒްމަން އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި އާންމުކުރިތާ މާގިނަ އިރުތަކެއްނުވެ އެތުލެޓިކޯ އިން ވަނީ އެ ޑީލް ފުރިހަމަނުވާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.

އެތުލެޓިކޯ އިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހު ގްރީޒްމަން އެ ކްލަބާ އެކު ހަދާފައިވާ ފަސް އަހަރުގެ އެއްބަސްވުމުގައިވާ ގޮތުން ގްރީޒްމަން އަށް 135 މިލިއަން ޑޮލަރަށް އެހެން ކްލަބަކަށް ބަދަލުވެވޭނީ މަޝްވަރާތައް މި މަހު ފަށައިގެން ކަމަށެވެ. އެކަމަކު ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވާން އެ ކްލަބާ އެކު މާޗް މަހު މަޝްވަރާކޮށް އެ ޓީމާ ގުޅެން ނިންމާފައިވާކަން އެތުލެޓިކޯ އަށް އެންގީ މިދިޔަ މެއި މަހު ކަމަށް ބުންޏެވެ.

އަދި ބާސެލޯނާ އިން އޭރު ގްރީޒްމަންއާ އެކު މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސްފައިވާއިރު، އެ މުއްދަތަށް ބަލާނަަމަ ކޮންޓްރެކްޓް އުވާލަން ދައްކަންޖެހޭ ފީ 225 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. އެހެން ކަމުން ބާސެލޯނާ އިން ގްރީޒްމަން ބޭނުންވާނަމަ އިތުރު 90 މިލިއަން ޑޮލަރު ދައްކަންޖެހޭނެ ކަމަށް އެ ކްލަބުން ބުނެ އެވެ. އަދި އެ މައްސަލަ ފީފާ އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ލަލީގާގެ ރައީސް ޓެބާސް ވިދާޅުވީ ގްރީޒްމަން އާ ގުޅޭގޮތުން އެތުލެޓިކޯ އިން ހުށަހެޅި މައްސަލައިގައި އަމަލުކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށާއި އެތުލެޓިކޯ އިން އެދެނީ ގްރީޒްމަންގެ ޑީލުގެ ހުރިހާ ކަމެއް ނިންމަންދެން އޭނާ އަށް ބާސެލޯނާ އަށް ނުކުޅެވޭ ގޮތް ހެދުމަށް ކަމަށެވެ.

"ކުޅުންތެރިޔާ (ގްރީޒްމަން)ގެ ޓްރާންސްފާ ބްލޮކްކުރުމުގެ ފުރުސަތު އެބައޮތް. މީގެ އަމަލުކުރާނެ ގޮތެއް އަދި ނުނިންމަން،" ޓެބާސް ވިދާޅުވި އެވެ.

ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގްރީޒްމަން (މ).-- ފޮޓޯ: އޭއެފްޕީ

ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގްރީޒްމަން (މ).-- ފޮޓޯ: އޭއެފްޕީ

ގްރީޒްމަން ދާދި ފަހުން ބުނީ ބާސެލޯނާ އަށް ބަދަލުވުމުގައި އެއްވެސް ކަމެއް އޮޅުވާލާފައިނުވާނެ ކަމަށާއި އެތުލެޓިކޯ އަށް އޭނާ ކޮށްދިން ހިދުމަތުގެ ބަދަލު އެ ޓީމުން ރަނގަޅު ގޮތުގައި ނުދެކޭ ކަމަށެވެ.

އެތުލެޓިކޯ އިން ވަނީ މީގެ ކުރިން 2017 ވަނަ އަހަރު ވެސް ބާސެލޯނާ އިން ގްރީޒްމަން ހޯދަން އޭނާ އަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ފީފާ އަށް މައްސަލަ ހުށަހަޅައިފަ އެވެ.

ބާސެލޯނާ ޖޯޒީގައި ގްރީޒްމަން ފުރަތަމަ ކުޅުނު މެޗަކީ ދާދި ފަހުން ޕްރީ ސީޒަނުގައި ޗެލްސީން 2-1 އިން ބާސެލޯނާގެ މައްޗަށް ކުރިހޯދި މެޗުގަ އެވެ. އެ މެޗުގައި ގްރީޒްމަންގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ ބުނެފަ އެވެ.

ގްރީޒްމަން ވަނީ މިދިޔަ އަހަރު ވެސް ބާސެލޯނާ އަށް ބަދަލުވުމާ ގާތަށް ޖެހިލައިފަ އެވެ. އެކަމަކު ފަހު ވަގުތު ނިންމުން ބަދަލުކުރުމުން ބާސެލޯނާގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ ނުރުހުން އޭނާ އަށް އަމާޒުވި އެވެ. ގްރީޒްމަން ބުނީ މާޒީގައި ވެދިޔަ ކަންތައްތައް މަތިން ހަނދާން ނައްތާލަން ބޭނުންވާ ކަމަށާއި އަލުން ބާސެލޯނާގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުބާރު ހޯދައި އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.