Roadha Mihaaru
ރިސޯޓް ހަދާ ރަށަކާއި އެއާޕޯޓުގައި ކޮވިޑްގެ ކްލަސްޓާއެއް

ހަދަމުން އަންނަ ރިސޯޓަކާއި އެއާޕޯޓް ކާގޯ ޑިޕާޓްމަންޓްގައި ކޮވިޑްގެ ބޮޑު ކްލަސްޓާއެއް

15 ނޮވެމްބަރ 2020

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި ކޭސްތައް އިތުރުވީ ހަދަމުން އަންނަ ރިސޯޓަކުން ނެގި ރެންޑަމް ސާމްޕަލްތަކަކުން 24 މީހުން ޕޮޒިޓިވްވުމުން ކަމަށާއި އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ވެސް ކޮވިޑްގެ ބޮޑު ކްލަސްޓާއެއް ފެނިފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި ކޭސްތައް އިތުރުވީ ހަދަމުން އަންނަ ރިސޯޓަކުން ނެގި ރެންޑަމް ސާމްޕަލްތަކަކުން 24 މީހުން ޕޮޒިޓިވްވުމުން ކަމަށާއި އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ވެސް ކޮވިޑްގެ ބޮޑު ކްލަސްޓާއެއް ފެނިފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީ އިން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އޭނާ ވިދާޅުވީ، ހަދަމުންދާ ރިސޯޓުތަކުންނާއި ޓޫރިސްޓުންނަށް ހުޅުވާލާފައިވާ ރިސޯޓުތަކުގެ މުވައްޒަފުން މިހާރު ކޮވިޑަށް ޓެސްޓުކުރަމުން އަންނަ ކަމަށެވެ. މިއީ އެކްޓިވް ސަވައިލަންސްގެ ދަށުން އެ ސެންޓަރުން ކުރަމުން އަންނަ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަމުން މި އަންނަނީ ހަދާ ރިސޯޓުތަކުން އަދި ޓޫރިސްޓު ރިސޯޓުތަކުން އެކްޓިވް ސާމްޕަލްތައް ނަގަން،" ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ "ރަށްފަރުހުރާ" އިން އިއްޔެ 249 ސާމްޕަލް ނެގި ކަމަށާއި އޭގެ ތެރެއިން 24 ސާމްޕަލެއް ޕޮޒިޓިވް ކަމަށެވެ. ޕޮޒިޓިވްވި މީހުން އައިސޮލޭޓްކޮށް، ކޮންޓެކްޓް ޓްރޭސިން މަސައްކަތް އެ ރަށުގައި ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއް

އެ ރަށުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ހަތަރު ރަށަކުން އަންނަ މީހުން ކަމަށާއި އެތަނުގައި 2،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި އެއާޕޯޓު ކާގޯ ޑިޕާޓްމަންޓުން މިހާތަނަށް 22 ކޭހެއް ފެނިފައިވެ އެވެ. އެންމެ ފުރަތަމަ އެތަނުން ކޮވިޑަށް މީހަކު ޕޮޒިޓިވްވީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ފަސް މީހަކު ޕޮޒިޓިވްވި ކަމަށާއި އަދި ހުކުރު ދުވަހު އިތުރު ހަ މީހަކު ޕޮޒިޓިވްވި ކަމަށް ނަޒްލާ ވިދާޅުވި އެވެ. އިއްޔެ ހަތް މީހަކު އަދި މިއަދު ތިން މީހަކު ޕޮޒިޓިވް ވި އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި އެއީ އެންމެން އެއްކޮށް މަސައްކަތުގައި އުޅޭ ޑިޕާޓްމަންޓެކެވެ. އަދި އެ ކްލަސްޓާއާ ގުޅިގެން 136 ސާމްޕަލެއް ނަގާފައިވާ ކަމަށާއި 27 މީހަކު އައިސޮލޭޓްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ފްލޫ ކްލިނިކުން ނަގާ ސާމްޕަލްތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ވެސް އަނެއްކާ ގިނަވަމުން އަންނަ ކަމަށް ނަޒްލާ ވިދާޅުވި އެވެ. އެހެންވެ މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވާން ނަޒްލާ އިލްތިމާސްކުރެއްވި އެވެ.

އިއްޔެ އިރުއޮއްސި 6:00 އާ ހަމަ އަށް ރާއްޖޭން ވަނީ ކޮވިޑްގެ 12,204 ކޭސް ފެނިފަ އެވެ. މީގެ ތެރެއިން 11,289 މީހަކު ރަނގަޅުވެފައި ވާއިރު 43 މީހަކު ވަނީ މަރުވެފަ އެވެ.