Roadha Mihaaru
ކޮވިޑާ އެކު އެހެން ބަަލިތައް މަދުވެއްޖެ

ކޮވިޑާ އެކު އެހެން ބަލިތައް މަދުވެެެއްޖެ

15 ނޮވެމްބަރ 2020

ރޯގާގެ ގޮތުގައި އާއްމުކޮށް ފެތުރޭ ބަލިތައް މީގެ ކުރީގެ އަހަރުތަކާ އަޅާ ބަލާއިރު މިހާރު މަދުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން މިއަދު ބުނެފި އެވެ. އެ ބަލިތައް މަދުވެފައި މިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގިިނަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރޯގާގެ ގޮތުގައި އާއްމުކޮށް ފެތުރޭ ބަލިތައް މީގެ ކުރީގެ އަހަރުތަކާ އަޅާ ބަލާއިރު މިހާރު މަދުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން މިއަދު ބުނެފި އެވެ. އެ ބަލިތައް މަދުވެފައި މިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގިިނަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ.

އެޗްޕީއޭ އިން އާއްމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ވިއްސާރަ މޫސުމުގައި ރާއްޖޭގައި ކުރިން ހަލުވިކަމާއެކު، ފެތުރޭ ޑެންގީ ހުން ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާ ބަލާއިރު މިދިޔަ ދެ މަހު އެ ބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު މަދެވެ. ޑެންގީ ހުން ޖެހިގެން މިދިޔަ ސެޕްޓެމްބަރު މަހު މުޅި ރާއްޖެ އިން ޑޮކްޓަރަށް ދެއްކީ އެންމެ 12 މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ޑެންގީ ޖެހިގެން މިދިޔަ އޮކްޓޯބަރު މަހު ޑޮކްޓަރަށް ދެއްކީ އަށް މީހެކެވެ. ޑެންގީ ޖެހިގެން އޮކްޓޯބަރު މަހުގެ ފަހު ހަފުތާފައި ހަތަރު މީހަކު ޑޮކްޓަރަށް ދެއްކިއިރު، ސެޕްޓެމްބަރު މަހުގެ އެ މުއްދަތުގެ އަދަދަކީ ދޭއް އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި، އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވެސް ކުރީގެ އަހަރުތަކާ އަޅާ ބަލާއިރު، މި އަހަރު ވަނީ ދަށަށް ގޮސްފަ އެވެ. އެކަމަކު، މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅާ ބަލާއިރު، މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ވަނީ އިތުރުވެފަ އެވެ. ރޯގާ ޖެހިގެން މިދިޔަ އޮކްޓޯބަރު މަހު ރިޕޯޓުކުރި މީހުންގެ އަދަދަކީ 5،782 އެވެ. މިއީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު، 2،428 މީހުން ގެ އިތުރުވުމެކެވެ. ރޯގާ ޖެހިގެން ސެޕްޓެމްބަރު މަހު ރިޕޯޓުކުރީ 3،154 މީހެކެވެ.

ރޯގާ ޖެހިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހު ހަފުތާގައި ރިޕޯޓުކުރި މީހުންގެ އަދަދަށް ވުރެ މިދިޔަ އޮކްޓޯބަރު މަހުގެ އަދަދު އިތުރެވެ. ރޯގާ ޖެހިގެން ސެޕްޓެމްބަރު މަހުގެ ފަހު ހަފުތާގައި ރިޕޯޓުކުރީ 936 މީހެކެވެ. އެކަމަކު އޮކްޓޯބަރު މަހުގެ އެ މުއްދަތުގެ އަދަދަކީ 1،142 އެވެ.

ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު މީގެ ކުރީގެ އަހަރުތަަކާ އަޅާބަލާއިރު، މި އަހަރު މަދެވެ. އެކަމަކު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު، ބޭރަށް ހިންގުން ޖެހިގެން އޮކްޓޯބަރު މަހު ރިޕޯޓުކުރި މީހުންގެ އަދަދު އިތުރެވެ. ބޭރަށް ހިންގުން ޖެހިގެން އެ މަހު 1،003 މީހަކު ރިޕޯޓްކުރި އިރު އޭގެ ކުރީ މަހުގެ އަދަދަކީ 767 އެވެ.

އާއްމު ބަލިތައް ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު މި އަހަރުގެ ކުރީ ބައިގައި މަދުވި ނަމަވެސް މިހާރު އިތުރުވެފައި މި ވަނީ ބެލެވޭ ގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއިދޭން ފެށުމުންނެވެ. ކޮވިޑުން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ގިނަބަޔަކު އެއްވެ އުޅުން މަނާކުރުމާއި ކޮމިއުނިޓީ ސްޕްރެޑް އޮތް ތަންތަނުގައި މާސްކު އަޅައިގެން ނޫން ގޮތަކަށް އާއްމު ތަންތަނަށް ދިއުން މަނާކުރުން ހިމެނެ އެވެ.

މާލޭގައި ކޮވިޑް ފެތުރެން ފެށުމުން އެޅި ފިޔަވަޅުތަކަށް ފުރަތަމަ ލުއިދޭން ފެށީ ޖުލައިި މަހު އެވެ. އެއީ ޖޫން މަހު ކޮވިޑްގެ ކޭސްތައް މަދުވުމުންނެވެ. ނަމަވެސް އޮގަސްޓް މަހު އަނެއްކާވެސް ކޭސްތައް އިތުރުވާން ފެށުމުން ފިޔަވަޅުތައް ކޮންމެވެސް ވަރަކަށް ހަރުކަށި ކުރި އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނުގައި އާއްމު ބަލިތަކުން ރައްކާތެރިވުމަށް ކުރިންވެސް ދޭ އިއުޝާދުތައް ތަކުރާރު ކުރި އެވެ. އޭގެ ތެރޭގައި ޑެންގީން ރައްކާތެރިވުމަށްޓަކައި މަދިރި މަދުކުރަން މަސައްކަތް ކުރުމަށާއި ރޯގާ ޖެހިގެން ކެއްސާ ނަަމަ މީހުންގެ ތެރެއަށް ނުދިއުން ފަދަ ކަންތައްތައް ހިމެނެ އެވެ. ބޭރަށް ހިންގުމުން ރައްކާތެވިވުމަށް ދިން އިރުޝާދުތަކުގެ ތެރޭގައި ކާބޯތަކެތީގެ ސާފުތާހިރުކަން ކަށަވަރު ކުރުމާއި ބޯފެނުގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުން ހިމެނެ އެވެ.