Roadha Mihaaru
ހޯރަފުށީ އެއާޕޯޓު އަންގާރަ ދުވަހު ހުޅުވަން ތައްޔާރުވަނީ

ހޯރަފުށީ އެއާޕޯޓު އަންގާރަ ދުވަހު ހުޅުވަން ތައްޔާރުވަނީ

11 ނޮވެމްބަރ 2020

ހއ. ހޯރަފުށީ އެއާޕޯޓަށް މި މަހު 16 ގައި ޓެސްޓު ފްލައިޓް ޖައްސައި 17 ގައި ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ހއ. ހޯރަފުށީ އެއާޕޯޓަށް މި މަހު 16 ގައި ޓެސްޓު ފްލައިޓް ޖައްސައި 17 ގައި ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތްކުރި އެމްޓީސީސީން އެ މަސައްކަތް ނިންމައި މި މަހު 6 ގައި ހަވާލުކުރާނެ ކަމަށް ކުރިން އޮތީ ބުނެފަ އެވެ.

ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ނިންމައި ތަނުގެ އިންސްޕެކްޝަން މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން މި މަހު 16 ގައި ޓެސްޓު ފްލައިޓު ޖައްސައި މި މަހު 17 ގައި އެއާޕޯޓު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ޓާގެޓަކީ ރައީސް ހުވާކުރެއްވި ދުވަސް، ދެން ސޯޅައިގަ ޓެސްޓު ފްލައިޓު ޖެއްސޭތޯ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށް ދަނީ،" އޭނާ ވިދާޅުވި އެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުވުމެ ރަސްމިއްޔާތައް ރަށުގައި ހަދާފައިިވާ ތަނެއް. -- ފޮޓޯ: ސޯޝަލް މީޑިއާ

ހޯރަފުށީ އެއާޕޯޓު ހުޅުވުމެ ރަސްމިއްޔާތައް ރަށުގައި ހަދާފައިިވާ ތަނެއް. -- ފޮޓޯ: ސޯޝަލް މީޑިއާ

ހޯރަފުށީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އެ ރަށުގައި ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއާޕޯޓް އަޅަން ފަޅުން ހިއްކި ސަަރަހައްދުގައި ގަސް އިންދައި، އެއާޕޯޓް ސަރަހައްދުގައި ނުނިމި ހުރި މަސައްކަތްކުރުމުގައި ރަށުގެ ރައްޔިތުން އަންނަނީ ބައިވެރިވަމުންނެވެ.

ހޯރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައި ވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯރަފުށީގައި އެއާޕޯޓް ހަދަން ނިންމީ އެ ރަށުގެ އުތުރުން އެއް ފަޅެއްގައި އޮންނަ މާފިނޮޅާ އެކު ބިން ހިއްކައިގެންނެވެ. ނަމަވެސް މި ސަރުކާރުން އެއާޕޯޓް ހެދީ ރަށުގެ ދެކުނުން ފަޅު ހިއްކައިގެން އެތަނުގަ އެވެ. ހޯރަފުށީ އެއާޕޯޓަކީ މި ސަރުކާރުން ހަދައި ހުޅުވައި ފުރަތަމަ އެއާޕޯޓެވެ.