Roadha Mihaaru
ހޯރަފުށީ އެއާޕޯޓު ހުޅުވުން މާދަމާ އަށް ފަސްކޮށްފި

ހޯރަފުށީ އެއާޕޯޓު ހުޅުވުން މާދަމާ އަށް ފަސްކޮށްފި

18 ނޮވެމްބަރ 2020

ހއ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުން، އުތުރަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ސަރުކާރުން މާދަމާ އަށް ފަސްކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ހއ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުން، އުތުރަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ސަރުކާރުން މާދަމާ އަށް ފަސްކޮށްފި އެވެ.

ހޯރަފުށީގައި ހެދި ހއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު ހުޅުވަން ފުރަތަމަ ތާވަލްކުރީ އިއްޔެ އަށެވެ. ނަމަވެސް މޫސުން ތަން ނުދޭތީ ދަނީ ރަސްމިއްޔާތު ފަސްކުރަމުންނެވެ.

ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު މިއަދު ވިދާޅުވީ އެއާޕޯޓު ހުޅުވުން ލަސްވަނީ މޫސުން ތަން ނުދޭތީ ކަމަށެވެ. ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ހަދާފައިވާ މި އެއާޕޯޯޓު ހުޅުވަން ބޮޑު ރަސްމިއްޔާތެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށާއި ވިއްސާރަ ވުމުން، އެ ރަސްމިއްޔާތު ބާއްވާނެ އިންޑޯ ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ވަގުތު ފައިނަލް ޑޭޓް އަކީ މާދަމާ. އެކަމަކު މޫސުން ގޯސް ވެއްޖިއްޔާ އަނެއްކާ ވެސް ލަސްވެދާނެ. މި ވަގުތަށް ރަނގަޅަށް އޮތީ،" ޒުހައިރު ވިދާޅުވި އެވެ.

މާޗު 25، 2019 ގައި އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަން ފެށި އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަ އެވެ. އެ މަނިކުފާނު ހޯރަފުއްޓަށް ވަޑައިގަންނަވަން ކުރިން ހަމަޖައްސަވާފައި އޮތީ އިއްޔެ އެވެ. އެކަމަކު، މޫސުން ގޯސްވުމުން ދަތުރުފުޅު ފަސްކުރެއްވީ އެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އެ ރަށުގެ ރައްޔިތުން ވަނީ ގިނަ ތައްޔާރީތަކެއް ވެފަ އެވެ. އެގޮތުން އެއާޕޯޓު އަޅަން ފަޅުން ހިއްކި ސަަރަހައްދުގައި ގަސް އިންދައި، އެއާޕޯޓު ސަރަހައްދުގައި ނުނިމި ހުރި މަސައްކަތްތައް ވެސް ރަށުގެ އާންމުން ނުކުމެ ކޮށްފައި ވެ އެވެ.

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވަން ވާއިރަށް އެ ސަރަހައްދު ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަނީ.

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވަން ވާއިރަށް އެ ސަރަހައްދު ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަނީ.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކޮށްފައި އެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.

ޓެކްސީވޭއަކާއި ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް ހަދާފައި ވެ އެވެ.

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ފަށަން ނިންމީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އޭރު އެއާޕޯޓު ހަދަން ނިންމީ އެ ރަށުގެ އުތުރުން އެއް ފަޅެއްގައި އޮންނަ މާފިނޮޅާ އެކު ބިން ހިއްކައިގެންނެވެ. ނަމަވެސް މި ސަރުކާރުން އެއާޕޯޓް ހެދީ ރަށުގެ ދެކުނުން ފަޅު ހިއްކައިގެން އެ ތަނުގަ އެވެ. ހޯރަފުށީ އެއާޕޯޓަކީ މި ސަރުކާރުން ހަދައި ހުޅުވައި ފުރަތަމަ އެއާޕޯޓެވެ.